Post banner
ރާއްޖެ

ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަން ޙައްލުކޮށްދޭނެކަމުގައި ރައީސް ވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަން ޙައްލުކޮށްދޭނެކަމުގައި ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މިޔަޤީންކަން ދެއްވާފައި ވަނީ، ރޭ ޞަލާޙުއްދީން ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ރައްޔިތުން ހުށައެޅި ޝަކުވާތަކާއި ގުޅިގެން ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޯހިޔާވަހިކަމުގެ ދަތިކަމާއި ގުޅިގެން އުފެދިފައިވާ މައްސަލަތަކާއި އަދި ހިޔާގައި ދިރިއުޅޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށާއި، ކުށްކުރުން ހުއްޓުވުމަށް ކަމާއި ގުޅޭ ފަރާތްތަކާއި އެކު މަސައްކަތްކޮށް އެކަންކަމަށް ޙައްލެއް ގެނައުމަށް މަސައްކަތްތައް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

މީގެ އިތުރުން، ހިޔާ ފްލެޓްތަކުގެ މިލްކުވެރިންނަށް 2 ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ދެއްވުމަށް ވެވަޑައިގެންނެވި ވަޢުދުފުޅާއި އެއްގޮތަށް، އެކަމަށްޓަކަައި އެގްރީމަންޓަށް ގެންނަ ބަދަލާއެކު، 2 ލައްކަ ރުފިޔާ އުނިކުރެއްވުމަށްޓަކައި ކުރައްވަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އދި ކުލި ނުދެއްކި ޖޫރިމަނާވެފައިވާ ފަރާތްތަކަށް ލުއިގޮތްތަކެއް ހޯއްދަވައި ދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ފޭސް 2 ގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިގެން ބައެއް ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެއްވިއިރު، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ވަރުގަދަކުރުމަށް، އެޗް.ޑީ.ސީއިން މިހާރުވެސް މަސައްކަތްތަކެއް ފައްޓަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައި ވެއެވެ.

ރޭ ރައީސުލްޖުމްހޫރިއްޔާ ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުކުރެއްވުން، މެންދަމު 2:30 އާއި ހަމައަށް ދެމިގެން ދިޔައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް