ސަރުކާރުގެ މާލެ ޓެކްސީގެ ގިނަ އުޅަނދުތަކެއް ވަނީ ހަލާކުވެފައި، އަދަދެއް ހާމައެއް ނުކުރި
ލިޔުންތެރިޔާ
ސަރުކާރުގެ ޓެކްސީ ލައިން، މާލެ ޓެކްސީގައި ދުއްވާ ކާރެއް އެކްސިޑެންޓްވެފައި --- ފޮޓޯ: ސޯޝަލް މީޑިއާ
އެކްސިޑެންޓްތަކާއި މެއިންޓެނެންސްގެ މައްސަލަތަކުގެ ސަބަބުން ސަރުކާރުގެ ޓެކްސީލައިން މާލެ ޓެކްސީގެ ގިނަ އަދަދެއްގެ ކާރުތައް ހަލާކުވެފައިވާކަން އެނގިއްޖެއެވެ.
މައުލޫމާތު އެނގޭ ފަރާތަކުން ބުނީ، 60 ވުރެ ގިނަ ކާރު އެކި އެކި ސަބަބުތަކާއި ހެދި ނުދުއްވި އެބައޮތް ކަމަށެވެ. އޭގެ ތެރޭގައި އެކި އެކްސިޑެންޓްތަކުގައި ހަލާކުވި ކާރުތައްވެސް ހިމެނެއެވެ. ސަރުކާރު ޓެކްސީ ލައިންގެ ކާރެއް ރޭވެސް ވަނީ ހޮޅިދަނޑިއެއްގައި ޖެހި ހަލާކުވެފައެވެ.
މައުލޫމާތު ޙިއްޞާކުރި ފަރާތުން ބުނި ގޮތުގައި، ހަލާކުވާ ކާރުތަކާއި އެކި މައްސަލަތައް ދިމާވާ ކާރުތައް މަރާމާތު ކުރުމުގެ ޤާބިލްކަން އެމްޓީސީސީގައި ނެތް ކަމަށެވެ.
ސަރުކާރުގެ ޓެކްސީ ލައިންގައި ބޭނުންކުރާ ކާރުތަކުގެ ތެރެއިން މިހާރު ހަލާކުވެފައިވަނީ ކިތައް ކާރުތޯ އާއި އެކްސިޑެންޓްތަކުގައި ހަލާކުވެފައި ވަނީ، ކިތައް ކާރުތޯ ބެލުމަށް އާރްޓީއައި ހުށައެޅުމުން އެމްޓީސީސީން ބުނެފައި ވަނީ، ކާރުތަކުގެ އެކްސިޑެންޓްތަކުގެ މައްސަލައިގެ ތަޙްޤީޤުތައް ހިނގަމުންދާތީ އެމައުލޫމާތު ޙިއްޞާ ކުރެވެން ނެތް ކަމަށެވެ.

ސަރުކާރުގެ ޓެކްސީލައިން، މާލެ ޓެކްސީގައި ބޭނުން ކުރަނީ، ބެޓަރީއިން ދުއްވާ އިލެކްޓްރިކް ކާރުތަކެކެވެ. މިކާރުތައް ގެނައުމުގައިވެސް ކޮރަޕްޝަންގެ ޢަމަލުތައް ހިނގާފައިވާ ކަމަށާއި، ޓެކްސީލައިން އިން އެމްޓީސީސީއަށް މާލީ ގޮތުން ލިބެމުން އަންނަނީ ގެއްލުންތައް ކަމުގައިވެސް މައުލުމާތު އެނގޭ ފަރާތްތަކުން ހާމަކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް