އިންނަމާދޫގައި ފައިބަރު ކުނި އަންދާތީ ރައްޔިތުން ތިބީ ޞިއްޙީ ނުރައްކަލަށް ހުށައެޅިފައި
ލިޔުންތެރިޔާ
އިންނަމާދޫގައި ފައިބަރު ކުނި ޖަމާކުރާ ސަރަހައްދު -- ފޮޓޯ: ރައްޔިތުންގެ ނޫސް
އިންނަމާދޫ އަކީ ފުޅާ ދާއިރާއެއްގައި ފައިބަރގްލާސް ބޯޓް ބިލްޑިންގް މަސައްކަތް ކުރަމުން އަންނަ ރަށެކެވެ. އަބަދުވެސް ސިނާޢީ ސަރަޙައްދުގައި 15 ވަރަކަށް ބޮޑެތި އުޅަނދު އަދި ގިނަ އަދަދެއްގެ ލޯންޗާއި ޑިންގީގައި މަސައްކަތް ކުރިޔަށްދާ މިރަށުގައި ފައިބަރު މަސައްކަތް ކުރާ ސަރަހައްދުން ދުވާލެއްގެ މައްޗަށް ގިނަ އަދަދެއްގެ ފައިބަރު ކުނި،ކުނި ޖަމާކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ ސަރަޙައްދަށް ޖަމާކުރެއެވެ.
ރަށު ފެންވަރުގައި ފައިބަރު ކުނި ނައްތާލެވޭނެ ގޮތެއް ނެތި، ކުނި ޖަމާކުރާ ސަރަޙައްދުގައި ފައިބަރު ކުނި އެންދުމުގެ ސަބަބުން ރައްޔިތުންނަށް ޞިއްޙީ ނުރައްކާތަކާއި، ތަކުލީފުތަކާއި ވަނީ ކުރިމަތިވެފައެވެ.
ފައިބަރު ކުނި އެންދުމަށް ފަހު ހުލިނުވެ ހުންނަބައި ގޮނޑުދޮށަށް ފުރޮޅާލުމުގެ ސަބަބުން ރީތި ގޮނޑުދޮށާއި ރަށުގެ ހޭޅިފަށް މިދަނީ ހަލާކުވަމުންނެވެ. ފައިބަރު މެޓް ފަދަ ތަކެއްޗަކީ އަންދާލިޔަސް އަޅިއަށް ވެގެންދާ އެއްޗެއް ކަމުގައި ނުވާތީ، އެތަކެތި ލައްވެ މުޅި ގޮނޑުދޮށް ވަނީ ޚަރާބުވެފަވައެވެ.
ކުރިން ރީތިކޮށް އޮތް ގޮނޑުދޮށާއި މޫދު ހަލާކުވެ މޫދަށް އެރެންވެސް ކަމުނުދާ ހިސާބަށް މިހާރު ވަނީ ކަންތައްތައް ގޯސްވެފައެވެ.




މީގެ އިތުރުން ފައިބަރު ކުނި ރަށުގައި އެންދުމުގެ ސަބަބުން ކުނިޖަމާކުރާ ސަރަޙައްދާއި ކައިރީގައި ހުރި ކަރަންޓްގެ ޚިދުމަތްދޭ ސްޓެލްކޯ އިންޖީނުގެ އަދި ފެންޕްލާންޓްގައި ޑިއުޓީ ކުރާ މުވައްޒަފުންނަށް އެތަނުގައި ނުތިބެވޭ ހިސާބަށް ގޮސް މުވައްޒަފުން ތިބީ ސިއްޙީ ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ.
މީގެ އިތުރުން ކަރަންޓް ދިނުމަށް ބޭނުންކުރާ ޖެންސެޓްތަކުގެ ރޭޑިއޭޓަރތަކާއި އެއަރ ފިލްޓަރތަކަށް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. މީގެ އިތުރުން ސްޓެލްކޯގެ ސޯލާ ޕެނަލްތަކަށް ވެސް ދުމާއި ދުނބުޅީގެ ސަބަބުން ގެއްލުންތައް ލިބެމުންދާކަމަށް ސްޓެލްކޯ އިންނަމާދޫގެ ޓެކްނިކަލް ޑިޕާރޓްމަންޓުން މަޢުލޫމާތުދެއެވެ.
ސަރުކާރުގެ ކުނި މެނޭޖްކުރާ ކުންފުނި ވެމްކޯއިން މީގެ ކުރިން އިންނަމާދޫއިން ކުނި ބޭރުކުރި ނަމަވެސް މިހާރު އިންނަމާދޫއިން ކުނި ބޭރުނުކުރާ ކަމަށް ރައްޔިތުންގެ ނޫހަށް މަޢުލޫމާތު ދިން އިންނަމާދޫ ރައްޔިތަކު ހާމަކުރިއެވެ.
ފައިބަރު ކުނި އިންނަމާދޫއިން ބޭރުނުކުރެވެނީ ކީއްވެތޯ ސާފުކޮށްލުމަށް އިންނަމާދޫ ކައުންސިލާއި ގުޅާލުމުން ކައުންސިލްގެ ނައިބު ރައީސް މަޢުލޫމާތު ދެއްވި ގޮތުގައި ވެމްކޯ އާއި ކައުންސިލާއި ދެމެދު ވެފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވެފައި އޮތުމުން، މިހާރު އޮތީ އައު އެއްބަސްވުމެއް އެކުލަވާލުމުގެ މަރުހަލާގައެވެ. މިކަން ސާފުކުރުމަށް ކުރެވުނު މަސައްކަތުން ވެމްކޯގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.
ރައްކާތެރިކަމުގެ އެއްވެސް މިންގަނޑެއް ނެތި ފައިބަރު ކުނި އެންދުމަކީ، ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އަދި ތިމާވެއްޓަށް އޭގެ ގެއްލުން އިންތިހާއަށް އޮތް، ދިވެހި ރާއްޖޭގެ ޤާނޫނު ތަކުންވެސް މަނާކުރެވިފައި އޮންނަ ކަމެކެވެ. މިފަދަ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިނުދީ އެއްވެސް އަޅާލުމެއް ނެތި، ރައްޔިތުން ނުރައްކަލެއްގެ ތެރެއަށް ގަސްދުގައި ހުށައަޅައިގެން ތިބުމަކީ ވަރަށް ބޮޑު އިހުމާލެކެވެ.
ރިޕޯޓް ލިޔުނީ: ޙަސަން ސާތިޢު - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް