Post banner
ރާއްޖެ •

ފުލުސް މީހާގެ ގައިގައި ސައިކަލުން ޖައްސާފައި ވަނީ ގަސްދުގައި - ސީޕީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފުލުސް މީހާގެ ގައިގައި ސައިކަލުން ޖައްސާފައި  ވަނީ ގަސްދުގައި - ސީޕީ

ސިނަމާލެ ބުރިޖާއި ހައިވޭ ގުޅޭ ޖަންކްޝަން --

ރޭ ސިނަމާލެ ބުރިޖާއި ހައިވޭ ގުޅޭ ސަރަހައްދުގައި، ޑިއުޓީގައި ހުރި ފުލުސް މީހާގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވި ހާދިސާ އަކީ، ބަޔަކު ގަސްތުގައި ހިންގާފައިވާ ޢަމަލެއް ކަމުގައި، މިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) ވިދާޅުވެއްޖެއެވެ.

އެއަމަލު ހަރުކަށި ޢިބާރާތުން ކުއްވެރި ކުރައްވައި، ސީޕީ ނެރުއްވި ބަޔާނުގައި ވިދާޅުވީ، ރޭ ފަތިހު 04:29 އެހައިކަންހާއިރު، ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ފުލުސް އޮފިސަރުގެ ގައިގައި ޖެއްސުމުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އެ އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމުގައި ސީޕީ ވިދާޅުވިއެވެ. ބާރު ސްޕީޑްގައި ގޮސް މަގުމަތީގައި ފުލުހުން ޖަހާފައިވާ ބެރިކޭޑްގައި ޖައްސައި، އެއާ އެކު ގޮސް ޑިއުޓީގައި ފުލުސް އޮފިސަރުގެ ގައިގައި ޖެއްސި ސައިކަލު ދުއްވާފައި ވަނީ 100 ކިލޯމީޓަރަށް ވުރެ ބާރު މިނުގައި ކަމަށްވެސް ސީޕީގެ ބަޔާނުގައި ފާހަގަ ކުރައްވާފައި ވެއެވެ.

މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭކަމުގައިވެސް އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ސީޕީ ވިދާޅުވީ، މިކަމުގައި އިތުރު 3 ސައިކަލެއް ބައިވެރިވެފައިވާކަން ވަނީ ފާހަގަ ކުރެވިފައި ކަމަށާއި، މި އަމަލު ހިންގި ސައިކަލު ޓޯކޮށް އެ ސައިކަލް ގައި ތިބި ދެމީހުން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ. އަދި މިކަމުގައި ޝާމިލްވާ އިތުރު ދެމީހަކާއި ސައިކަލެއް ލޮކޭޓްކޮށް މިހާރު ވާނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމުގައި ސީޕީ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ސީޕީގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، މަގުމަތީގެ އަމަންއަމާންކަން ނަގާލައި، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ ވާޖިބު އަދާކުރުމުގައި، ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހި، ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ހަމައެއާއެކު، ފުލުހުން މިހާރު ފަށާފައިވާ މި ހާއްސަ އޮޕަރޭޝަނަށް އެކި ގޮތްގޮތުން ހުރަސްއަޅައި، ފުލުހުންގެ މަސައްކަތްތައް ހުއްޓުވުމަށް ހިންގާ މިފަދަ ކަންކަމަށް ފަސްނުޖެހި، މެދުކެނޑުމެއްނެތި މި އޮޕަރޭޝަން ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް އަރުވާ ކަމަށާއި މީގެ އިތުރުން މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް، ގާނޫނީ ހަމަތަކުގެ މަތިން އިތުރަށް ހަރުކަށި ކުރާނެ ކަމުގައިވެސް ސީޕީގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް