ޒިންމާދާރުކުރުވުމެއް، އިންސާނިއްޔަތުކަމެއް ނެތް. ބިދޭސީންނަށްވީމަތަ؟
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރާއްޖޭގައި ދިރިއުޅޭ ކޮންމެ ހަތަރު މީހަކުން އެކަކަކީ ބިދޭސީއެކެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ 40% ދިރިއުޅެނީ މާލެ ސަރަހައްދުގައެވެ. --- ފޮޓޯ: ދައުރު / މުޒައްޔިން ނާޒިމް
މި މާރިޗު މަހުގެ 12 ވަނަ ދުވަހުގެ ރޭ އދ ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ރާއްޖޭގައި އެންމެ ގިނަ މީހުން އެއްފަހަރާ މަރުވި މިފަދަ ދެވަނަ ހާދިސާއެވެ. މިފަދަ ފުރަތަމަ ހާދިސާއެއް ހިނގީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 09ވަނަ ދުވަހުގެ ރޭ، މ. ނިރުފެހިގޭގައި ހިނގިއަލިފާނުގެ ހާދިސާގައެވެ. އެހާދިސާގައި 10 މީހުން މަރުވިއެވެ. 2023 ވަނަ އަހަރު ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި 166 މަސައްކަތްތެރިން ހާލުގައި ޖެހުނެވެ. 2024 ވަނަ އަހަރު ގާމަގު ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގައި 57 މީހަކަށް އަސަރުކޮށް، 50 އަށް ވުރެއް ގިނަ ބިދޭސީން ހާލުގައި ޖެހުނެވެ.
މިއީ ނަންބަރުތަކެއް ނޫނެވެ. މިއީ ވެސް އިންސާނުންނެވެ. ކޮންމެ ދުވަހަކުވެސް ނުރައްކާތެރި އެތައް މާހައްލުއްގައި މަސައްކަތްކޮށް، ދިރިއުޅެމުންދާ ބައެއް ބިދޭސީންގެ ޙަޔާތް ނިމިދިޔަ ގޮތުގެ ހާދިސާތަކެވެ. މުސްތަޤުބަލަށް ފޮނި ހުވަފެންތަކެއް ދުށް ހަމަ އަހަރެމެންފަދަ އިންސާނުންތަކެއްގެ ޙަޔާތާއި އުންމީދުތަކާއި ހުވަފެންތައް އަނދައި އަޅިޔަށް ވެގެން ދިޔަ ގޮތެވެ.
ވިޔަފާރީގައި އަވަހަށް ބޮޑު މަންފާއެއް ހޯދުމުގެ ދަހިވެތިކަމުގައި ދިވެހި ގިނަ ވިޔަފާރިވެރިންވެސް މަސައްކަތްތެރިންނަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމުގެ ގޮތުން ދިވެހިންގެ ބަދަލުގައި ބިދޭސީ މަސައްކަތްތެރިން ގެންނަނީއެވެ. މިކަމުގައި ގޯހީ ބަނޑުހައިހޫނުކަންފިލުވުމުގެ ގޮތުން ފައިސާ ހޯދަންޖެހިފައިވާ ބިދޭސީ މީހާހެއްޔެވެ؟ ނުވަތަ ވަޒީފާއެއް ނުލިބިގެން ގަނަތެޅެންޖެހޭ ދިވެހި މީހާ ހެއްޔެވެ؟ ނުވަތަ، ފައިސާގެ ދަހިވެތިކަމުގައި އިންސާނީ ކަރާމާތާއި ހަމަހަމަކަމަށް ނުބަލާ ވިޔަފާރިވެރިޔާ ހެއްޔެވެ؟
އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި 5 މީހަކު ނިޔާވިއެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ދެމީހާކާއި ވަރަށް ޒުވާން ތިން މީހަކު ހިމެނޭއިރު، މިހާދިސާގައި ފިހިގެން އަނިޔާވި 2 މީހަކަށް ވެންޓިލޭޓަރުގައި ބާއްވައިގެން އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.
އެނގިފައިވާގޮތުން މި ހާދިސާގައި ބާރުއަޑުފައްގަނޑަކާއި އެކު ގޭސްފުޅި ގޮވުމާއެކު މުޅި ބަދިގެ ތެރޭގައި ރޯވީއެވެ. އަދި ބިދޭސީން ދިރިއުޅޭ އެތަނުގައި ކޮޓަރިއަށް ވަދެވެން ހުންނަނީ ބަދިގެ ތެރެއިންނެވެ. އެހެންވެ އެތަނުގައި ރޯވުމާއި އެކު ކޮޓަރިތެރޭގައި ތިބި ތިރީހަކަށް މީހުން ނުނުކުމެވި ތާށިވީއެވެ. އަލިފާންގަނޑު މުޅިތަނަށް ފެތުރިގެން ދިޔައީ، މަތީގައި ހޫނުމަޑުކުރުމަށް ޓިނުތަކުގެ ދަށުން ޖަހާފައި ހުރި، ސިންތެޓިކް ރަބަރ ޝީޓްތަކުގައި ރޯވެގެންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ މީހުން ސަލާމަތްކުރީ އެކުންފުނީގެ އެހެން ބަޔަކު، މީހުންތާށިވެފައި ތިބި ކޮޓަރީގެ ބޭރަށް ހުރި ފާރުތަޅާލައިގެންނެވެ. އެހެން ނަމަވެސް އޭރުވެސް ބައެއް މީހުން ވަނީ ނޭވާ ހާސްވެ ޚަބަރު ހުސްވެފައެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ފާރުތަޅާލީ ފުލުހުންނާއި އާއްމުން ގުޅިގެން ކުރި މަސައްކަތުން ކަމަށާއި، ފާރުތަޅާލި އިރު އެތެރޭގައި 7 މީހުން ޚަބަރު ހުސްވެފައި އޮތް ކަމަށެވެ. އެމީހުން ނެރެގެން ދިގުރަށުގެ ސިއްޙީމަރުކަޒަށް ގެންދިޔައިރު އޭގެތެރެއިން 5 މީހަކު ވަނީ ނިޔާވެފައި ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
އިހުމާލުގެ ވާހަކަ ދައްކަންޖެހޭ ހިސާބަކީ މިއީއެވެ. އެހެންނޫނީ ހައްގުތަކުގެ ވަކާލާތުކޮށް، އިހުމާލެއް އޮތްތޯ ބެލުމަށް މީސްމީޑިއާގައި އަޑުގަދަކުރާ މީހުންގެ އަޑެއް މިއަދަކު ނެތެވެ. ރަނގަޅެވެ. އިންތިޚާބެއް ބޯމަތިވަނީއެވެ. ދިރިއުޅުމުގެ ހަރަދު ބޮޑުވަނީއެވެ.
ނަމަވެސް، އިންސާނިއްޔަތުކަމަކީ ވަކި ކުލައެއްގެ ވަކި ގައުމެއްގެ މީހަކަށް ވަކި ހާލަތެއްގައި ފޯރުކޮށްދެވޭ އެއްޗެއްކަމުގައިވާނަމަ، އަސްލު ހަގީގަތުގައިވެސް އިންސާނުއްޔަތުކަން އެބަވޭހެއްޔެވެ؟
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން މި ހާދިސާއާ ގުޅިގެން ހަރަކާތްތެރިވެފައި ވަނީ ކިހިނެއްތޯ ސުވާލުކުރުމުން ވިދާޅުވީ އަލިފާނުގެ ހާދިސާގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވަނީ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގެ ކަމަށެވެ.
އަދި އެތަނުގައި ދިރިއުޅުނު ބިދޭސީން ގެ އަދަދާއި އެމީހުންގެ ހާލު ބެލުމާއި އަދި ބިދޭސީންގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކައުންސިލް އިދާރާއާއި ޕޮލިސް އަތޮޅު ކޮމާންޑް މެދުވެރިކޮށް ކުރެވުނުކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
އަދި އެހީތެރިކަން ބޭނުންވާ ބިދޭސީންނާއި އާންމު ފަރާތެއްވޭތޯ ކައުންސިލް މެދުވެރިކޮށް ބަލާފައިވާކަމަށާއި، މިހާދިސާގައި އަލިފާންރޯވި ތަން ފިޔަވާ އެހެން ތަނަކަށް ގެއްލުމެއް ލިބިގެން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތެއްގެ ނެތް ކަމަށް ކައުންސިލުން މަޢުލޫމާތުދިން ކަމަށް ވިދާޅުވިއެވެ.
އެޗްއާރްސީއެމުން ބުނީ މި މައްސަލައިގެ ތަހުގީގުކުރިއަށް ދާ ކަމަށެވެ. އަދި ތަހުގީގު ނިމުމުން ފާހަގަވާ ނިޒާމީ ކަންކަން ގުޅުންހުރި އިދާރާތަކާ ހިއްސާކުރާނެ ކަމަށެވެ.
ރާއްޖޭގައި ދިރިއުޅޭ ކޮންމެ ހަތަރު މީހަކުން އެކަކަކީ ބިދޭސީއެކެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ %40 ދިރިއުޅެނީ މާލެ ސަރަހައްދުގައެވެ. 2022 ވަނަ އަހަރުގެ ބޯހިމެނުމަށް ބަލާލާއިރު، ރާއްޖޭގައި 132،493 ބިދޭސީން ދިރިއުޅޭކަމަށް ރިކޯޑުކުރެވިފައިވއެވެ. އޭގެތެރެއިން ދެބައިކުޅަ އެއްބައި މީހުން ނިސްބަތްވަނީ ބަންގްލަދޭޝްއަށެވެ. ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ފަސް ބިދޭސީއެއްގެ ތެރެއިން އެކަކަކީ އިންޑިއާމީހެކެވެ.
ރިޕޯޓުން ފާހަގަކުރާ ގޮތުގައި އެންމެ ގިނަ ބިދޭސީން މަސައްކަތްކުރަމުން އަންނަނީ އިމާރާތްކުރުމުގެ ދާއިރާގައެވެ. ދެވަނައަށް އެންމެ ގިނައިން ބިދޭސީން މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ.
ބިދޭސީ މަސައްކަތްތެރިން ރާއްޖެ އަންނައިރު، އާންމުކޮށް 70،000 ޓާކާއާއި 200،000 ޓާކާއާއި ދެމެދުގެ އަދަދަކަށް ބަންގްލަދޭޝް އޭޖެންޓުން ބިދޭސީ މަސައްކަތްތެރިންގެ އަތުން ފައިސާ ނަގައެވެ. ބިދޭސީ މަސައްކަތްތެރިން ގިނަ ފަހަރު މިފައިސާ ހަމަކުރަނީ އެމީހުންގެ ބިމާއި މުދާ ވިއްކާލައިގެންނެވެ.
އަދި ބައެއް ހާލަތްތަކުގައި، އޭޖެންޓް ވައުދުވެފައިވާ ވަޒީފާއާ ތަފާތު ވަޒީފާއެއް އަދާކުރަންޖެހޭކަން އެނގެނީ އެމީހުން ދިވެހިރާއްޖެއަށް އައުމުންނެވެ.
އަދި މިފަދަ ނާޒުކު ހާލަތްތަކުގައި ބިދޭސީ މަސައްކަތްތެރިންނަށް އެމީހުންގެ ހައްގުތަކަކީ ކޮބައިކަން ގިނަ ފަހަރު ނޭނގެއެވެ. ބިދޭސީ މަސައްކަތްތެރިންގެ ޕާސްޕޯޓު ރައްކާތެރިކުރުމުގެ ނިޔަތުގައި ވަޒީފާދޭ ފަރާތްތަކުން ބަލަހައްޓަމުންދެއެވެ. އަދި މިފަދަ ހާލަތްތަކުގައި ރަސްމީ ލިޔެކިޔުމެއް ނެތުމުގެ ސަބަބުން ގިނަ ބިދޭސީ މަސައްކަތްތެރިން ސިއްހީ ފަރުވާ ހޯދުމަށް ވެސް ފަސްޖެހެއެވެ. ގޮތް ހުސްވެގެން މާޔޫސް ކަންމަތީ، ނުރައްކާތެރި ތަންތަނުގައި ދިރިއުޅެ މަސައްކަތްކުރަން އެމީހުންނަށް މަޖުބޫރުވެއެވެ.
ތަންފީޒީ އިދާރާތަކުގެ ހާލަތުވެސް އެހާ ދެރަ!
ދިވެހިރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ބަޔާންކޮށް، 2022 ވަނަ އަހަރު އެޗްއާރްސީއެމްގެ ނެރުނު އަހަރީ ރިޕޯޓުން ފެންނަ ގޮތުގައި ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް، އެން.ޕީއެމް.އިން ޒިޔާރަތްކުރި ބައެއް މަރުކަޒުތަކުގައި އަލިފާން ނިއްވާނެ ނިޒާމެއް ގާއިމްވެފައެއް ނެތެވެ. އަދި ބައެއް މަރުކަޒުތަކުގައި ހުރި އަލިފާން ނިއްވާ ފުޅިތައް މުއްދަތު ހަމަވެފައިވާކަން އެންޕީއެމްއިން ވަނީ ފާހަގަކޮށްފައެވެ.
މިކަމަކީ، އެން.ޕީ.އެމް. ގެ ޒިޔާރަތްތަކުން ރަނގަޅުކުރުމަށް އަންގާ ހުށައެޅިނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި އިސްލާހީ ފިޔަވަޅުތައް އަޅާފައިނުވާކަމަށް އެޗްއާރްސީއެމުން ވަނީ ފާހަގަކޮށްފައެވެ.
އެން.ޕީ.އެމުން ޒިޔާރާތްކުރާ މަރުކަޒުތަކަކީ ޕޮލިސް ކަސްޓޯޑިއަލް، ޕޮލިސް ސްޓޭޝަން، ޖަލު، ނޭޝަނަލް ރީއިންޓްރަގޭޝަން ސެންޓަރު، އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު، ޖުވެނައިލް ޑިޓެންޝަން ސެންޓަރު، ކުޑަކުދިން ބަލަހައްޓާ މަރުޒަކުތަކުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި ޑްރަގް ޓްރީޓްމެންޓް ސެންޓަރުތަކެވެ.
ދެން އޮތް ސުވާލު ވަރަށް ބޮޑެވެ. މިއީ ތަންފީޒީ އިދާރާތަކެވެ. ސަރުކާރުގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނުގެ ހާލަތު މި ދަރަޖައިގައި އޮންނައިރު، އެ ތަންތަނުން އަދި ބިދޭސީ މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރާނީ ކޮންގޮތަކަށް ހެއްޔެވެ؟
ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކެޕޭސިޓީ އަކީ ކޮބާ؟
ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ މަގުސަދަކީ ދިވެހިރާއްޖޭގެ އެއްގަމާއި ކަނޑުގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި ކާރިސާތަކުގައި މީހުންނާއި މުދާ ސަލާމަތްކުރުމަށް ހިދުމަތް ފޯރުކޮށްދިނުމެވެ.
އަދި ސަރުކާރުން އިމާރާތްކުރާ ތަންތަނަކީ އަލިފާނުން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ އިމާރާތްތަކެއްކަން ކަށަވަރުކުރުމުގެ ގޮތުން އެފަދަ އިމާރާތްތަކުގެ ކުރެހުން ބަލާ ފާސްކުރުމާއި، ކުރެހުމާއި އެއްގޮތައް އަލިފާން ރައްކާތެރިކޮށްދޭ އާލާތްތައް ހުރިތޯ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ބަލައެވެ.
ނަމަވެސް، އާންމުންގެ އެންމެ ބޮޑު ޝަކުވާ އަކީ ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ސަރަހައްދުތަކާއި، ބައިބޯ އެހެނިހެން ސަރަހައްދުތައް ކަނޑައަޅާ އަދިވެސް އެދެވޭ ގޮތެއްގައި އެ މަސައްކަތް އެމްއެންޑީއެފަށް ނުކުރެވޭ ކަމެވެ.
މައުލޫމާތު ހޯދާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ ނޫހުގެ ނޫސްވެރިޔަކު އެދުނީ ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ފަޔަރ އެންޑް ރެސްކިއުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ކުރެވިފައިވާ ތަމްރީންތަކާއި، އިތުރުކުރެވިފައިވާ އުޅަނދުތަކާ ވަސީލަތްތަކުގެ ތަފްސީލު ހާމަކުރުމަށެވެ.
ދިފާއީ ވުޒާރާއިން ހާމަކުރިގޮތުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ޖުމްލަ 92 ފަޔަރ ފައިޓަރުންވަނީ ފަޔަރ އެންޑް ރެސްކިއު ތަމްރީނުތަކުގައި ބައިވެރިވެ ތަމްރީންވެފައެވެ. އެއީ ރާއްޖެއިން ބޭރުން 71 ފަޔަރ ފައިޓަރުންނާއި ރާއްޖޭގައި 21 ފަޔަރ ފައިޓަރުންނެވެ.
މީގެއިތުރުން، އާންމުންނަށް އަމާޒުކޮށް 97 ޕްރޮގްރާމެއް ހިންގާ، 14،201 ފަރާތަކަށް އަލިފާނުން ރައްކާތެރިވުމުގެ މައުލޫމާތުދީފައިވާކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އަދި ރިސޯޓްތަކާއި މުއްސަސާތަކަށް އަމާޒުކޮށްގެން 60 ތަމްރީން ޕްރޮގްރާމް ދެވިފައިވާކަމަށް ހާމަކުރިއެވެ.
ވޭތުވެ ދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ފަޔަރ އެންޑް ރެސްކިއު ސާރވިސްއަށް 13 ފަޔަރ ފައިޓަރުން އިތުރުކޮށްފައިވާކަމަށް އާރްޓީއައިގެ ޖަވާބުގައި މިނިސްޓްރީން ހާމަކުރިއެވެ.
އަދި ކ. މާފުއްޓާއި އަދި. މާމިގިލީގައި ފަޔަރ ސްޓޭޝަނެއް ގާއިމްކޮށް، އަލިފާން ނިއްވުމުގެ ހިދުމަތް ފަށާފައިވާކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރުން ފަޔަރ އެންޑް ރެސްކިއު ކޯޑިނޭޝަން ސެންޓަރެއް ވަނީ ގާއިމްކޮށްފައެވެ.
މީގެ އިތުރުން، އަލިފާން ނިއްވުމަށް ބޭނުންކުރާ 115 އަލިފާން ނިއްވާ ހޮޅިއާއި، 16 ފެން ހިއްކާ ޕަންޕާއި، 20 ފޯމް ބެރަލްގެ އިތުރުން އަލިފާން ނިއްވުމަށް ބޭނުންކުރާ 30 ބްރާންޗް ހޯދިފައިވާކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
މީގެތެރޭގައި އަލިފާނުގެ ހާދިސާތަކާއި ކައްކާ ގޭސް ލީކުވުމުގެ ހާދިސާތަކާއި ލިފްޓްގައި މީހުން ތާށިވުމާއި، ކޮޓަރީގައި ކުޑަކުދިން ތާށިވެގެން، ބަލި މީހުން އެޕާޓްމެންޓްތަކުން ތިރިއަށް ބާލައިދިނުމުގެ ގޮތުން ހަރަކާތްތެރިވެފައިވާ ހާދިސާތައް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ނަމަވެސް މި ހާދިސާތަކުގެ ތަފާސްހިސާބުތައް އަދަދުތަކުން ފެންނާނެ ގޮތަށް މިނިސްޓްރީއިން ބަޔާންކޮށްފައެއް ނުވެއެވެ.
ޖަމްއިއްޔާ ޖަމާއަޔްތަކުގެ ކަންބޮޑުވުން
އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފަސް ޖަމްއިއްޔާއަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސް، މިޝަން ފޯ މައިގްރެންޓް ވޯކާރސް މޯލްޑިވް، ބާރަތް ކްލަބްގެ އިތުރުން ސޭވް މޯލްޑިވްސްއާއި މޯލްޑިވްސް ޓްރޭޑް ޔޫނިއަންއާ ގުޅިގެން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ތަންތަނުގެ ސަލާމަތީ މިންގަނޑުތަކަށް އިހުމާލުވެ ތަންފީޒުނުކުރެވޭ ކަމަށެވެ.
އެގޮތުން، ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކުން އެފަރާތްތައް ދިރިއުޅުމަށް ހަމަޖައްސާފައިވާ ތަންތަނަކީ ގިނަ ފަހަރު އިންސާނުން އުޅެން އެކަށީގެންނުވާ ތޮއްޖެހިފައިވާ ތަންތަން ކަމުގައި މި ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި، ނުރައްކާތެރި އިމާރާތްކުރާ ސައިޓުތަކާއި، ގަރާޖު ކެފޭ، ނުވަތަ ނުރައްކާތެރި ސާމާނާއި، ކެމިކަލްފަދަ ތަކެތި ރައްކާކޮށްފައި ހުންނަ މަސައްކަތު މާހައުލުތަކުގައި ގިނަ ބިދޭސީން ދިރިއުޅެންޖެހޭކަމަށް ފާހަގަކޮށްފައިވެއެވެ.
އދ. ދިގުރަށުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން މި ނޫސްބަޔާނުގައި ބައިވެރިވި 5 ޖަމްއިއްޔާއިން ވަނީ ހާމަކަންބޮޑުގޮތެއްގައި ތަހުގީގު ހިންގުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް ހިމެނޭ ގޮތަށް ކަމާބެހޭ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ. އަދި މި ހާދިސާގައި ނިޔާވި އާއިލާތަކަށް ފުރިހަމަ އިންސާފުވެރި ބަދަލެއް ލިބޭނެކަން ކަށަވަރުކޮށް، އެންމެހާ ހަރަދުތައް ލަސްނުކޮށް، ހަމަޖައްސައިދިނުމަށް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، އިހުމާލިވި ހުރިހާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅައި، އެ ފަރާތްތައް ޒިންމާދާރުކުރުވުމަށް މި ފަސް ޖަމްއިއްޔާއިން ވަނީ ގޮވާލާފައެވެ.
ލޭބާރ ރިލޭޝަންސް އޮތޯރިޓީއިން ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ތަންތަން މޮނީޓަރ ކުރުމުގައި މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި މަސައްކަތްކުރުމަށް އިސްކަންދީ، އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، ބިދޭސީ މަސައްކަތްތެރިންނާއި ގުޅޭ ގާނޫނާއި ގަވައިދުތައް ދައުލަތުން މުރާޖައާކޮށް، ތަންފީޒުކުރުމުގައި ހަރުދަނާވެ، ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިދޭސީން ދިރިއުޅޭ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ސަލާމަތީ މިންގަނޑުތަކަށް ހޭލުންތެރިކުރުވުމާއި، އެފަދަ ތަމްރީން ޕްރޮގްރާމްތައް މެދުނުކެނޑި ހިންގަން ވަނީ ގޮވާލާފައެވެ.
ބިދޭސީ މަސައްކަތްތެރިންނާއި މެދު ހިންގާ ލާއިންސާނީ އަނިޔާތަކުގެ ވާހަކަދެއްކީމަ ވަރަށް ގިނަ ފަހަރު އެމީހުން ދިވެހިރާއްޖޭގެ ވަޒީފާތަކަށް ވެރިވެގަނެ "އަތްގަދަ" ކުރަނީކަމަށް ބައެއް ދިވެހިން ބުނެއެވެ.
ނަމަވެސް މިއީ ކޮށި ވިސްނުމެއްގެ ގޮތުގައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުން ސިފަކުރެއެވެ. އަހަރުމެން ދިރިއުޅޭ ތަންތަން ހަދައިދެނީ ބިދޭސީ މަސައްކަތްތެރިންނެވެ. އަހަރުމެންގެ ދަރިންނަށް ތަރުބިއްޔަތު ދިނުމުގައި ތައުލީމީ ދާއިރާގައި ހަރަކާތްތެރިވަނީ އެފަރާތްތަކެވެ. ދިވެހިންގެ ލޭނާރުކަމަށްވާ މަސްވެރިކަމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަމުގައި ވެސް ހަރަކާތްތެރިވަނީ ބިދޭސީންނެވެ.
އުފެއްދުންތެރިކަމުގެ ދާއިރާގައި މިހާރު ދިވެހި މަސައްކަތްތެރިންގެ އަދަދު ނިސްބަތުން މަދެވެ. މިއީ އަނެއް ވާހަކައެވެ. އެއްފަސްކުރުމުގެ ސިޔާސަތުގެ ތެރެއިން ހުރިހާ ރައްޔިތުން އެއްތަނަކަށް ޖަމާކޮށް، ތޮއްޖައްސާފައިވާ ތަންތަނުގައި ބޮޑުވެގެން ނިކުންނަ ދަރިންނަށް މަޖުބޫރުވަނީ އޮފީހަކަށް ވަންނާށެވެ. ކާފައަކީ ކުރިން ކެޔޮޅެއްނަމަވެސް، އެ ހުނަރު ދަސްކުރުމުގެ ފުރުސަތު ނުލިބި އާބާދީގެ ބޮޑު އިންސައްތައެއް ބޮޑުވަނީ މާލެ ސަރަހައްދުގައެވެ.
ދިވެހިންނަށް ވަޒީފާގެ ބާޒާރުގައި ވަޒީފާ ނުލިބެނީ، މުއްސަނދި މަހުޖަނުން އެމީހުންގެ ޖީބު ފުރަން ބޭނުންވާތީއެވެ. ލޭބާރ ކޯސްޓު ދަށްކުރުމުގެ ގޮތުން ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެންނަނީއެވެ. އަދި ބައެއް ހާލަތްތަކުގައި ބިދޭސީ މަސައްކަތްތެރިންނަށް ދޭންޖެހޭ އުޖޫރަ ނުދީ މަސައްކަތް ނިމުނީމަ އެމީހުން ރަށުތެރެއަށް ދޫކޮށްލަނީއެވެ. އަދި މިފަދަ ހާލަތްތަކުގައި އުޅޭ ބިދޭސީންގެ ދިރިއުޅުމުގެ ހާލަތު ދަށްވެއެވެ.
ނަމަވެސް ބިދޭސީ މަސައްކަތްތެރިންނާއި މެދު އިހުމާލުވާ ފަރާތްތަކަށް އެޅޭ ފިޔަވަޅެއް ގިނަ ފަހަރަކު ނުފެނެއެވެ. ރެގިއުލޭޓްކުރުމުގެ ގޮތުން ތަންފީޒުކުރުމުގެ މަސައްކަތްތައް ހަރުދަނާ ކުރަންޖެހޭ ހިސާބަކީ މިއީއެވެ. ހައްގުތައް ކަށަވަރުކުރުމުގައި ދެފަރާތްވެސް އިސްކުރަންޖެހެއެވެ.
މިފަދަ ހާލަތްތައް މެދުވެރިކުރުވާ ނިޒާމުގެ ފަހަތުގައި ތިބޭ ފަރާތްތައް ޒިންމާދާރުނުކޮށްފިނަމަ، މިއަދު މި ހިނގި ހާދިސާ ތަކުރާރުވުން އެކަށީގެންވެއެވެ. އަނެއްކާވެސް ގެއްލި ބިކަ ވާނީ އެތައް އާއިލާއެއްގެ އުއްމީދުތަކުގެ ފަހަތުގައިވާ ފުރާނަތަކެވެ. އިހުމާލުގެ ސަބަބުން ނިގުޅައިގަނެވެނީ އެތައް މަސައްކަތްތެރިންގެ މުސްތަގުބަލެވެ.
ޒިންމާދާރުކުރުވުމެއް، އިންސާނިއްޔަތުކަމެއް ނެތީ އެމީހުންނަކީ ބިދޭސީންނަށް ވީމާ ހެއްޔެވެ؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް