Post banner
ރިޕޯޓް

ސްޓޭޓް ފާމާއިން އަލަށް ނަގާ މުވައްޒަފުންނަށް އަހަރެއްގެ މައްޗަށް 11 މިލިއަން ރުފިޔާ މުސާރައިގެ ގޮތުގައި ހޭދަވާނެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސްޓޭޓް ފާމާއިން އަލަށް ނަގާ މުވައްޒަފުންނަށް އަހަރެއްގެ މައްޗަށް 11 މިލިއަން ރުފިޔާ މުސާރައިގެ ގޮތުގައި ހޭދަވާނެ

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކުންފުނި -- ސްޓޭޓް ފާމާ

ބޭހުގެ މައްސަލަ ހައްލުކުރަން މިދިޔަ އަހަރު އުފެއްދި ދައުލަތުގެ އައު ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކުންފުނިން އަލަށް ނަގާ މުވައްޒަފުންނަށް އަހަރެއްގެ މައްޗަށް 11 މިލިއަން ރުފިޔާ މުސާރައިގެ ގޮތުގައި ހޭދަވާނެއެވެ.

ޖުމްލަ 71 ވަޒީފާ އިއުލާނުކޮށް، މުވައްޒަފުން ނަގަން ސްޓޭޓް ފާމާއިން އިއުލާނުކޮށްފައިވާއިރު، ވަކިވަކިން ބަޔާންކޮށްފައިވާ މުސާރާ ޖުމްލަ ކުރުމުން އެއީ 11،518،800 މިލިއަން ރުފިޔާކަން ހާމަވެއެވެ. އެއީ މަހެއްގެ މައްޗަށް 959،900 ރުފިޔާއެވެ.

gazette.gov.mvGazetteGazette - Maldives

ސްޓޭޓް ފާމާއިން ގެޒެޓުގައިކޮށްފައިވާ އިއުލާނުތަކުން ހާމަވާގޮތުގައި އެ ކުންފުނިން އެންމެ ގިނަ ވަޒީފާ ހުޅުވާލާފައިވަނީ ކޯލް ސެންޓަރ މުވައްޒަފުންނާއި މަޖޫރީންގެ ގޮތުގައި މަސައްކަތްކުރާނެ މުވައްޒަފުންގެ އިތުރުން ސޭލްސް އޮފިސަރުންނާއި ސެކިއުރިޓީ އެސިސްޓަންޓުން ހޯދުމަށެވެ.

އެގޮތުން އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ވަނީ ކޯލް ސެންޓަރ ރިޕްރެޒެންޓޭޓިވްގެ 10 މަގާމައި ސޭލްސް އޮފިސަރުގެ ހަތް މަގާމު ހުޅުވާލާފައެވެ. އަދި ސެކިއުރިޓީ އެސިސްޓަންޓްގެ އަށް މަގާމާއި މަޖޫރީންގެ 11 މަގާމަށް މި ހިނގާ އޮގަސްޓް މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އަދި މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތުހަމަވާ ވަޒީފާއަކާއި މާދަމާ މުއްދަތު ހަމަވާ 4 ވަޒީފާއަކަށްވެސް ސްޓޭޓް ފާމާއިން ވަނީ އިއުލާނުކޮށްފައެވެ.

  • 1 ސެޕްޓެމްބަރަށް މުއްދަތު ހަމަވާ: 18 ވަޒީފާ

  • 31 އޮގަސްޓަށް މުއްދަތު ހަމަވާ: 32 ވަޒީފާ

  • 29 އޮގަސްޓަށް މުއްދަތު ހަމަވާ: 6 ވަޒީފާ

  • 27 އޮގަސްޓަށް މުއްދަތު ހަމަވާ: 15 ވަޒީފާ

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތްކުރާ 800 އެއްހާ މުވައްޒަފުން ސްޓޭޓް ފާމާއަށް ބަދަލުކުރީ ޖުލައި 1 ވަނަ ދުވަހެވެ.

އެސްޓީއޯގެ މުވައްޒަފުން ސްޓޭޓް ފާމާއަށް ބަދަލުކުރުމުގައި މުވައްޒަފުންގެ ހިދުމަތުގެ މުއްދަތު ގުނާ ގޮތުގެ ކަންބޮޑުވުން ވަނީ މުވައްޒަފުންގެ މެދުގައި ބޮޑުވެފައިކަމަށް ކުންފުނީގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންވަނީ މައުލޫމާތުދީފައެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް މި ނޫހުން ފޮނުވި އާރްޓީއައިގެ ޖަވާބުގައި ބުނެފައިވަނީ ސްޓޭޓް ފާމާއަށް ރައްދުވާ ގޮތަށް މިފަދަ އެއްވެސް ޝަކުވާއެއް ހުށައަޅާފައިނުވާކަމަށެވެ.

ނަމަވެސް އެމްޑީޕީން މިދިޔަ ޖޫން މަހު ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެޕާޓީގެ ކުރީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒު ވިދާޅުވީ ސްޓޭޓް ފާމަރ ނަމަކަށް ކިޔާ ކަރުދާސް ކުންފުންޏެއް އުފައްދައި އެކުންފުނީގެ ދަށަށް މުވައްޒަފުން ބަދަލު ކުރާ ކަމަށާއި، އެމުވައްޒަފުންގެ ހުރިހާ އެލަވަންސްތަކާއި، އިނާއަތްތަކެއް ކެނޑޭ ކަމަށެވެ.

ސްޓޭޓް ފާމާގެ ދަށުން ޖުމްލަ 194 ބޭސް ފިހާރާ ހިންގާނެއެވެ. އަދި ބޭހުގެ ކަންކަމުގައި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް 24 ގަޑީއިރު ގުޅޭނެ ހޮޓްލައިނެއް ވެސް ވަނީ ގާއިމްކޮށްފައެވެ.

 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް