ބައެއް މިނިސްޓްރީތައް އުވާލައްވައި، މިނިސްޓްރީތަކުގެ މެންޑޭޓަށް ބަދަލުގެނެސްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިއަދު ހުވާކުރެއްވި ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ---
ބައެއް މިނިސްޓްރީތައް އުވާލައި، މިނިސްޓްރީތަކުގެ މެންޑޭޓަށް ބަދަލުގެނަވައިއެވެ.
ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ގެންނެވި ބަދަލާއިއެކު ކުރިން ޓޫރިޒަމް މިނިސްޓްރީ އާއި އެއްކޮށްލައްވާފައި އޮތް އެންވަޔަރަންމަންޓް މިނިސްޓްރީއެވެ. މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ނަމުގައި އަލުން ވަކި މިނިސްޓްރީއެއްގެ ގޮތުގައި އެމިނިސްޓްރީ ވަނީ އުފައްދަވާފައެވެ.
މިއަދު އުވާލެއްވި މިނިސްޓްރީތައް:
1- މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް
2- މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
3- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
4- މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް
5- މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން
މީގެ އިތުރުން އުވާލެއްވި މިނިސްޓްރީތަކުގެ މަސައްކަތްތައް ވަނީ އެހެން މިނިސްޓްރީތަކުގެ މެންޑޭޓުގެ ތެރެއަށް ލައްވައި އެއްކޮށްލައްވާފައެވެ.
މިގޮތުން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ބައި، ޓޫރިޒަމް މިނިސްޓްރީއާ އެއްކޮށްލައްވާފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓްރީ އެއްކޮށްލައްވާފައި ވަނީ އިކޮނޮމިކް މިނިސްޓްރީއާއެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އައި ލޭބަރ ބައި ވަނީ، ހޯމް މިނިސްޓްރީއާ އެއްކޮށްލައްވާފައެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން ޔޫތު މިނިސްޓްރީ އާއި އެއްކޮށްލައްވާފައި ވާއިރު، ކުރިން ޔޫތު މިނިސްޓްރީގެ ދަށުން ހިންގަމުން އާޓްސްގެ ބައި ވަނީ، އަލުން ހެރިޓޭޖް މިނިސްޓްރީ އާއި އެއްކޮށްލައްވާފައެވެ. އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ވަނީ ހެލްތު މިނިސްޓްރީ އާއި އެއްކޮށްލައްވާފައެވެ. އަދި އެޑިޔުކޭޝަން މިނިސްޓްރީ އާއި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީވެސް ވަނީ އެއްކޮށްލައްވާފައެވެ.
ފިޝަރީޒް މިނިސްޓްރީގެ މެންޑޭޓަށް ބަދަލެއް ގެންނަވާާފައި ނުވާއިރު އެގްރިކަލްޗަރ މިނިސްޓްރީގެ ދަށުން ހިންގަމުން އައިތަންތަން އެހެން ތަނެއްގެ ދަށަށް އަދި ބަދަލުކޮށްފައެއް ނުވެއެވެ. ޑިފެންސް މިނިސްޓްރީ އުވާނުލައްވާކަން ސަރުކާރުން ހާމަކުރެއްވި ނަމަވެސް، ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫނު އިސްތިއުފާ ދެއްވާފައި ވާއިރު، އެ މިނިސްޓްރީއަށް އެހެން ބޭފުޅަކު އަދި ޢައްޔަނުކުރައްވާފައެއް ނުވެއެވެ.
ކެބިނެޓުން 5 މިނިސްޓަރަކު މަދު ކުރިއިރު، ސަރުކާރުގެ ސިޔާސީ މަޤާމުތައް އިންތިހާއަށް ގިނަވެފައިވާތީ އެކަމުގެ ކަންބޮޑުވުން އާއްމުންވެސް އަންނަނީ ފާޅުކުރަމުންނެވެ. އުވާލެއްވި މިނިސްޓްރީތަކުގައި ތިއްބެވި، ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި އަދި ޕޮލިޓިކަލް ޑައިރެކްޓަރުންނާއި މެދު ސަރުކާރުން ޢަމަލުކުރައްވާނެ ގޮތެއް އަދި އެނގިފައެއް ނުއެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން މަޤާމުތަކުން ވަކިކުރައްވާނެ ކަމަށް ބެލެވޭއިރު، މެންޑޭޓް ބަދަލު ކުރެއްވި މިނިސްޓްރީތަަކަށް އެބޭފުޅުން ލައްވާނެ ކަމުގައި ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް