Post banner
ރާއްޖެ •

ކުޅޭ ކުޅޭ ބަޑިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކުޅޭ ކުޅޭ ބަޑިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ހުޅުމާލެ ޕޮލިސް ސްޓޭޝަން --

ބަޔަކު ގެންގުޅުނު ކުޅޭ ކުޅޭ ބަޑިތަކެއް ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ކޮންބައެއްކަން ނޭނގޭ ބަޔަކު ހުޅުމާލޭގައި ބަޑިތަކެއް ހިފައިގެން އުޅޭ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އާއްމުވެ، ބައެއް ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ފެށުމުން، އެކަން ބަލައި ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެމީހުން ގެންގުޅުނު ބަޑިތަކަކީ، ކުޅޭ ކުޅޭ ބަޑިތަކެއް ކަމަށާއި އެހެން ނަމަވެސް އެ ބަޑިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ، ބަޔަކު ބަޑިއެއެއް ހިފައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން، އެތަކެއްޗަކީ ކުޅޭކުޅޭ ބަޑިތަކެއްކަން ކަށަވަރު ކުރެވުނު ކަމަށެވެ. އަދި އާއްމުވި އެ ވީޑިއޯއަކީ 2026 އޮކްޓޫބަރު 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ރެކޯޑްކޮށްފައިވާ ވީޑިއޯއެއްކަންވެސް އެނގިފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން، ވީޑިއޯއިން ފެންނަ ރަތްކުލައިގެ ކާރު، ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ވަނީ ހުޅުމާލެ ރުއްގަނޑު ދޭއް ސަރަހައްދުން ހޯދައި ހުއްޓުވާފައި ކަމަށެވެ. އެވަގުތު ކާރު ދުއްވަން އިން ފަރާތާ ސުވާލުކުރުމުން އެއީ ކުއްޔަށް ދޫކުރާ ކާރެއްކަން އެނގިފައިވާ ކަމަށާއި އަދި އެ ކާރު ކުއްޔަށް ނެގި ފަރާތް ފުލުހުންގެ އިދާރާއަށް ހާޟިރުކޮށް ސުވާލުކޮށްފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.

އެ ވީޑިއޯ ފެތުރި ބައެއް ފަރާތްތަކުން ވަނީ، އެވީޑީއޯއަކީ، އިޒްރާއީލުގެ މޮސާޑުގެ އޭޖެންޓުންތަކެއް ރާއްޖޭގައި ބަޑި ހިފައިގެން އުޅޭ މަންޒަރުފެންނަ ވީޑިއޯއެއް ކަމުގައިބުނެ، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދޮގު މައުލޫމާތުތައް ސޯޝަލް މީޑިއާގައި ފަތުރާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް