Post banner
ރާއްޖެ

މުސާރަ 60 ހާހަށްވުރެ ބޮޑު ނަމަ އާސަންދައަށް ޕްރިމިއަމްއެއް ދައްކަން ޖެހޭ ގޮތަށް ހަދަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މުސާރަ 60 ހާހަށްވުރެ ބޮޑު ނަމަ އާސަންދައަށް ޕްރިމިއަމްއެއް ދައްކަން ޖެހޭ ގޮތަށް ހަދަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް

އާސަންދައިން ޞިއްޙީ ފަރުވާ ހޯދޭ ގޮތަށް ބަދަލު ގެނައުމަަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ.

އެމަނިކުފާނު މިއަދު މިކަން އިޢުލާނު ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭނުންވާ ބައެއް ނޫސްވެރިންނާއި އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުސާރައަށް 60،000ރ އަށް ވުރެ މަތިން މުސާރަ ލިބޭ މީހުންނަށް މިއަންނަ އޮކްޓޫބަރު މަހުން ފެށިގެން އާސަންދައިގެ ފުލްކަވަރޭޖް ނުލިބޭނެ ކަމަށެވެ. އަދި އެފަރާތްތަކަށް އާސަންދަ ލިބޭނީ، ކޯޕޭ ނުވަތަ ޕްރީ ޕޭ ނިޒާމެއްގެ ތެރެއިން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެގޮތަށް ބަދަލު ކުރުމުން، އާސަންދައިގެ ބަޖެޓުން، އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތްކުރެވި އެފައިސާ ރައްޔިތުންގެ އެހެން ކަންކަމަށް ހޭދަ ކުރެވޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

އާސަންދައަށް މިބަދަލު ގެންނަަން ނިންމާފައި މިވަނީ، އާންމު ރައްޔިތުންނަށް ނުލިބޭ އެކަމަކު މަޖިލިސް މެންބަރުންނަަށް ލިބޭ އަގުބޮޑު ހެލްތް އިންޝުއަރެންސް ކަނޑާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށައަޅާފައި ވަނިކޮށެވެ.

ފާއިތުވި 10 އަހަރުގެ ތެރޭގައި، ރާއްޖެއާއި ސާކް ގައުމުތަައް އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ ފަދަ މެޑިކަލް އިންޝުއަރެންސް ލިބޭ ސްކީމްތަކަށް މަޖިލީހުގެ މެމްބަރުނަށް ޕްރިމިއަމްގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ދައްކާފައިވާ ފައިސާގެ އަދަދު އެއް ބިލިއަނަށް އަރައެވެ.

އެޕެޓިޝަންގައި ގޮވާލާފައި ވަނީ، ދައުލަތަކުން ދޭ އަސާސީ ސިއްހީ އިންޝުއަރެންްސް އަކީ ހުރިހާ ރައްޔިތުންނަށް އެއް ހަމައެއްގައި އެއްވަރަކަށް އަދި އެއް އުސޫލަކުން ދޭންޖެހޭ އެއްޗެއް ކަމަށެވެ.

މަޖިލިސް މެމްބަރުންނަށްދޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލާފައިވާ ޕެޓިޝަނުގައި މިހާތަނަށް، 6850 މީހުން ސޮއިކޮށްފައިވެއެވެ.

އާސަންދައަށް މިގެންނަ ބަދަލުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްވެސް އާސަންދައިގެ ފުލް ކަވަރޭޖު ނުލިބޭނެކަން އަދި ކަށަވަރެއް ނުވެއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަސާސީ މުސާރައަކީ، 42,500 ރުފިޔާއެވެ. މަޖިލިސް މެމްބަރުންނަށް ލިބޭ މުސާރަ 82،500ރ އަށް އަރަނީ، ލިވިންގ އެލަވަންސްގެ ގޮތުގައި ދޭ 20،000ރ އާއި، ކޮމިޓީ އެލަވަންސްގެ ގޮތުގައި ދޭ 20،000ރ ހިމަނައިގެންނެވެ. ކޮމިޓީ އެލަވަންސްއަކީ، މެމްބަރުން ކޮމިޓީތަކަށް ހާޟިރުނުވާނަމަ އުނިވާ އެލަވަންސްއެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް