ކުޅުދުއްފުށީ މަށިކުޅި ތެރޭގައި އޮތް ކަހަނބެއް ސަލާމަތްކޮށް މޫދަށް ދޫކޮށްލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކުޅުދުއްފުށީ މަށިކުޅިން ނަގައި މޫދަށް ދޫކޮށްލި ކަހަނބު -- ފޮޓޯ: ކުޅުދުއްފުށީ ސިޓީކައުންސިލް
ހދ. ކުޅުދުއްފުށީގައި އޮންނަ މަށިކުޅީގެ ތެރެއަށް ދޫކޮށްލާފައި އޮތް، ވެލާ ކަހަނބުގެ ބާވަތެއްކަމަށްވާ ކަހަނބު (Hawksbill Sea Turtle)އެއް ކުޅިން ނަގައި މިއަދު މޫދަށް ދޫކޮށްލައިފިއެވެ.
ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވީ، ސައްކަތުގައި ކުޅުދުއްފުށީ ސިޓީ ޕޮލިސްގެ ފަރާތުން ދެއްވި އަވަސް އިޖާބައަށް އަދި ދެއްވި އެއްބާރުލުމަށް އެ ފަރާތަށް އިހްލާސްތެރިކަމާއި އެކު ޝުކުރު އަދާކުރާ ކަމަށެވެ.
ކަހަނބަކީ ނެތިދިއުމުގެ ބިރު އޮތް، ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. އަދި އޭގެ ޤުދުރަތީ މާޙައުލަކީ މޫދާއި ކަނޑުތަކެވެ. ޗަސްބިންތަކާއި ކުޅިޔާއި ފާތަކުގައި ދިރިއުޅޭ އެއްޗަކީ ކަންޒު ކަހަނބެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، ކުޅިތަކާއި ޗަސްބިންތަކަކީ ނާޒުކު އަދި ހާއްސަ މާހައުލުތަކަކަށް ވާތީ، އެ ތަންތަން އޭގެ ގުދުރަތީ ގޮތަށް ބެހެއްޓުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި މިފަދަ މާހައުލުތަކުގައި ގުދުރަތީ ގޮތުން ނޫޅޭ، ދިރުންތައް އެތަން ތަނަށް ދޫކުރުމަކީ، މާހައުލުގެ ގުދުރަތީ ސިފަތައް ގެއްލި، އެ ދޫކުރެވޭ ދިރުންތަކަށާއި މުޅި މާހައުލަށް ވެސް ގެއްލުންވެދާނެ ކަމެއްކަންވެސް އެކައުންސިލުން ފާހަގަކޮށްފައި ވެއެވެ.
އެހެންކަމުން، ކަނޑުގެ ދިރުންތަކާއި ކޯރުމަސް، އެކުއެރިއަމް ގަސްފަދަ ދިރުންތައް ކުޅިތަކަށް ދޫނުކުރުމަށް އެންމެހާ ރައްޔިތުންގެ ފަރާތުން އެދޭ ކަމަށާއި، އަދި މަހަށް ކާންދިނުންފަދަ ކަންކަމަކީ ކުޅީގެ ގުދުރަތީ ނިޒާމަށް ބަދަލުއައިސް، ބަލިތަކާއި އަލްގަލް ބުލޫމް (ފެން ފެއްސަށްވުން) މަގުފަހިކޮށްދޭ ކަމެއްކަމުން މިކަމުންވެސް ދުރުހެލިވުމަށްވެސް ކުޅުދުއްފުށީގެ ރައްޔިތުންނަށް ސިޓީ ކައުންސިލުން ވަނީ ނަޞޭހަތްތެރިވެފައެވެ.
ރައީސް ޔާމީނުގެ ދައުރުގައި ކުޅުދުއްފުށީގެ މަށިކުޅީގެ ބޮޑުބައެއް ހިއްކާލައި، އެއާޕޯޓު އެޅުމާއި ގުޅިގެން ކުޅުދުއްފުށީ މަށިކުޅިއަށް ވަނީ ތިމާވެށީގެ ގޮތުން އިޢާދަނުކުރެވޭނެ ބޮޑެތި ގެއްލުންތަކެއްވެސް ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް