Post banner
ލުއި ޚަބަރު •

މީގެ 300 އަހަރު ކުރިން ދުނިޔެއިން ނެތިގެން ދިޔަ ޑޯޑޯ ދޫނި އަނބުރާ ވުޖޫދަށް ގެނައުމަށް ސައިންސްވެރިން މަސައްކަތް ކުރަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މީގެ 300 އަހަރު ކުރިން ދުނިޔެއިން ނެތިގެން ދިޔަ ޑޯޑޯ ދޫނި އަނބުރާ ވުޖޫދަށް ގެނައުމަށް ސައިންސްވެރިން މަސައްކަތް ކުރަނީ

ޑޯޑޯގެ ތަސްވީރެއް --

މީގެ 300 އަހަރު ކުރިން ދުނިޔެއިން މުޅިން ނެތިގެން ދިޔަ ޑޯޑޯ ދޫނި އަނބުރާ ވުޖޫދަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގެ %95 ކާމިޔާބު ކުރެވިފައިވާ ކަމުގައި، އެމެރިކާގެ ބަޔޯޓެކް ކުންފުންޏެއް ކަމަށްވާ ކޮލޮއްސަލް ބަޔޯ ސައިންސް އިން ހާމަކޮށްފިއެވެ.

އެކުންފުނިން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި، މޮރިޝަސްގެ ޖަޒީރާގައި ދިރިއުޅުނު، މިހާރު ދުނިޔެއިން މުޅިން ނެތިފަނާވެގޮސްފައިވާ ދޫނި، އަލުން ވުޖޫދަށް ގެނައުމުގެ މަސައްކަތުގައި މުހިއްމު ކުރިއެރުންތަކެއް ވަނީ ހޯދިފައެވެ. އެގޮތުން، ޑޯޑޯގެ ޑީއެންއޭ ޑީއެންއޭގެ ޖީނޯމްގެ 95 އިންސައްތަ މިހާރު ވަނީ ކާމިޔާބުކަމާއެކު ތަރުތީބުކޮށް ނިންމާފައެވެ. އަދި އެކުންފުނިން އަލަށް އުފެއްދި ޖެނޯމޯފް ކިޔާ އާޓިފިޝަލް އިންޓެލިޖެންސް ޕްލެޓްފޯމެއް ބޭނުންކޮށްގެން، ޑޯޑޯގެ ތުންގަނޑާއި ބޮލުގެ ބައްޓަން އުފެދުމަށް މެދުވެރިވާ 2,300 އަށްވުރެ ގިނަ ޖެނެޓިކް ބަދަލުތައް ދެނެގަނެވިފައިވާ ކަމުގައިވެސް އެކުންފުނިން ހާމަކޮށްފައި ވެއެވެ.

ކޮލޮއްސަލް ބަޔޯ ސައިންސްއިން ހާމަކޮށްފައިވާ ގޮތުގައި، ޑޯޑޯ ދޫނި، އަލުން ވުޖޫދަށް ގެނައުމަށް ކުރެވޭ މަސައްކަތުގައި، ޑޯޑޯ އާއި އެންމެ އެއްގޮތް މިހާރު ދުނިޔޭގައި ދިރިއުޅޭ ނިކޮބާ ކޮތަރު ބޭނުން ކުރާނެއެވެ. މިގޮތުން ސައިސްވެރިން މަސައްކަތް ކުރަމުން ދަނީ، ނިކޮބާ ކޮތަރުގެ ޖީންތަކަށް ބަދަލުގެނެސްގެން ޑޯޑޯގެ ސިފަތަކާއި އެއްގޮތް ދޫންޏެއް ވުޖޫދަށް ގެނައުމަށެވެ.

ސައިންސްވެރިން ލަފާކުރާ ގޮތުގައި ބިހުން ފީކޮށްގެން ޑޯޑޯއާ އެއްގޮތް ދޫންޏެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް ކާމިޔާބު ކުރުމަށް އަދިވެސް 5 އަހަރާއި 7 އަހަރާއި ދެމެދުގެ މުއްދަތެއް ހޭދަވާނެއެވެ. އެހެން ނަމަވެސް މިދޫންޏަކީވެސް މުޅިން އަސްލު ޑޯޑޯގެ ސައްތައިންސައްތަ ކޮޕީއަކަށް ނުވާނެކަމަށާއި އެހެން ނަމަވެސް، އެއީ ނިކޮބާ ކޮތަރުގެ ޑީއެންއޭއަށް ޑޯޑޯގެ ސިފަތައް ލައްވައިގެން އުފަންކުރެވޭ، ނިކޮބާ ކޮތަރާއި ޑޯޑޯގެ ސިފަތައް ހުރި ދޫންޏަކަށް ވެގެންދާނެ ކަމުގައި ސައިންސްވެރިން ވަނީ ބުނެފައެވެ.
ޑޯޑޯ ދޫންޏަކީ، މޮރިޝަސްގެ ޖަޒީރާތަކުގައި ދިރިއުޅުނު، އުދުހުމުގެ ޤާބިލްކަން ލިބިފައި ނުވާ، އަދި އަމިއްލަ ނަފުސުގެ ދިފާޢުގައި އެއްވެސް ކަމެއް ކުރަން ނޭނގޭ ދޫންޏެކެވެ. 17 ވަނަ ޤަރުނުގައި އެދޫނީގެ އާބާދީ މުޅިން ހުސްވެގެން ދިޔައީ، އިންޑިއާކަނޑަށް ވެރިވެގަތް ޔޫރަޕްގެ އިސްތިޢުމާރީ ބާރުތަކުން އެދޫނި ހިފައިގެން ކައި ހުސްކުރުމުންނެވެ.

އަލުން އުފަންކުރުވާ ޑޯޑޯ އާއި އެއްގޮތް ދޫނިތައް ދޫކޮށްލާނީ، މޮރިޝަސްއަށް، ޑޯޑޯ ދިރިއުޅުނު މާހައުލަށް ކަމުގައިވެސް ސައިންސްވެރިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް