Post banner
ދުނިޔެ

އަލިފާނުގެ ހާދިސާއިން ސަލާމަތް ވި މީހުންނަށް މެސީގެ ދީލަތި އެހީއެއް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އަލިފާނުގެ ހާދިސާއިން ސަލާމަތް ވި މީހުންނަށް މެސީގެ ދީލަތި އެހީއެއް

ސްޕޭންގެ މެޑްރިޑްގެ ސިއެރާ އޮއެސްޓޭ ސަރަހައްދަށް ކުރިމަތިވި ނުރައްކާތެރި އަލިފާނުގެ ހާދިސާތަކުގައި ލިބުނު ބޮޑެތި ގެއްލުންތަކުން ސަލާމަތްވުމަށާއި، އެ ސަރަހައްދު އަލުން އާރާސްތުކުރުމުގެ މަސައްކަތްތަކަށް އެހީވުމަށް ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީ 80،000 ޔޫރޯ (ގާތްގަނޑަކަށް 1.3 މިލިއަން ދިވެހި ރުފިޔާ) ހަދިޔާކޮށްފިއެވެ.

ފާއިތުވި ޖުލައި މަހުގެ ފަހުކޮޅު ހިނގި މި ނުރައްކާތެރި އަލިފާނުގެ ހާދިސާތަކުގައި އެ ސަރަހައްދުގެ އެތައް ހާސް ހެކްޓަރެއްގެ ބިން އަނދައި، ގިނަ އަދަދެއްގެ ބައެއްގެ ގެދޮރާއި މުދަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ހާދިސާގެ ސަބަބުން އެތައް ސަތޭކަ އާއިލާއެއް ވަނީ ހާލުގައި ޖެހިފައެވެ.

އާރާސްތުކުރުމުގެ މަސައްކަތްތަކަށް މެސީ ވެދިން މި ބޮޑު އެހީއާ ގުޅިގެން މެޑްރިޑްގެ ރައީސާ އިސަބެލް ޑިއާޒް އަޔޫސޯ ވަނީ އޭނާއަށް އާންމުކޮށް ޝުކުރު އަދާކުރައްވާފައެވެ. ރައީސާ ވިދާޅުވީ، މި ދަނޑިވަޅުގައި މެސީ ވެދިން އެހީތެރިކަމަށްޓަކައި މެޑްރިޑްގެ ރައްޔިތުންގެ ފަރާތުން ޝުކުރު އަދާކުރާ ކަމަށާއި، މާލަސްތަކެއް ނުވެ މެޑްރިޑުން މެސީއަށް ހޫނު މަރުހަބާއެއް ކިޔައި، އޭނާއަށް ހައްގުވާ އިހުތިރާމް އަދާކުރުމަށް އުއްމީދުކުރާ ކަމަށެވެ.

ފުޓްބޯޅަ ދަނޑުމަތީގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންދާ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަކީ މީގެ ކުރިންވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ މިފަދަ ކާރިސާތަކާއި، އިންސާނީ އެހީތެރިކަން ބޭނުންވާ ކަންކަމުގައި ދޭލަތި އެހީތައް ވަމުން އަންނަ ކުޅުންތެރިއެކެވެ.

މެސީގެ މި އެހީއާއެކު، އޭނާގެ ސަޕޯޓަރުންނާއި މުޅި ފުޓްބޯޅަ ދުނިޔެއިން އަންނަނީ އޭނާގެ މި އެހީތެރިކަމަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ

ޚަބަރު ލިޔުނީ: ޢަލީ ރިޔާޒު - ރަށު ރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް