ކަޅު ދަބަހެއް މަޖިލީހަށް ގެންދިޔަ ސަބަބު މިނިސްޓަރު ސާފުކޮށްދެއްވައިފި
ލިޔުންތެރިޔާ
ދައުރުވަމުން އަންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް ---
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް ބައްދަލުވުމަށް ރޭ ވަޑަިއގެންނެވި އިރު، ކަޅު ދަބަހެއް ގެންދެވި ސަބަބު ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ސާފުކޮށްދެއްވައިފިއެވެ.
ފާޑުކިޔުންތަކާއި ތުހުމަތުތަކާއި ގުޅިގެން ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު އަމިއްލަފުޅު ޙައިސިއްޔަތުން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ރޭ ރައްޔިތުންގެ މަޖިލީހުގައި އޮތް އެބައްދަލުވުމަށް ވަޑައިގެންނެވީ، އާރަށުގައި ފުޓުބޯޅަކުޅެ ނިންމަވާފައި ލޯންޗުން ފައިބައިވަޑައިގެންނެވި ގޮތަށް ކަމަށެވެ. އަދި އަތުގައި ދަބަހެއް އޮތީ އެހެންވެ ކަމަށާއި، އެ ދަބަހުގައި ހުރީ، ކުޅޭ ސާމާނު ކަމުގައިވެސް މިނިސްޓަރ މުއްޠަލިބު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ މުއްޠަލިބު ވިދާޅުވީ، މަޖިލީހުގެ އިދާރާއަށް ދަބަސް ހިއްޕަވައިގެން ވަދެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަމުގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ރޭގެ އެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ޕީއެންސީގެ އިސްމެމްބަރުންނާއި، މުއްޠަލިބުގެ އިތުރުން ބަންޑާރަ ނައިބު އުޝާމާއި، އިކޮނޮމިކް މިނިސްޓަރ ސަޢީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެއްބަދަލުވުން ނިންމަވާފައި އެބޭފުޅުން ނުކުމެވަޑައިގެންނެވި ވަގުތު އޮންލައިން ނޫސް އަދަދުގެ ނޫސްވެރިން އެބޭފުޅުންނާއި ސުވާލުވެސް ކުރެއްވިއެވެ. އެވަގުތު އެކަމާއި ގުޅޭ ގޮތުން މިނިސްޓަރ މުއްޠަލިބު އެއްވެސް ޖަވާބެއް ނުދެއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް