ރަސްމާލޭގެ ބިން އަލްއައްބާރަށް ހިލޭ ދިނުމަށް މަގުފަހިކުރާ ބިލް މަޖިލީހަށް ބަލައިގެންފި
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޔަހޫދީންނާއި ގާތްގުޅުންތަކެއް ބާއްވާ ޔޫއޭއީގެ ވިޔަފާރިވެރިޔާ އަލްއައްބާރުގެ ކުންފުންޏެއް ކަމަށްވާ، އީގަލް ހިލްސްއަށް ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ހިލޭ ދިނުމަށް މަގުފަހި ކުރުމުގެ ގޮތުން މަޖިލީހަށް ހުށައަޅާފައިވާ ރިއަލްއެސްޓޭޓް ބިލް ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.
މިބިލް މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ނެގި ވޯޓުގައި، ބިލާއި އެއްކޮޅަށް 42 މެމްބަރުން ވޯޓު ދެއްވިއެވެ. އެބިލު މަޖިލީހަށް ބަލައިގަންނަން ނުފެންނަކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 13 މެމްބަރުން އެކަންޏެވެ.
މިބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައި ވަނީ، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ.
މިބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ރިއަލްއެސްޓޭޓްގެ ވިޔަފާރި ހިންގުމަށް މިބިލްގެ ދަށުން ދޫކުރާ ތަންތަން 99 އަހަރަށް ދޫކުރެވޭނެއެވެ. އަދި މާސްޓަރ ޑިވޮލޮޕަރަށް ދޫކުރާ ލީސްގެ މުއްދަތު ހަމަވި ނަމަވެސް ޕްރޮޕަޓީތައް ގަންނަ ފަރާތްތަކަށް ނިމުމެއް ނެތި، 99 އަހަރަށް ޕްރޮޕަޓީތައް ލިބޭނެއެވެ. މިގޮތުން ޕްރޮޕަޓީއެއް އެހެން ފަރާތަކަށް ވިއްކާ ކޮންމެ ފަހަރަކު، ގަންނަ ފަރާތަށް ލީސް މުއްދަތުގެ ގޮތުގައި 99 އަހަރު ލިބޭނެއެވެ.
މިބިލަކީ، ޔޫއޭއީގެ ވިޔަފާރިވެރިޔާ އަލްއައްބާރު ބޭނުންފުޅުވާ ގޮތް ބަލައިގެން، ބަންޑާރަނައިބުގެ އޮފީހުން ޑްރާފްޓްކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލެކެވެ. މިބިލާއި ގުޅޭ ގޮތުން މެމްބަރުންނަށް މައުލޫމާތު ދެއްވުމަށްޓަކައި، މިހަފްތާގައި، ބަންޑާރަ ނައިބު އަޙްްމަދު އުޝާމް އާއި، ހައުސިންގ މިނިސްޓަރ ޑރ ޢަބްދުﷲ މުއްޠަލިބު އަދި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވަނީ ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ މެމްބަރުންނާއި ވެސް ބައްދަލު ކުރައްވާފައެވެ. އެބައްދަލުވުމަށް ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވަޑައިގެންނެވި އިރު ބޮޑު ކަޅުދަބަހެއް ވަނީ ގެންދަވާފައެވެ. އެދަބަހުގައި ހުރީ، ރިޝްވަތުގެ ގޮތުގައި މަޖިލީހުގެ މެމްބަރުންނަށް ބެހުމަށް ގެނައި ޑޮލަރު ކަމުގައި އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތުހުމަތު ކުރައްވާފައި ވާއިރު، ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ އެ ދަބަހުގައި ހުރީ ކުޅޭ ސާމާނުކަމަށެވެ.
ކުއްޔެއް ނެގުމަކާއި ނުލައި، އަލްއައްބާރަށް ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ހިލޭ ދޭން އުޅޭ މައްސަލައިގައި ސަރުކާރުގެ ތެރެއިންނާއި، އިދިކޮޅު ފަރާތްތަކުން އަދި އާއްމުންގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް