ރޭގެ މުޒާހަރާއިން 10 މީހުން ހައްޔަރު ކުރި، އެކަކު ދޫކޮށްލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރޭގެ މުޒާހަރާގެ ތެރެއިން ސޯޝަލް މީޑިއާ އެކްޓިވިސްޓް ލޫކަސް ޖަލީލު ހައްޔަރުކޮށްގެން ގެންދަނީ --- ފޮޓޯ: މައިމޫން ފޭސްބުކް ޕޭޖް
ޖަލަށްލާފައިވާ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލައި ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން 10 މީހުން ހައްޔަރުކޮށްފައި ވާއިރު، އެކަކު ބަންދުން ދޫކޮށްލައިފިއެވެ.
ޤާނޫނީ ވަކީލު އަޙްމަދު މައުރޫފް ހާމަކުރެއްވި ގޮތުގައި ރޭ، ފުލުހުން މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން ދޫކޮށްލާފައި ވަނީ، މުނާޒް ޢަލީ ނަމަކަށް ކިޔާ މީހެކެވެ.
ރޭ ކުރިޔަށް ގެންދިޔަ މުޒާހަރާގައި ރައީސް ނަޝީދާއި އެކު އެމްޑީޕީގެ އިސްބައެއް ވެރިންވެސް ބައިވެރިވިއެވެ. އަދި އެކި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އިސްފަރާތްތަކުންނާއި އާއްމުންވެސް ބައިވެރިވިއެވެ.
ރޭގެ މުޒާހަރާގެ ތެރެއިން ފުލުހުންވަނީ، ޕީއެންއެފްއިން އެޕާޓީގެ މުޒާހަރާތަކުގައި ބޭނުން ކުރަމުން އަންނަ ނޫކުލައިގެ، އެލް ސޯފާ އަތުލާފައެވެ.
މީގެ އިތުރުން މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ ނޫސްވެރިންގެ މަސައްކަތަށް ފުލުހުން ހުރަސްއަޅައި، ގަސްތުގައި ނޫސްވެރިންނަށް އަނިޔާކޮށްފައިވާ ކަމަށް ބައެއް ނޫސްވެރިން ވަނީ ބުނެފައެވެ. ރޭގެ މުޒާހަރާގެ ތެރޭގައި ފުލުހެއްގެ ލޯމަތި ފަޅައިގެން ގޮސް އަނިޔާވި ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.
ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލައި ފެށި އިޙްތިޖާޖު ސިލްސިލާގޮތެއްގައި ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
ކޯޓު ހުރުމަތް ކެނޑިކަމަށް ނިންމައި، އަދަދު ނޫހުގެ ދެ ނޫސްވެރިންކަމުގައިވާ، ޝަޙްޒާނާއި ލީވާން ޖަލަށް ލާފައި ވަނީ، މިމަހުގެ 12 ވަނަ ދުވަހުއެވެ. އެ ދެނޫސްވެރިން މިނިވަން ކުރުމަށް، ރާއްޖޭގެ ނޫސްވެރިންނާއި ބައިނަލްއަޤުވާމީ ފަރާތްތަކުންވެސް ދަނީ ގޮވާލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް