ރާއްޖެ

ދިގުރަށު އަލިފާނުގެ ހާދިސާ: ތިން މީހަކު މަރުވެފައި އޮތީ ފާޚާނާ ތެރޭގައި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދިގުރަށު އަލިފާނުގެ ހާދިސާ: ތިން މީހަކު މަރުވެފައި އޮތީ ފާޚާނާ ތެރޭގައި

އަލިފާނުގެ ހާދިސާ ހިނގި ގޭގެ ކޮޓަރީގެ ހަމައެކަނި ދޮރު ----

ބުރާސްފަތި ދުވަހުގެ ރޭ އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި 5 މީހުންގެ ތެރެއިން 3 މީހުންނަކީ، އަލިފާނުން ސަލާމަތްވުމަށް ފާޚާނާގެ ތެރެއަށް ވަދެ ތިއްބައި މަރުވި މީހުން ކަމުގައި މައުލޫމާތު ލިބިއްޖެއެވެ.

އެ ހާދިސާގެ މައުލޫމާތު ހިއްޞާކުރެއްވި، ދިގުރަށު ކައުންސިލްގެ އިސްބޭފުޅަކު ވިދާޅުވީ، އަލިފާނުގެ ހާދިސާގައި މީހުން މަރުވި މައިގަނޑު ސަބަބަކީ، އަލިފާން ރޯވުމާއިއެކު، ތަނުން ނުކުތް މީހުންގެ ތެރެއިން ބައެއް މީހުން، އަލިފާން ގަނޑު އަނދަމުން ދަނިކޮށް އަލުން އެތެރެއަށް ވަނުން ކަމަށެވެ.

" އެނެމް ފުރަތަމަ ރޯވުމާއި އެކު ހަމަ އެންމެންވެސް ނުކުތް. އަލިފާން ގޭސް ލީކުވެގެން ކަމަށް ވުމާއި އެކު އެންމެ ފުރަތަމަ އަލިފާންގަނޑު ހުރީ ފުރާޅުގެ ދަށުގައި ފައިދޮށްތަކާއި އެކު ހިފާފައި. އެހެންވެ އެދަނޑިވަޅު ބަދިގެ ތެެރެއިން ކޮޓަރިތެރެއަށް އަލުން މީހުން ވަނީ އެއްޗެހި ބަލައި ކަމަށް ވަނީ. ފަހުން ވަދެ ބެލި އިރު ފެނުނު، ދަބަސް ދަބަހަށް އެއްޗެހި އަޅައި ނެރެން ތައްޔާރުކޮށްފައި ހުއްޓައިވެސް. އެކަމަކު ނުކުންނާނެ ވަގުތު ނުލިބި ގޭސްފުޅި ގޮވީ." އޭނާ ކިޔައިދިނެވެ.

އެމީހުން އަލުން ކޮޓަރިތެރެއަށް ވަނީ، އެމީހުންގެ މޯބައިލްފޯނާއި ފައިސާ ފަދަ ތަކެއްޗާއި ދަބަސް ފަދަ ތަކެތި ނަގަން ކަމުގައި އެނގިފައި ވެއެވެ. އަދި އެތެރެއަށް ވަތް މީހުންތަކެތި ހިފައިގެން ނުކުންނަން އުޅެނިކޮށް އަނދަމުން ދިޔަ ބަދިގެ ތެރޭގައި ހުރި ބޮޑު ގޭސްފުޅި ގޮވީއެވެ. އެ ގޭސްފުޅިއަކީ، ރާއްޖޭގައި ބޭނުން ކުރާ އެންމެ ބޮޑެތި ގޭސްފުޅި ކަމަށްވާ 210 ކިލޯގެ ގޭސްފުޅިއެއް ކަމަށްވެސް ބިދޭސީންގެ ފަރާތުން މައުލޫމާތު ލިބުނެވެ.

މިހާދިސާގައި މަރުވި މީހުންގެ ތެރެއިން 3 މީހުން ފެނުނީ ފާޚާނާތެރެއިންނެވެ. މަރުވި އަނެއް ދެމީހުންވެސް ތިބީ ކޮޓަރިތެރޭގައެވެ. އަދި އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ދެމީހުންނަކީވެސް ކޮޓަރި ތެރޭގައި ޚަބަރު ހުސްވެފައި ވަނިކޮށް ފާރު ތަޅާލައިގެން ނެރުނު މީހުންނެވެ.

މައުލޫމާތު ދިން ފަރާތުންވެސް ކިޔައިދިން ގޮތުގައި މަރުވި އެއްވެސް މީހެއްގެ ގައިގައިވެސް ހަންގަނޑު ފިހި ނޮޅުން ފަދަ ޒަޚަމެއް ނެތެވެ. އެހެންވެ އެ އެންމެންވެސް މަރުވީ، ބޯދުމުގެ ތެރޭގައި ނޭވައި ނުލެވިގެންނާއި، ގޭސްފުޅި ގޮވި ވަގުތު ފެތުރުގެން ދިޔަ ގަދަ ހޫނުގެ ސަބަބުން ކަމަށް ވަނީ ބެލެވިފައެވެ.

އޭނާ ކިޔައިދިން ގޮތުގައި އަލިފާންގަނޑު ރޯވެ އަނަދަމުން ދިޔަ ވަގުތުގައި އެތެރޭގައި އެއްވެސް ބަޔަކު ތާށިފައި ތިބިތޯ އަލިފާން ނިވުމުގައި އުޅުނު އާއްމުންނާއި އެހެން މީހުންވެސް އެތަނުގެ އެ އެކަމަޑޭޝަންގައި އުޅުނު ބިދޭސީންނާއި ސުވާލުކުރިއެވެ. އެހެން ނަމަވެސް އެންމެންވެސް ނުކުތްކަމަށް އެމީހުން ބުނިނަމަވެސް ފާރުތަޅާލީ ބަޔަކު ތާށިވެފައި ތިބިދާނެ ކަމުގެ ފުރުޞަތު ބޮޑުވުމުން ކަމުގައި އޭނާ ބުންޏެވެ.

"ތިން ހަތަރު ތަނަކުން ފާރުތަޅައިލި. އެއްދިމާއިން ފާރުތަޅާލި ތަކުން ފެނުނީ މީހެއްގެފައި، ދެން އެނގިއްޖެ މީހުން އެތެރޭގައި ތާށި ވެފައި ތިބިކަން." އޭނާ ބުންޏެވެ.

ފުލުހުންގެ އިދާރާއިންވެސް ހާމަކޮށްފައިވާ ގޮތުގައި އަލިފާން ރޯވިތަނުގައި ޖުމުލަ 7 މީހުން ތާށިވިއެވެ. އޭގެ ތެެރެއިން މަރުވީ 5 މީހުންނެވެ.

އަލިފާނުގެ ހާދިސާ ހިނގި ތަނަކީ. ކުންފުނީގެ މުވައްޒަފުން އެމީހުން ދިރިއުޅުމަށް ޢިމާރާތްކޮށްފައި ހުރި ތަނެކެވެ. އެތަނަކީ، އޭސީކޮށްފައި ހުރި ތަނަކަށް ވާއިރު، ތަން ހެދި އިރުގައިވެސް އެއްވެސް ފެންލައިޓެއް ކުޑަދޮރެއް ލާފައެއް ނުވެއެވެ. އެކޮޓަރިން ބޭރަށް ނުކުމެވެން ހުރީ، އަލިފާން ރޯވި ބަދިގެ ތެރެއިން ނުކުމެވެން ހުރި ދޮރު އެކަންޏެވެ.

އަލިިފާނުގެ މިހާދިސާ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަމުން އަންނައިރު، އަލިފާނުގެ މިހާދިސާ އާއި ގުޅިގެން ރާއްޖޭގައި ހުންނަ ބަނގުލަދޭޝް ހައިކޮމިޝަންގެ އިސްވެރިންވެސް ވަނީ މިއަދު އެރަށަށް ޒިޔާރަތްކޮށްފައެވެ.

އަލިފާނުގެ މިހާދިސާގައި މަރުވި މީހުންގެ ހަށިތައް މިހާރު ވަނީ މާލެ ގެނެސް މޯޗަރީއަށް ލާފައެވެ.

މިހާތަނަށް ރާއްޖޭގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާއކީވެސް 2022ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 9ވަނަ ދުވަހުގެ ރޭ ގަލޮޅު ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާއެވެ. އެހާދިސާގައިވެސް މަރުވި ބައެއް މީހުންނަކީ، ފުރަތަމަ އަލިފާން ރޯވުމުން ސަލާމަތުން ބޭރަށް ނުކުމެފައި، އަނެއްކާ ފަހުން ފައިސާ އާއި ގަހަނާ އާއި ތަކެތި ނެގުމަށްޓަކައި އަލުން ވަނުމުގެ ސަބަބުން ނުނުކުމެވި ތާށިވި މީހުން ކަމުގައި އެހާދިސާގެ ތަޙްޤީޤަށް އެނގިފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް