ޓުއަރ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނަގަން ނިންމި ނިންމުން ބަދަލުކުރަން ހުށައެޅި ބިލު ކޮމިޓީން ފާސްކޮށްފި
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރާއްޖެއިން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި އޮންލައިން ބުކިން ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމަށް ނިންމި ނިންމު ބަދަލުކޮށް، އެ ޓެކްސް ނުނަގާގޮތަށް ޤާނޫނަށް ބަދަލު ގެނައުމަށް ހުށައެޅި ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި އިސްލާޙް ފާސްކުރުމަށް ކޮމިޓީގައި ވޯޓަށް އެހުމުން، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޤުލަބިއްޔަތުން އެބިލްވަނީ ފާސްކުރައްވާފައެވެ. ބިލް ފާސްކުރައްވާފައި ވަނީ، 67 މެމްބަރުންގެ ވޯޓާއި އެކު، ސަރުކާރުން ބިލުހުށައަޅާފައިވާ ގޮތަށް އެއްވެސް ބަދަލެއް ގެނައުމަކާއި ނުލައެވެ.
ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ނިންމައި ޤާނޫނު އިސްލާޙްކޮށް ފާސްކުރީ، މިއަހަރުގެ އޮގަސްޓު މަހުގައެވެ. އަދި އޮގަސްޓް 31 ގައި އެބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވި އިރު، އެޤާނޫނަށް 1 އޮކްޓޫބަރުން ފެށިގެން ޢަމަލުކުރަން ފެށުމަށްފަހު، 3 ދުވަސްފަހުން، ކުރިން އޮތް ގޮތަށް ބަދަލުކުރަން ބޭނުންވާކަން ސަރުކާރުން އިއުލާނު ކުރިއެވެ.
ރާއްޖެއިން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި އޮންލައިން ބުކިން ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމަށް ސަރުކާރުން ނިންމައި ޤާނޫނު އިސްލާޙްކޮށް ޢަމަލުކުރަން ފެށުމާއި އެކު ރާއްޖެއަށް ބުކިންތައް ނެގުން، ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި އޮންލައިން ބުކިން ޕްލެޓްފޯމްތަކުން ހުއްޓައިލިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް