ދުނިޔެ

ސްރީލަންކާގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ހައްޔަރުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސްރީލަންކާގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ހައްޔަރުކޮށްފި

އީސްޓަރޑޭ ބޮމުގެ ހަމަލާ އަމާޒުވި ފައްޅިއެއް --- ފޮޓޯ: އަލްޖަޒީރާ

އީސްޓަރޑޭ ބޮމުގެ ހަމަލަޔާއި ގުޅުން އޮތްކަމުގެ ތުހުމަތުގައި ސްރީލަންކާ ސްޓޭޓް އިންޓެލިޖެންސް ސަރވިސްގެ ކުރީގެ ވެރިޔާ، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ސުރޭޝް ސައްލޭ މިއަދު ހައްޔަރުކޮށްފިއެވެ.

ސްރީލަންކާގެ ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ސުރޭޝް ސައްލޭ ހައްޔަރުކޮށްފައި ވަނީ، ސްރީލަންކާގެ ދާޚީލީ ހަނގުރާމަ ނިމުނު ފަހުން އެޤައުމުގައި ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމުގައިވާ، އީސްޓަރޑޭ ހަމަލާތަކާއި އޭނާ އާއި ގުޅުމެއް އޮތް ކަމުގައި ކުރެވިފައިވާ ތުހުމަތުތަކާއި ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ވެރިރަށް ކޮލަމްބޯއިންނެވެ.

2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު (އީސްޓަރ ސަންޑޭ)ގައި ސްރީލަންކާގައި ހުންނަ، ނަޞާރާއިންގެ ފައްޅިތަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި، 279 މީހުން މަރުވެ 500އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ. ދުރާލައި ރާވައިގެން އަދި އެއްވަގުތެއްގައި ހަތަނެއްގައި ބޮމުގެ ހަމަލާދީފައި ވަނީ، އެކަމުގައި ޝާމިލްވި މީހުން އަމިއްލައަށް މަރުވެގެންނެވެ. މިގޮތުން ތިންފައްޅިއަކާއި، ލަގްޒަރީ 3 ހޮޓަލެއްގައި އެދުވަހު ވަނީ ބޮންގޮއްވާލާފައެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ސުރޭޝް ސައްލޭ ސްރީލަންކާ ސްޓޭޓް އިންޓެލިޖެންސް ސަރވިސްގެ ވެރިޔާގެ މަޤާމަށް ޕްރޮމޯޓްކުރީވެސް 2019 އަހަރު، ގޯޓަބަޔާ ރާޖަޕަކްސާ ރައީސް ކަމަށް ވަޑައިގަތުމަށް ފަހުގައެވެ، އެހެންނަމަވެސް މިހާރުގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކައަށް ވެރިކަން ލިބިވަޑައިގަތުމުން 2024 ވަނަ އަހަރު ސައްލޭ ވަނީ، ސްރީލަންކާ ސްޓޭޓް އިންޓެލިޖެންސް ސަރވިސްގެ ވެރިޔާގެ މަޤާމުން ދުރުކުރައްވާފައެވެ.

ބީބީސީ 4 އިން 2023 ވަނަ އަހަރު އާއްމު ކުރި ތަޙްޤީޤީ ނޫސްވެރިކަމުގެ ރިޕޯޓެއްގައި، އީސްޓަރޑޭ ބޮމުގެ ހަމަލާ ދިން މީހުންނާއި، އެހަމަލާގެ ކުރިން ސައްލޭ ބައްދަލުކުރިކަން ހާމަކޮށްފައިވެއެވެ.

ފަހުން އާއްމުވި މައުލޫމާތު ތަކުން ހާމަވެފައިވާ ގޮތުގައި، އީސްޓަރޑޭ ބޮމުގެ ހަމަލާ ރާވައި ހިންގާފައި ވަނީ އަހަރުގެ ރިޔާސީ އިންތިޚާބަށް ރާޖަޕަކްސާގެ ފަރާތުން ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކަމަށެވެ. އަދި ބޮން ގޮއްވާލިތާ ދެ ދުވަސް ފަހުން ގޮތަބަޔަ ރާޖަޕަކްސާ ވަނީ އޭނާގެ ކެންޑިޑެސީ އިއުލާން ކުރައްވައި، އަނިޔާވެރިކަން ނައްތާލާނެ ކަމަށް ވައުދުވެވަޑައިގެން ކުރެއްވި ކެމްޕޭންތަކަށް ފަހު ނޮވެމްބަރު މަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. 18 ނޮވެެމްބަރު 2019ގައި ގޮތަބަޔަ ރާޖަ ޕަކްސާ ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، އީސްޓަރޑޭ ބޮމުގެ ހަމަލާއާއި ކޮވިޑާއިއެކު ސްރީލަންކާގެ އިޤުތިޞާދު ހަލާކުވެ އާއްމު ރައްޔިތުން ރިޔާސީ ގަނޑުވަަރަށް އަރައިގަނެ ގޮތަބަގެ ވެރިކަން ވެއްޓުނީ 14 ޖުލައި 2022ގައެވެ.

ސްރީލަންކާގައި މަހިންދަ ރާޖަޕަކްސައަށް ތާއީދު ބޮޑުވެގެން ދިޔައީ، ދިގުދެމިގެން ދިޔަ ސްރީލަންކާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެންނެވުމާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް