Post banner
ރާއްޖެ

މުދައްރިސުންގެ ބައިނަލްއަޤުވާމީ މަހާސިންތާ ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މުދައްރިސުންގެ ބައިނަލްއަޤުވާމީ މަހާސިންތާ ފަށައިފި

އިމާދުއްދީން ސްކޫލުގެ ޓީޗަރުން --- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މިއަދު ހުޅުމާލޭގައި ފަށައިފިއެވެ.

ހުޅުމާލެ ޝަހީދު ޢަލީ ސްކޫލުގައި، މިއަދާއި މާދަމާ ކުރިޔަށް ގެންދިޔުމަށް ހަމަޖައްސާފައިވާ، މި ކޮންފަރެންސް ފައްޓަވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފެވެ.

ބައިނަލް އަޤުވާމީ ފެންވަރުގައި ބާއްވަމުން އަންނަ މި ކޮންފަރެންސް ތަކުގެ ސަބަބުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވި، ކިޔަވައިދިނުން އިތުރަށް ރަނގަޅުކުރެވިދާނެ ކަންކަމާ މެދު ޚިޔާލު ބަދަލުކުރުމަށް ކޮންމެ ދެއަހަރަކުން އެއްއަހަރު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން ހުށަހަޅާ 60 އަށްވުރެ ގިނަ ދިރާސާ ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، 4 ވޯކްޝޮޕަކާއި، 2 ޕެނަލް ޑިސްކަޝަން އަދި 2 ކީނޯޓް ސެޝަން ކުރިއަށްދާނެކަމުގައިވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކުރައްވާފައި ވެއެވެ.

މީގެ އިތުރުން، ކޮންފަރެންސްގައި އަލިއަޅުވާލެވޭނެ މުހިންމު މައުޟޫޢު ތަކުގެ ތެރޭގައި ހުރިހާ ކުދިން ޝާމިލު ކޮށްގެން ކިޔަވާއި ދިނުމާއި ގުޅުންހުރި އެކި އެކި މައުޟޫޢު ތަކާއި، ކުދިން ޝައުޤުވެރިވާނެ ގޮތަށް ކިޔަވައިދޭނެ ގޮތްތަކާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދިނުމުގައި ބަލަންޖެހޭ ކަންތައް ތަކާއި ކޯޑިންގ އަދި ރޮބޮޓިކްސްފަދަ ޒަމާނީ ތައުލީމުގެ ތަފާތު ދާއިރާތައް ހިމެނޭ ކަމުގައިވެސް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ފަރާތުން މުދައްރިސުންނާއި ތައުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ގާއިމު ކުރުމުގެ މަގްސަދުގައި މިކޮންފަރެންސް ބާއްވަން ފަށާފައި ވަނީ، 2012 ވަނަ އަހަރުން ފެށިގެންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް