ނޫމަރާ ބަނދަރުގެ މަސައްކަތް ހުއްޓިފައިވާއިރު، ބަނދަރަށް ވެލިވަދެ ފިނޮޅު ހެދި ރައްޔިތުން ކަންބޮޑުވެއްޖެ
ލިޔުންތެރިޔާ
ށ. ނޫމަރާ ބަނދަރުގެ މިހާރުގެ ހާލަތު ---- ފޮޓޯ: ރައްޔިތުންގެ ނޫހުގެ ރަށު ރިޕޯޓަރ
ށ. ނޫމަރާގެ ބަނދަރުގެ މަސައްކަތް ކުރިޔަށް ނުގޮސް އޮންނަތާ 2 އަހަރުވެފައި ވާތީ، ރައްޔިތުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ނޫމަރާ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަކީ، 53.3 މިލިއަން ރުފިޔާއަށް 2023 ވަނަ އަހަރުގެ ޖޫން މަހު އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަސައްކަތެކެވެ. އެމަޝްރޫޢުގެ %86 މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީ 2025 ވަނަ އަަހަރުގެ ޖޫންމަހު ވަނީ ބުނެފައެވެ. އެހެން ނަމަވެސް އޭގެ ކުރިންވެސް އެމަޝްރޫޢުގެ މަސައްކަތް އޮތީ ހުއްޓިފައި ކަމުގައި އެރަށުގެ ބައެއް ރައްޔިތުން ވަނީ ބުނެފައެވެ.
ނޫމަރާގެ ބަނދަރުގެ މަސައްކަތް ނުނިމި، 3 އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، މިހާރު ވަނީ، ބަނދަރުގެ ބޭރު ތޮށި ނުޖަހައި އޮތުމުގެ ސަބަބުން، ކުރިން ފުންކުރި ސަރަހައްދަށް ވެލިވަދެ ބަނދަރުގެ ތެރޭގައި ފިނޮޅު އުފެދި ހިކިފައެވެ. އެކަމުގެ ސަބަބުން، އެ ބަނދަރު ބޭނުންކުރާ ފަރާތްތަޔަށް ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.
ނޫމަރާގެ ބަނދަރުގެ މަސައްކަތް ކުރިޔަށް ނުގޮސް ހުއްޓުނީ ބަނދަރުގެ ބޭރު ތޮށިޖެހުމަށް ބޮޑުހިލަ ނުލިބިގެން ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.
މީގެ އިތުރުން 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެން ނޫމަރާގައި ބިންގާ އެޅި މަޝްރޫޢުތައްވެސް ކުރިޔަށް ނުދާތީ އެރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް