މެއިންޓަނަންސް ފީއަށް މަހަކު 1500ރ ނަގާއިރު، ވިނަރެސް ޓަވަރުތަކުގެ އޭސީއައުޓްޑޯ ޔުނިޓްތައް ހުރިތަންތަން ވަނީ ކޮތަރު ހާއްޔަށްވެފައި
ލިޔުންތެރިޔާ
އެޗްޑީސީން ބޮޑު އަގުގައި ވިއްކާފައިވާ، ވިނަރެސް ފްލެޓްތަކުގެ މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ ޔުނިޓަކުން މަހަކު، 1500 ރުފިޔާ ނަގާއިރު، އިމާރާތްތައް އެކަށީގެންވާ ގޮތުގައި ނުބަލަހައްޓާކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.
ވިނަރެސް ފްލެޓްތަކުގައި އޭސީ އައުޓްޑޯރ ޔުނިޓްތައްވެސް ބެހެއްޓެނީ އެޗްޑީސީން ކަނޑައަޅާފައިވާ ތަނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށް ވާއިރު، އެޗްޑީސީން އެތަންތަން ސާފުކޮށް އެއްގޮތަކަށްވެސް ނުބަލަހައްޓާކަން ވަނީ ފާހަގަވެފައެވެ. މިގޮތުން ވިނަރެސް ޓަވަރު 9 އާއި 10 އެއްގެ ވައިގޮޅިތަކުގައި ކޮތަރު އާލާވެ މުޅި އިމާރާތުގެ އޭސީއަައުޓްޑޯ ޔުނިޓްތައް ބަހައްޓާ ހުރިހާ ތަނެއް ވަނީ ނަޖިސްކޮށްފައެވެ.

ރައްޔިތުންގެ ޝަކުވާތަކާއި ގުޅިގެން އެތަނަށް ޒިޔާރަތްކޮށް ބެލި އިރު، ޓަވަރުތަކުގެ އޭސީއައުޓްޑޯ ޔުނިޓްތައް ހުރިތަނުގައި ކޮތަރު ހާލިހަދައި ބިސްއަޅައި އަދި ބައެއް ތަންތަނުގައި ޅަކޮތަރުތައްވެސް ތިބިކަން ވަނީ ފާހަގަކުރެވިއެވެ. މީގެ އިތުރުން ޓަވަރު 10 އޭގެ ހުރިހާ އޭސީއަައުޓްޑޯރ ޔުނިޓެއް ހުރިތަންތަން ވަނީ، ކޮތަރު ގުއިލައި ވަރަށް ބޮޑަށް ހަޑިވެފައެވެ.
ކަންބޮޑުވުންފާޅުކުރި ފަރާތްތަކުން ވަނީ، އޭސީއައުޓްޑޯރ ޔުނިޓްތައް ހުރިތަންތަން ކޮތަރު ގުއިލައި އިންތިހާ ދަރަޖައަށް ތަޣައްޔަރުވެފައި ވުމުން، ފްލެޓްތަކުގެ ކޮޓަރިތަކަށް އޭސީ ޔުނިޓްތަކުން ވައިދައުރު ކުރާއިރު، ޞިއްޙީ ނުރައްކާތައް ކުރިމަތިވާނެ ކަންވެސް ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް