Post banner

ރަސްމާލެ އަލްއައްބާރަށް ދިނުމަކީ ނިމުމެއް ނެތް މައްސަލަގަނޑެއްގެ ތެރެއަށް ޤައުމު ވައްޓާލުން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރަސްމާލެ އަލްއައްބާރަށް ދިނުމަކީ ނިމުމެއް ނެތް މައްސަލަގަނޑެއްގެ ތެރެއަށް ޤައުމު ވައްޓާލުން

ރަސްމާލެ މަޝްރޫޢު އިފްތިތާޙް ކުރުން -- ފޮޓޯ: ރައީސް އޮފީސް

މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ މަޤްޞަދުގައި ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރާ "ރަސްމާލެ" އަކީ، ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ވަށައިޖެހޭ ހައްލެއް ހޯދައި ދިނުމުގެ ނަމުގައި މިސަރުކާރުން ހިއްކަންފެށި ބިމެކެވެ. އަދި އެބިމުގެ އެންމެ ވެލިފުކެއްވެސް، ބޭރުގެ ބަޔަކަށް ކުއްޔަށް ނުދެއްވާނެ ކަމަށާއި އަދި ނުވެސް ވިއްކަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރުކޮށް ވިދާޅުވެފައި ވެއެވެ. ނަމަވެސް، މި ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބޮޑު ސަރަޙައްދެއް، ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލްއައްބާރަށް 99 އަހަރުގެ ދިގު މުއްދަތަކަށް ދޫކުރުމަށް ނިންމާފައިވާ ނިންމުމާއެކު، ޤައުމީ ފެންވަރުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.

20 ބިލިއަން ޑޮލަރުގެ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫޢުގެ ނަމުގައި ކުރިއަށްގެންދާ މި އެއްބަސްވުމަކީ އިޤްތިޞާދީ ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ސިފަކުރި ނަމަވެސް، ޤާނޫނީ، އިޤްތިޞާދީ، އިޖުތިމާޢީ އަދި ޤައުމީ ސަލާމަތުގެ ނަޒަރުން ބަލާއިރު، މިއީ ދިވެހި ރައްޔިތުންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ތަޖުރިބާކާރުންނާއި، ސިޔާސީ ޕާޓީތަކާއި، ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ.

ބިމުގެ މިލްކުވެރިކަމާއި އަންނަން އޮތް ޖީލުތަކުގެ ޙައްޤު ގެއްލުން
ދިވެހިރާއްޖެއަކީ ޤުދުރަތީ ގޮތުން ބިމުގެ ނިސްބަތް ނިހާޔަތަށް ކުޑަ، ބިން މަދު ޤައުމެކެވެ. ވެރިރަށް މާލޭގެ ޖާގަ ފުރި، އެތައް ހާސް ޢާއިލާއެއް ބޯހިޔާވަހިކަމަށް ސަލާންޖަހަމުންދާ ދަނޑިވަޅެއްގައި، މާލެއާ އެންމެ ކައިރިން ހިއްކާ ބިމުގެ އެންމެ ބޮޑު ރަށުގެ 500 ހެކްޓަރު ބޭރުގެ ފަރާތަކަށް ދިނުމަކީ، ދިވެހި ރައްޔިތުންގެ އަސާސީ ޙައްޤަކަށް ސަރުކާރުން އަރައިގަތުމެވެ. އަދި ވަޢުދާއި ޚިލާފުވުމާއި، ސިޔާސަތުތަކުގެ ދެކޮޅު ނުޖެހުން ރަމްޒުކޮށްދޭ ފުރިހަމަ ހެއްކެއްވެސް މެއެވެ.

ތާއަބަދަށް ދިވެހިރާއްޖޭގެ ބިމެއް ދިވެހިންނަށް ގެއްލިގެން ދިޔުން.

ރަސްމާލޭގެ ބިން އަލްއައްބާރަށް "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ހިންގުމަށް ބިމުކުއްޔެއް ނެތި ދެނީ 99 އަހަރަށެވެ. 99 އަހަރަކީ ގާތްގަނޑަކަށް ތިން ޖީލުގެ މުއްދަތެވެ. މި ދިގު މުއްދަތުގައި އެ ބިމުގެ މައްޗަށް ދިވެހިންގެ އެއްވެސް ބާރެއް ނޯންނާނެއެވެ. މީގެ އިތުރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި ފާސްކުރަން އުޅޭ ބިލުގައި ވާގޮތުން މަޝްރޫޢު ހިންގާ އަލްއައްބާރުގެ އީގަލް ހިލްސްއަށް ދީފައިވާ 99 އަހަރުގެ މުއްދަތު ހަމަވުމަށް ފަހުގައިވެސް، އެތަނުން ޕްރޮޕަޓީތައް ގަނެފައިވާ ފަރާތްތަކަށް، އެތަންތަނުގައި ދެމި ތިބެވޭނެއެވެ. އަދި ގަނެ ވިއްކާ ކޮންމެ ފަހަރަކު، 99 އަހަރުގެ އައު މުއްދަތެއް ފެށޭނެއެވެ.

ދާއިމީ މިލްކުވެރިކަމަށް މަގުފަހިވުން:

މި މަޝްރޫޢުގެ ދަށުން ބިނާކުރާ 8,800 އަށްވުރެ ގިނަ ލަގްޒަރީ ރެޒިޑެންސްތަކާއި ޕްރޮޕަޓީތައް ބޭރުގެ ފަރާތްތަކަށް ވިއްކާއިރު، ކޮންމެ ވިޔަފާރި މުޢާމަލާތަކާއެކު ލީޒްގެ މުއްދަތު އައުވަމުންދާ (އެވަރގްރީން ކްލޯޒް) ގޮތަށް އެއްބަސްވުން އޮވެދާނެ ކަމުގެ ބިރު އޮތް ކަމަށް ޤާނޫނީ ވަކީލުން ކުރިން ފާހަގަކުރައްވާފައި ވާއިރު، މަޖިލީހަށް ހުށައަޅާފައިވާ ޤާނޫނުވެސް އޮތީ އެގޮތަށް ފަހިކޮށްފައެވެ. އެހެން ކަމުން އެފަދަ ގޮތަކަށް އެއްބަސްވުން އޮތްނަމަ، އެ ބިން ދުވަހަކުވެސް ދިވެހި ދައުލަތަށް އަނބުރާ ނުލިބި، ދާއިމީކޮށް ބޭރުގެ ބައެއްގެ މިލްކަކަށް ވެގެންދާނެއެވެ.

ޤައުމީ ސަލާމަތާއި ސިޔާދަތަށް އޮތް ބޮޑު ގޮންޖެހުން
ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތު ބިނާވެފައި އޮންނަނީ އެ ޤައުމެއްގެ ސަރަޙައްދުގެ މައްޗަށް އެ ޤައުމުގެ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ މިންވަރެއްގެ މައްޗަށެވެ. ވެރިރަށް މާލެއާ އެންމެ ކައިރިން، މުޅި މާލޭގެ ބޮޑުމިނަށްވުރެ އެތައް ގުނައެއް ބޮޑު ސަރަޙައްދެއް ބޭރުގެ ބިޔަ ކުންފުންޏެއްގެ ކޮންޓްރޯލްގެ ދަށަށް ދިއުމަކީ ޖިއޯޕޮލިޓިކަލް ގޮތުންނާއި ޤައުމީ ސަލާމަތުގެ ގޮތުން ނުރައްކާތެރި ކަމެކެވެ. މީގެ އިތުރުން، ރާއްޖޭގައި ހަރުކަށި ފިކުރުގެ ސެލްތައް އުޅޭއިރު، އެފަދަ ތަންތަނަށް އަމާޒުކޮށް ދީފާނެ ޓެރަރިސްޓް ހަމަލާއެއް ވެގެންދާނީ، އެތަންތަނުން ޕްރޮޕަޓީތައް ގަނެފައިވާ ރައްޔިތުން ނިސްބަތްވާ ޤައުމުތަކުން އެ ޤައުމުގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ރާއްޖޭގެ ބޯޑަރުގެ ތެރެއަށް ވަނުމަށް ފުރުޞަތު ލިބިގެންދާނެ ކަމަކަށެވެ. މިފަދަ ކަންކަމުގެ ސަބަބުން، ދިވެހި ދައުލަތުގެ ތެރޭގައި އެހެން ދައުލަތެއްގެ ސިފަޖެހި ސިޔާދަތާއި އިސްތިޤުލާލު ގެއްލިގެން ހިނގައިދާނެ ކަމަށްވެސް ސިޔާސީ ބޭފުޅުން ގެންދަނީ ވިދާޅުވަމުންނެވެ. މިގޮތުން މުސްތަޤުބަލުގައި އެ ސަރަޙައްދުގައި ދިރިއުޅޭ ބޭރުގެ މުއްސަނދިންގެ މަޞްލަޙަތު ޙިމާޔަތްކުރުމުގެ ނަމުގައި، ދިވެހި ދައުލަތުގެ ޢާންމު ޤާނޫނުތަކާއި އުޞޫލުތައް އެ ސަރަޙައްދުގައި ނުހިނގާ ގޮތަށް ޚާއްޞަ އިދާރީ އޮނިގަނޑުތަކެއް ޤާއިމުކުރަން ޖެހިދާނެ ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންޒާރު ދެއެވެ. މިއީ ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު އެބިމަށް ކެނޑިގެން ހިނގައިދާނެ ކަމެކެވެ.

ދާޚިލީ ނުފޫޒު ގަދަވުން:

ބޭރުގެ މަހުޖަނުންނަށް ރާއްޖޭގައި ދިރިއުޅުމުގެ ހުއްދައާއި، ޚާއްޞަ އިމްތިޔާޒުތަކެއް ދިނުމަކީ ރާއްޖޭގެ ސިޔާސީ އަދި އިޤްތިޞާދީ ނިންމުންތަކަށް ބޭރުގެ ނުފޫޒު ފޯރުވުމަށް ހުޅުވޭ ދޮރެކެވެ. މިގޮތުން މިހާރުވެސް އަލް އައްބާރު ބޭނުންވާ ނުކުތާތައް ހިމަނައިގެން، އީގަލް ހިލްސްއަށް ފަހިވާގޮތަށް ރައްޔިތުންގެ މަޖިލީހުން ރިއަލްއެސްޓޭޓްގެ ޤާނޫނު ފާސްކުރުމަށް މަސައްކަތް ކުރަމުން އަންނަކަމީ، މީގެ ސާފު ދަލީލެކެވެ. ކުރިޔަށް އޮތްތަނުގައި، ސިޔާސީ އަދި އިޤުތިޞާދީ ކަންކަން އެނބުރިގެންދާނީ، މަދު މަހުޖަނުންތަކެއް، މުޅިދައުލަތުގެ ނިޒާމްތައް ހައިޖެކްކޮށްގެން ނިންމުންތައް ނިންމާނެ ގޮތަކަށް ކަމުގައި ވުމަކީވެސް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.

އިސްލާމީ ޝަޚްޞިއްޔަތާއި ދީނީ އެއްބައިވަންތަކަމަށް ކުރާނެ އަސަރު
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެންމެ މުހިންމު އެއް ސިފައަކީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިއޮތުމެވެ. ނަމަވެސް، ރަސްމާލޭގެ މި މަޝްރޫޢުގެ ސަބަބުން މި އަސާސަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް ދީނީ ޢިލްމުވެރިންނާއި މަދަނީ ޖަމްޢިއްޔާތަކުން އަންނަނީ ބުނަމުންނެވެ.

  • ޣައިރު މުސްލިމުން ވަޒަންވެރިވުން: ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަހުޖަނުންނަށް ރަސްމާލެއިން ގެދޮރު ވިއްކާއިރު، އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ޣައިރު މުސްލިމުން ހިމެނޭނެއެވެ. އެ ފަރާތްތަކަށް ރާއްޖޭގައި ދާއިމީކޮށް ނުވަތަ ދިގު މުއްދަތަކަށް ވަޒަންވެރިވުމުގެ ފުރުޞަތު ލިބުމުން، އެ މީހުންގެ ދީނީ ޝިޢާރުތަކާއި އަޅުކަންތައް ކުރާނެ ތަންތަން ޤާއިމުކުރުމަށް ޕްރެޝަރު އަންނާނެއެވެ. މީގެ މިސާލުތައް މިހާރުވެސް މެދު އިރުމަތީގެ ޤައުމުތަކުން އެހެރީ ފެންނާށެވެ. މުސްލިމް ޤައުމުތައް ކަމުގައިވާ ޔޫއޭއީ އާއި ޤަޠަރު އަދި އޮމާންގައި، ހިންދޫދީނުގެ ފައްޅިތައް އަޅަންޖެހުނީ، އެތަންތަނުގައި އިންޑިއާގެ ހިންދޫދީނަށް ނިސްބަތްވާ އެތައް މިލިޔަން ބަޔަކު ވަޒަންވެރިވުމުންނެވެ.

  • ޒަޔަނިސްޓުންނަށް ފުރުޞަތު ލިބުމުގެ ބިރު:
    އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލްއައްބާރަކީ އިސްރާއީލުގެ ވިޔަފާރިތަކާއެކު ގާތް ގުޅުންތަކެއް ބާއްވާ ފަރާތެކެވެ. މި މަޝްރޫޢުގެ ތެރެއިން އިސްރާއީލުގެ ރައްޔިތުންނަށާއި ޒަޔަނިސްޓް އިންވެސްޓަރުންނަށް ރާއްޖެއިން ބިން ގަނެ، ވަޒަންވެރިވުމުގެ ދޮރު ހުޅުވިގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ދިވެހިންގެ މެދުގައި އެބައޮތެވެ. އިސްރާއީލުގެ ރައްޔިތުންނަށް ރާއްޖެއިން ޕްރޮޕަޓީތައް ނުގަނެވޭނެ ކަމަށާއި، ރާއްޖެއަށް އެތެރެވެސް ނުވެވޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އިސްރާއީލުގެ ކޮންމެ 8 މީހުންގެ ތެރެއިން އެކަކީ، ދުނިޔޭގެ އެހެން ޤައުމެއްގެ ރަށްވެރިކަންވެސް އޮންނަ މީހެކެވެ. އެހެން ޤައުމުތަކުގެ ޕާސްޕޯޓުގައި، މިހާރުވެސް އިސްރާއީލުގެ ރައްޔިތުން ރާއްޖެއަށް އައިސް ގޮސްވާއިރު، ޕްރޮޕަޓީއެއް ގަންނަން އަންނަ މީހަކީ، އިސްރާއީލުގެ ރައްޔިތެއް ނޫންކަން ކަށަވަރު ކުރާނެ ގޮތެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

އިޤްތިޞާދީ ފައިދާއަށްވުރެ ގެއްލުން ބޮޑުވުމާއި ދެފުށް ފެންނަ މިންވަރު ކުޑަވުން
ސަރުކާރުން މި މަޝްރޫޢު ޕްރޮމޯޓްކުރަނީ 20 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއްގެ ގޮތުގައެވެ. އެހެން ނަމަވެސް އީގަލް ހިލްސްއިން ބުނެފައި ވަނީ މިއީ 12 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް ކަމަށެވެ. އަދި އިޤްތިޞާދީ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މިފަދަ "އެންކްލޭވް" ނުވަތަ ވަކިން އޮންނަ ބޮޑެތި ރިއަލް އެސްޓޭޓް މަޝްރޫޢުތަކުން ޤައުމުގެ ޢާންމު އިޤްތިޞާދަށް ކުރާ ފައިދާއަށް ވުރެ ލިބޭ ގެއްލުންތައް އެތައް ގުނައެއް ބޮޑުވެގެން ދެއެވެ.

  • އެއްބަސްވުން ސިއްރުކުރުން:
    500 ހެކްޓަރުގެ ބޮޑު ބިމެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލާއިރު، އެ އެއްބަސްވުމުގެ ތަފްޞީލުތަކާއި، ދައުލަތަށް ލިބޭނެ ސީދާ އާމްދަނީ އާއި، ދީފައިވާ ޓެކްސް ލުއިތަކުގެ މަޢުލޫމާތު ސަރުކާރުން ވަނީ ރައްޔިތުންނަށް ސިއްރުކޮށްފައެވެ. ވާދަވެރި ބީލަމަކާ ނުލައި މިފަދަ ބިމެއް ދިނުމަކީ ދައުލަތަށް ލިބެންޖެހޭ ޙައްޤު އަގު ގެއްލި، ކޮރަޕްޝަނަށް މަގުފަހިވާނެ ކަމަކަށް ވާއިރު، މިމަޝްރޫޢާ ގުޅިގެން ސަރުކާރުގެ އިސް މަޤާމެއްގައި ހުރި "ބުރަދަ ޢަބްދުﷲ" އަށް ވަރަށް ގިނަ ފައިސާ ދީފައިވާ ކަމުގައި، އަލްއައްބާރު ވިދާޅުވެފައިވާކަމަށް މީޑިއާތަކުގައި ރިޕޯޓްވެސް ކޮށްފައި ވެއެވެ. މީގެ އިތުރުން މިފަދަ އެއްބަސްވުމެއް ސިއްރު ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންނެވި ވަޢުދުތަކާއިވެސް ކަނޑައެޅިގެން ޚިލާފު ކަމެކެވެ.

  • ފައިދާ ބޭރަށް ދިއުން: ލަގްޒަރީ ވިލާތައް ވިއްކައިގެން ލިބޭ ބިލިއަން ޑޮލަރުގެ ފައިދާގެ ބޮޑު ބައި ދާނީ ބޭރުގެ އިންވެސްޓަރުގެ ޖީބަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ދިވެހި ވިޔަފާރިތަކަށް ބޭރުގެ ބިޔަ ކުންފުނިތަކާ ވާދަނުކުރެވި، ދިވެހި ވިޔަފާރިވެރިން ބާކީވެ، ރިއަލްއެސްޓޭޓްގެ ދިވެހި ކުންފުނިތަކަށާއި، މާލެ ސަރަހައްދުގެ ލޯކަލް ޓޫރިޒަމް ހިންގާ ފަރާތްތަކަށް ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ބޮޑުވެގެން ދެއެވެ.

އިޖުތިމާޢީ ތަފާތުކުރުންތަކާއި ތިމާވެށްޓަށް ކުރާ އަސަރު

  • އިޖުތިމާޢީ ފަރަޤު ބޮޑުވުން:
    ރަސްމާލޭގެ 500 ހެކްޓަރުގައި ތަރައްޤީކުރާ ލަގްޒަރީ އެޕާޓްމަންޓްތަކާއި ޔޮޓް މެރީނާއަކީ އާދައިގެ ދިވެހި ރައްޔިތަކަށް އަތްފޯރާނެ ތަންތަނެއް ނޫނެވެ. މީގެ ނަތީޖާއަކަށް ވާނީ، އަމިއްލަ ވަޒަނުގައި ދިވެހިންނަކީ ބޭރުގެ މުއްސަނދިންނަށް ޚިދުމަތްކުރަން ތިބޭ "ދެވަނަ ދަރަޖައިގެ" ރައްޔިތުންނަށް ވެގެންދިއުމެވެ. އެއް ފަސްގަނޑެއްގައި ދިރިއުޅޭ ބޭރުގެ މަހުޖަނުންނާއި ދިވެހިންނާ ދެމެދު އުފެދޭ މި ފަރަޤުގެ ސަބަބުން އިޖުތިމާޢީ ހަމަޖެހުން ގެއްލި ހަމަނުޖެހުންތަކަށް މަގު ފަހިވެގެންދާނެއެވެ. ޤުދުރަތީ މަޢުދަންތަކާއި، ވަސީލަތްތަކުގެ މުއްސަނދިކަން ލިބިފައިވާ އެފްރިކާގެ ޤައުމުތަކުން މިހާރުވެސް މިމަންޒަރު ސާފުކޮށް ފެންނަން އެބަ އޮތެވެ.

  • ތިމާވެށްޓާއި ވަސީލަތްތަކަށް އޮތް ބުރަ:

  • ފުށިދިއްގަރުފަޅު ފަދަ ބޮޑު ފަޅެއް ހިއްކުމުގެ ސަބަބުން ތިމާވެށްޓަށާއި، ކަނޑުގެ ދިރުންތަކަށާއި، ކައިރި ރަށްރަށުގެ އޮއިވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެއެވެ. މި ތިމާވެށީގެ ގެއްލުންތަކުގެ ހިތި ނަތީޖާ ތަޙައްމަލު ކުރަންޖެހޭނީ ދިވެހި ރައްޔިތުންނަށެވެ. މީގެ އިތުރުން، މި ސަރަޙައްދަށް އިތުރުވާ އާބާދީއާއެކު މާލެ ސަރަޙައްދުގެ ކަރަންޓާއި، ފެނާއި، ކުނި މެނޭޖްކުރުމުގެ ނިޒާމަށް އިތުރު ބުރައެއް އުފުލަންޖެހޭނެއެވެ.

މުސްތަޤުބަލުގައި ދިވެހިންގެ އާބާދީއަށް ވުރެ ބިދޭސީންގެ އާބާދީ ބޮޑުވުން.

އާބާދީއާ ގުޅޭ ތަފާސް ހިސާބުތަކުން ފެންނަ ނަތީޖާއަކީ، ދިވެހިރާއްޖޭގައި ކުދިން އުފަންވާ ނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮސްފައި ވާކަމެވެ. ރާއްޖޭގައި އުފަންވާ ކުދިންގެ އަދަދު މަދުވެގެން ދިޔުމާއި އެކު، 2050 ވަނަ އަހަރު، ދިވެހިރާއްޖޭގައި ދިވެހީންގެ އާބާދީ މަދުވެގެންދާނެ ކަމުގައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ރަސްމީ ތަފާސް ހިސާބުތަކުގައިވެސް ބުނެފައިވެއެވެ. ރާއްޖޭގެ އާބާދީ ދަށަށްދާ މައިގަނޑު ސަބަބުތަކުގެ ގޮތުގައި ހިމެނިފައިވަނީ، ބޯހިޔާވަހިކަމާއި މާލީ ދަތިތަކުގެ ސަބަބުން، ކައިވެނި ނުކުރާ މީހުން އިތުރުވަމުން ދިޔުމާއި، ކައިވެނިކޮށް ދަރިން ހޯދާ ނިސްބަތްވެސް ވަރަށް ބޮޑަށް ދަށްވެގެން ދިޔުމެވެ. އެހެން ކަމުން ރަސްމާލެ ފަދަ ބިދޭސީން ވަޒަން ވެރިކުރުވުމުގެ މަޝްރޫޢުތަކުގެ ސަބަބުން ދިވެހިރާއްޖޭގައި ބިދޭސީންގެ އާބާދީ އިތުރުވެ، ޤައުމުގެ ވަސީލަތްތަކާއި ބާރުވެރިކަން އެމީހުންގެ އަތްމައްޗަށް ފުރޮޅިގެންދާނެއެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުކަމުގައިވާ އެމެރިކާގައި މިއަދު އެޤައުމުގެ އަސްލު ވަޒަންވެރީންގެ އެއްވެސް ބާރެއް ނެތެވެ. އޮސްޓްރޭލިޔާގައި އެޤައުމުގެ އަސްލު ވަޒަންވެރީން ކަމުގައިވާ އެބްރޮޗިނީންގެ އެއްވެސް ބާރެއް ނެތެވެ. އެހެން ކަމުން މިއަދު ސިޔާސަތުތަކުގެ ސަބަބުން ކުރެހެމުން އަންނަނީ މުސްތަޤުބަލުގެ މާ ބިރުވެރިމަންޒަރެކެވެ.

ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދިގު މުއްދަތަށް ދިނުމަކީ ހަމައެކަނި އިޤްތިޞާދީ އިންވެސްޓްމަންޓެއްގެ ގޮތުގައި ބެލެވޭނެ ކަމެއް ނޫނެވެ. އެއީ ދިވެހިރާއްޖޭގެ ބިމުގެ މިލްކުވެރިކަމާއި، ޤައުމީ ސަލާމަތާއި، އިސްލާމީ ވަޙުދަތާއި، އަންނަން އޮތް ޖީލުތަކުގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ ނާޒުކު މައްސަލައެކެވެ. ޤާނޫނުއަސާސީން ބާރު ލިބިގެންވާ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާ ނުލައި، އަދި އެއްބަސްވުމުގެ ތަފްޞީލުތައް ހާމަނުކޮށް މިފަދަ ބޮޑު ބިމެއް ބޭރުގެ ފަރާތަކަށް ދޫކޮށްލުމަކީ މުސްތަޤުބަލުގައި ދިވެހިންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހޭނެ ކަމެކެވެ. އެހެންކަމުން، ޤައުމުގެ އެންމެ އަގުހުރި ވަސީލަތް ކަމަށްވާ ބިމުގެ ފުރިހަމަ ބާރުވެރިކަން ދިވެހި ރައްޔިތުންގެ އަތްމަތީގައި ދެމެހެއްޓުމަށް މަސައްކަތް ކުުރުމަކީ، މިއަދު ދިރިތިބި ކޮންމެ ދިވެހި ފަރުދަކުން އަންނާން އޮތް ޖީލުތަކުގެ ޙައްޤުގައި އަދާކޮށްދޭން ޖެހޭ ވާޖިބު މަސްޢޫލިއްޔަތެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް