ސްކޫލަށްދާ ކުދިންނާއި އޮފީސްތަކަށްދާ މީހުންގެ ރައްކަލަށް ސަރުކާރުން ޓްރެފިކް މެނޭޖުކުރުމުގެ ފިޔަވަޅުތައް އަޅައިފި
ލިޔުންތެރިޔާ
ސިނަމާލެ ބުރިޖާއި ހައިވޭ ގުޅޭ ސަރަހައްދު --- ފޮޓޯ: ރައްޔިތުންގެ ނޫސް
ސްކޫލަށްދާ ކުދިންނާއި އޮފީސްތަކަށްދާ މީހުންގެ ރައްކަލަށްޓަކައި ސަރުކާރުން މާލޭގެ މަގުތަކުގެ ޓްރެފިކް މެނޭޖު ކުރުމުގެ ގޮތުން ފިޔަވަޅުތައް އަޅައިފިއެވެ.
މިގޮތުން މާލެ އާއި ހުޅުމާލޭގެ ބައެއް މަގުތަކުގައި، މުދާ އުފުލާ އަދި ބަރު އުޅަނދުތައް ދުއްވުން މަނާގަޑިތަކެއް ވަނީ ކަނޑައަޅާފައެވެ. މިގޮތުން މައިގަނޑު ގޮތެއްގައި، ދެ ގަޑިއެއް ވަނީ ބަރު އުޅަނދު ފަހަރު ދުއްވުން މަނާ ގަޑިތަކުގެ ގޮތުގައި ކަނޑައަޅައި ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާނުކޮށްފައެވެ.
މިގޮތުން ބަރު އުޅަނދު ފަހަރު ދުއްވުން މަނާކޮށްފައި ވަނީ، ހެނދުނު ކުދިން ސްކޫލުތަކަށްދާ ގަޑި އާއި މީހުން އޮފީސްތަކަށްދާ ގަޑި ހިމެނޭ ގޮތުން، ހެނދުނު 6:00 އިން 8:30 އަށެވެ. މިވަގުތުގައި މާލޭގެ އެތެރޭގެ މަގުތަކާއި، ހުޅުމާލޭގެ ހުރިހާ މަގުތަކާއި، ސިނަމާލެ ބުރިޖާއި ހައިވޭގައި، 350 ކިލޯއަށް ވުރެ މަތީގެ އުޅަނދުތަކާއި ފޯކްލިފްޓުތަކާއި ޓްރަކް، ކެރޭން، ޓްރެއިލާ ފަދަ ބަރު އުޅަނދުތައް ދުއްވުން މަނާވާނެއެވެ.
މީގެ އިތުރުން މިފަދަ އުޅަނދުތައް، ހެނދުނު 11:30 އިން ފެށިގެން މެންދުރުފަހު 1:30 އާއި ހަމައަށްވެސް ދުއްވުން މަނާވާނެއެވެ.
އޮފީސްތަކާއި ސްކޫލުތަކަށް ކުދިން ދިޔުމަށް މަގުތައް އެންމެ ބާރުބޮޑުވާ ވަގުތުގައި، ހައިވޭ އާއި ބުރިޖަށް ބައުޒަރުތަކާއި ކްރޭންތަކާއި ބޮޑެތި ބަރު އުޅަނދުފަހަރު އަރާތީ، އާއްމުންވެސް އައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މާލޭގައި ވަކިގަޑިތަކެއްގައި ބަރު އުޅަނދުފަހަރު ދުއްވުން މީގެ ކުރިންވެސް މަނާކޮށްފައި ވެއެވެ. އެކަމަށް ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އެންމެ ފުރަތަމަ އެޅީ، 2001 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު، އަމީނީ މަގުގައި، ފޯކްލިފްޓެއް ދަށުވެ، އީޕީއެސް ސްކޫލުގެ ދަރިވަރެއް ކަމުގައިވާ، މއ. ގުރައިދޫގޭ، ޠަބީލާ މޫސާ ނިޔާވުމާއި ގުޅިގެންނެވެ. އެހާދިސާގެ ފަހުން ގިނަ އަހަރުތަކެއް ވަންދެއް ޚާއްޞަކޮށް، ސްކޫލުތައް ހިމެނޭ ސަރަހައްދުތަކަށް ބަރު އުޅަނދު ފަހަރު ވަނުން މަނާކޮށް، ފުލުހުން ޚާއްޞަގޮތެއްގައި މަގުތައް ބަލަހައްޓަމުން ގެންދިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް