ރަސްމާލެ މަޝްރޫޢާއި ޢިލުމުވެރިންގެ ގުޅުމުން ދެކޮޅު ހަދާނެކަމަށް ބެލެވިފައި ވަނިކޮށް ސަލަފުގެ ޢިލްމުވެރިން އެޖަމިއްޔާއިން ވަކިވެއްޖެ
ލިޔުންތެރިޔާ
ޢިލްމުވެރިންގެ ގުޅުމުގައި ހިމެނޭ އެހެން ބައެއް ޢިލްމުވެރިން --- ފޮޓޯ: ޢިލްމުވެރިންގެ ގުޅުން
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަދި އިސްތިޤުލާލަށް ގެއްލުންތައް ލިބޭނެ ކަމަށް ބެލެވޭ، ރަސްމާލެ މަޝްރޫޢާއި ޢިލްމުވެރިންގެ ގުޅުމުން ދެކޮޅު ހަދާނެކަމަށް ބެލެވިފައި ވަނިކޮށް، އެގުޅުމުގައި ހިމެނޭ ޖަމިއްޔަތުއް ސަލަފުގެ އިސްބައެއް ވެރިން ޢިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެއެވެ.
ޢިލްމުވެރިންގެ ގުޅުމުން އެކުލަވާލާ، ޑްރާފްޓް ރިޕޯޓުގައި ވަނީ، މިހާރު އޮތް ގޮތަށް އެމަޝްރޫޢުކުރިޔަށް ގެންދިޔުން ހުއްޓާލުމަކީ، ސަރުކާރަށް ވާޖިބުވާނޭ ކަމެއް ކަމުގައި ބުނެފައެވެ. އެހެން ނަމަވެސް އެއީ އަދި ފައިނަލްކޮށްފައިވާ ރިޕޯޓެއް ނޫންކަމުގައިވެސް ޢިލްމުވެރިންގެ ގުޅުމުން ބުނެފައި ވެއެވެ.
ސަލަފުގެ އިސްވެރިންގެ ތެރެއިން، ޢިލްމުވެރިންގެ ގުޅުމުން ވަކިވެވަޑައިގެންނެވި އެއްބޭފުޅަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ބޭބެ އަބްދުﷲ މުހައްމަދެވެ. ޢަބްދުﷲ މުޙައްމަދަކީ، ސަލަފް ޖަމިއްޔާގެ ރައީސްވެސް މެއެވެ. މީގެ އިތުރުން، ސަލަފުގެ އިތުރު ދެ ޢިލްމުވެރިއަކުވެސް ވަނީ، ޢިލްމުވެރިންގެ ގުޅުމުން ވަކިވެވަޑައިގެންފައި ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ރަސްމާލެ މަޝްރޫޢާއި ޢިލްމުވެރިންގެ ގުޅުމުން ދެކޮޅު ހަދާނެކަމަށް ބެލެވިފައިވަނިކޮށް، ސަލަފުގެ އިސްބޭފުޅުން ޢިލްމުވެރިންގެ ގުޅުމުން ވަކިވެވަޑައިގެންނެވި ސަބަބެއް އެބޭފުޅުންވެސް އަދި މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.
ޔަހޫދީންނާއި ގާތްގުޅުމެއް ބާއްވަމުން އަންނަ، ޔޫއޭއީގެ މަހުޖަނެއް ކަމުގައިވާ އަލްއައްބާރަށް، ހިލޭ ރަސްމާލޭގެ 500 ހެކްޓަރަށްވުރެ ބޮޑު ބިމެއް، ބިދޭސީން ވަޒަންވެރިވެ ދިރިއުޅެވޭ ގޮތަށް ތަރައްޤީކުރުމަށް ދޭން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެމަޝްރޫޢުގެ ކޮމާޝަލް ޓަރމްސް އެގްރިމެންޓްގައި މިހާރު ވަނީ ސޮއިކޮށްފައެވެ.
ރަސްމާލެ މަޝްރޫޢާއި ގުޅޭ ގޮތުން ސަރުކާރުން ދައްކާ ވާހަކަތައް އަންނަނީ ބަދަލުވަމުންނެވެ. އަދި އެކި ބޭފުޅުން އެމަޝްރޫޢުން ލިބޭނެ ނަފާގެ ވާހަކަފުޅުވެސް ދައްކަވަނީ އެކިގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް