Post banner
ރާއްޖެ •

ސަރުކާރު ޕާޓީގެ މަޖިލިސް މެމްބަރުންނަކީ ބޮޓުން ކަމަށް ވިދާޅުވެ މީކާއީލް ހަޖޫޖައްސަވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސަރުކާރު ޕާޓީގެ މަޖިލިސް މެމްބަރުންނަކީ ބޮޓުން ކަމަށް ވިދާޅުވެ މީކާއީލް ހަޖޫޖައްސަވައިފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މަޖިލިސް މެމްބަރުންނަކީ، ބޮޓުން އަދި ކުލީ މެމްބަރުން ކަމުގައި ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހަޖޫޖައްސަވައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މިހެން ވިދާޅުވެފައި ވަނީ، މަޖިލީހަށް ހުށައަޅާފައިވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދެވޭ އަގުބޮޑު ހެލްތު އިންޝުއަރެންސާއި ހާއްސަ އިނާޔަތްތައް ކަނޑާލުމަށް ހުށައެޅި ޕެޓިޝަނަށް ބަހުސްކުރުމުގެ ވަގުތުގައެވެ.

މަޖިލީހުގެ މުސާރައިގެ އިތުރުން ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ފައިސާ ދެއްވަމުން ގެންދަވާ ކަމުގައި އިދިކޮޅު ފަރާތްތަކުން ތުހުމަތުވެސް ކޮށްފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މީކާއީލް ވިދާޅުވީ، ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެމްބަރުންނަކީ ކުލީ މެމްބަރުން ކަމަށާއި، އަދި ބޮޓުން ކަމަށެވެ. އަދި މަޖިލިސް ހިނގަމުންދަނީ، ރައީސް އޮފީހުގެ ޑެސްކެއްގެ ގޮތުގައި ކަމަށްވެސް މިކާއީލް ވިދާޅުވިއެވެ.

މީކާއީލް މީގެ ކުރިންވެސް މިމޭރުމުން މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވާ ކޮންމެ އެއްޗަކަށާއި ސަރުކާރުން ހުށައަޅާ ކޮންމެ ބިލަކަށް، ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތުމާއި އެކު މަޖިލީހުން އަންނަނީ ސަރުކާރު އެދޭ ގޮތަކަށް ފާސްކޮށްދެމުންނެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ގެއްލުން ލިބޭނެ ކަމަށް ބެލެވޭ، ރަސްމާލެ މަޝްރޫޢާއި ގުޅިގެން ހިތްހަމަ ނުޖެހުންތައް ބޮޑުވެފައި ވަނިކޮށް ސަރުކާރުން ވަނީ، އަމިއްލަ މެމްބަރަކު ލައްވައި، މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެންނަން ހުށައަޅާފައެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހަށް ޤަރާރު ހުށައެޅޭ އުސޫލު އިތުރަށް ހަރުކަށިކޮށް އުނދަގޫ ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރަސްމާލެ މަޝްރޫޢު މިހާރު އޮތް ގޮތުން، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ގެއްލުން ލިބޭނެ ކަމަށް ބެލެވުމުގެ އިތުރުން، އެމަޝްރޫޢާ ގުޅުވައި ސަރުކާރުގެ އިސްވެރިން ރިޝްވަތުވެސް ނަންގަވާފައިވާނޭ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް