Post banner
ރާއްޖެ •

ޚިދުމަތުގެ އެންމެ މަތީ ޝަރަފް، ޝައިޚް މުޙައްމަދު ރަޝީދަށާއި، ޢައްބާސް އިބްރާހީމަށް އަރުވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޚިދުމަތުގެ އެންމެ މަތީ ޝަރަފް، ޝައިޚް މުޙައްމަދު ރަޝީދަށާއި، ޢައްބާސް އިބްރާހީމަށް އަރުވައިފި

ޚިދުމަތުގެ އެންމެ މަތީ ޝަރަފް، އައްބާސް އިބްރާހީމަށް އެރުވުން -- ފޮޓޯ: ރައީސް އޮފީސް

ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، މ. ސިލްވަރކްލައުޑް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމަށް، އަދި އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ރޮނގުން ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމަށް މިރޭ އަރުވައިފިއެވެ.

ޚިދުމަތުގެ އެންމެ މަތީ ޝަރަފް މިދެބޭފުޅުންނަށް އަރުވާފައި ވަނީ، މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އެބޭފުޅުންނަށް މިޝަރަފް އެރުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ޢައްބާސް އިބްރާހީމާއި، ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމަކީ، ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީ ކޮޅުންފެށިގެން ، އެމަނިކުފާނުގެ ވެރިކަން ނިމުމާއި ހަމައަށް ދައުލަތުގެ އިސް މަޤާމުތައް ފުރުއްވި ދެބޭފުޅުންނެވެ.

ދީނީ ރޮނގުން ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު މިރޭ އެރުއްވި، ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމް، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 8 ފެބުރުވަރީ 1981 ގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒަރެއްގެ މަގާމުންނެވެ.

ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ، 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ. އެންމެ ފަހުން އަދާކުރެއްވީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމުގެ މަގާމެވެ. އެ މަނިކުފާނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފައިވަނީ، 10 ނޮވެންބަރު 2008 ގައެވެ.

ޢައްބާސް އިބްރާހީމަކީ، ނޫސްވެރިކަމާއި، އަދަބިއްޔާތާއި ލިޔުންތެރިކަމުގެ ރޮނގުން ދިގު މުއްދަތެއްގައި ޚިދުމަތްތައް ކުރެއްވި ބޭފުޅެކެވެ.

ނޫސްވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 1985ވަނަ އަހަރު، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، ނޫސްވެރިކަމުގެ ރޮނގުން 2004ވަނަ އަހަރު ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޢައްބާސް އިބްރާހީމަށް ވަނީ ލިބިވަޑައިގެންފައެވެ. މިނިވަން 25ގެ އިނާމުވެސް 1990ވަނަ އަހަރު ޢައްބާހަށް ލިބިވަޑައިގެންފައި ވެއެވެ.

ނޫސްވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ނޫސްވެރިކަމުގެ ރަން ގަލަމާއި، ނޫސްވެރިކަމަށް 75 އަހަރު ފުރުމާ ގުޅިގެން ދެއްވި "އަލިމަސް ގަލަން" ވެސް ޢައްބާހަށް ލިބިވަޑައިގެންފައި ވެއެވެ. މީގެ އިތުރުން، މީޑިއާ ކައުންސިލުން ދެއްވި "ޙަޔާތުގެ އަރުތަ" އިނާމުވެސް ޢައްބާހަށް ލިބިވަޑައިގެންފައިވެއެވެ.
ޢައްބާސް އިބްރާހީމް މިހާރު ހުންނެވީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ މުޝީރުގެ މަގާމުގައެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި އެ މަނިކުފާނު ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 67 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. އެ މަނިކުފާނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފައިވަނީ، 26 ޖުލައި 2013 ގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް