ދިވެއްސަކު މުރުތައްދުވެ، މާތްﷲ އާއި ރަސޫލާއަށް ފުރައްސާރަ ކުރާއިރު، ސަރުކާރު ހިމޭނުން
ލިޔުންތެރިޔާ
ދިވެއްސަކު، މުރުތައްދުވެ، ސޯޝަލް މީޑިއާގައި، މާތްﷲ އާއި ރަސޫލާއަށާއި، އަހުލުބައިތުންނާއި ޞަހާބީންނަށް ފުރައްސާރަކުރަމުންދާއިރު، އެކަން ހުއްޓުވުމަށް ދިވެހި ސަރުކާރުން މަސައްކަތް ނުކުރާތީ އާއްމު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މުރުތައްދުވެފައިވާ އެމީހާ ދިރިއުޅެނީ ޖަޕާނުގައެވެ. އޭނާ ދަނީ ސޯޝަލް މީޑިއާގެ އެކި މަންސަތައް ބޭނުންކޮށްގެން ދިވެހި ބަހުން މާތްﷲ އާއި ރަސޫލާއަށާއި، އަހުލުބައިތުންނާއި ޞަހާބީންނަށް ފުރައްސާރަކޮށް ވީޑިއޯތައް ޕޯސްޓު ކުރަމުންނެވެ.
ރައްޔިތުންގެ ނޫހާއި، ވާހަކަ ދެއްކި އެކަމުގެ ކަންބޮޑުވުން ފާޅުކުރި ފަރާތުން ބުނީ، ދީނަށް ފުރައްސާރަ ކުރަމުންދާ އެމީހާގެ މައްސަލަ ކަމާއި ބެހޭ ހުރިހާ ފަރާތްތަކަށް ހުށައަޅާފައިވާ ކަމަށާއި، އެހެން ނަމަވެސް އޭނާގެ އެއަމަލުތައް ހުއްޓުވުމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިވާތަން ނުފެންނަ ކަމަށެވެ. އޭނާ މައުލޫމާތު ދިން ގޮތުގައި، ދީނަށް ފުރައްސާރަ ކުރަމުންދާ އެމީހާ އާއި ގުޅޭ ކަންބޮޑުވުންތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، އިސްލާމިކް މިނިސްޓްރީއަށާއި، ފޮރިން މިނިސްޓްރީއަށްވެސް ވަނީ ހުށައަޅާފައެވެ. އެހެން ނަމަވެސް އެކަމުގައި ސަރުކާރުގެ އެއްވެސް އިދާރާއަކުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައިވާތަން ނުފެންނަ ކަމުގައި އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން އޭނާ ބުނީ ދީނަށް ފުރައްސާރަ ކުރާ އެމީހާއާ ގުޅޭ ކަންބޮޑުވުންތައް ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރު އަޙްމަދު މަޚުލޫފަށާއި، ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަށްވެސް ހުށައެޅި ކަމަށެވެ.
މުރުތައްދުވެފައިވާ އެމީހާވަނީ، ދާދިފަހުންވެސް މިއުއްމަތުގެ މާތްނަބިއްޔާ އަށާއި، އުއްމުލްމުޢުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް ހަޑިހުތުރުބަސްތައް ރައްދުކޮށް، އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ބޮޑެތި ފާފަފަތަކަށް އަރައިގަތުމަށް ހިއްވަރުދީ ވާހަކަދައްކާފައެވެ.
މުރުތައްދުވެފައިވާ އެމީހާގެ އަމަލުތައް ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ނުކުރާ މައްސަލައިގައި، މުޒާހަރާއެއް ކުރުމަށް ރާވަމުން އަންނަ ކަމުގައިވެސް އެކަމުގެ ކަންބޮޑުވުން ހިއްސާކުރި ފަރާތުން ބުނެފައި ވެއެވެ.
ދިވެއްސަކު މުރުތައްދުވެ އިސްލާމްދީނުން ބޭރުވެގަތުމަކީ، އޭނާގެ ކިބައިން ދިވެހިރައްޔިތެއް ކަމުގެ ޙައްޤު ނިގުޅައިގަނެވޭނެ ކަމެކެވެ. އަދި މުރުތައްދުވުމާއި، އިސްލާމްދީނަށް ތައުހީނުކުރުމަކީ، ޤާނޫނީގޮތުން ކުށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް