ހަނގުރާމަ ހިނގަމުންދާ ކޮންމެ ދުވަހަކަށް ރާއްޖެއަށް 2 މިލިއަން ޑޮލަރުގެ އާމުދަނީ ގެއްލޭ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެމެރިކާ އާއި އިޒްރޭލުން އީރާނާއި ދެކޮޅަށް މިހާރު ހިންގަމުން އަންނަ އުދުވާނުގެ ސަބަބުން، މެދު އިރުމަތީގައި ފެށިފައިވާ ހަނގުރާމައިގެ ސަބަބުން، ފަތުރުވެރިކަމުގެ ސިނާޢަތުން ދިވެހި ދައުލަތަށް ލިބެމުން އަންނަ އާމުދަނީ މަހެއްގެ މައްޗަށް 80 މިލިޔަން ޑޮލަރާއި 100 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދެއް ގެއްލޭނެ ކަމުގައި ސަރުކާރުން ބުނެފިއެވެ.
މިކަން ހާމަކުރެއްވީ، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
މިއަދަދަށް ބަލާއިރު މިއީ ދުވާލެއްގެ މައްޗަށް 2 ނުވަތަ 3 މިލިއަން ޑޮލަރުގެ ގެއްލުމެކެވެ.
""ގާތްގަނޑަކަށް ރެވެނިއު ލޮސް ކަމަށް އަޅުގަނޑުމެންނަށް މި އަންދާޒާ ކުރެވެނީ 85 މިލިއަނާއި 100 މިލިއަން" ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން އިޤުތިޞާދަށް އަންނަ ލޮޅުންތަކާއި އެކު، ތެލާއި ކާބޯތަކެތީގެ އަގުތައް މައްޗަށް ދިޔަ ނުދިނުމަށްވެސް ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. މިގޮތުން ގެއްލުންތައް ފޫބެއްދުމަށް 100 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި ފެބުރުއަރީ މަހުގެ ފަހު ހަފްތާއަށް އައިރު ދުވާލެއްގެ މައްޗަށް ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އައީ ރެކޯޑު މިންވަރަކަށް އިތުރު ވަމުންނެވެ. އެހެން ނަމަވެސް އަބޫދާބީ އެއާޕޯޓާއި ދޯހާ އެއާޕޯޓު ފަދަ މެދު އިރުމަތީގެ މުހިއްމު އެއާޕޯޓުތައް ބަންދުކޮށް އެއާލައިންތަކުގެ ދަތުރުތައް ހުއްޓާލަން ޖެހުމާއި ގުޅިގެން ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރު ވަނީ، ދުވާލަކަށް 4000 ވުރެ ދަށަށް ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް