ބިންގާ އެޅިތާ ދޮޅު އަހަރުވީ 400 ފްލެޓްގެ ޕްރޮޖެކްޓަށް ވީގޮތެއް ނޭނގުނު
ލިޔުންތެރިޔާ
ސަޢޫދީ ފަންޑުގެ އެހީގައި ހުޅުމާލޭގައި އަޅަން ނިންމި 400 ހައުސިން ޔުނިޓުގެ ބިންގާ --- ފޮޓޯ: ރައްޔިތުންގެ ނޫސް
ސައުދީ ފަންޑުގެ އެހީގައި 400 ހައުސިން އެޅުމަށް ބިންގާ އެޅި މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ނުގޮސް ހުއްޓިފައި އޮންނަތާ ދޮޅު އަހަރު ވެއްޖެއެވެ.
ހުޅުމާލޭގައި ބޮޑު ރަސްމިއްޔާތެއް ބާއްވައި މި މަޝްރޫޢުގެ ބިންގާ އެޅީ، 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގައެވެ. އެދުވަހު އެތަނުގައި އެޅި ބިންގާގައި ހަރުކޮށްފައިވާ ލިޔުމުގައިވާ، ދެޤައުމުގެ ދިދައިގެ ކުލަ ވެއްޓި ފަނޑުވެފައިވާއިރު، އެމަޝްރޫއަށް ވީގޮތެއް މިހާތަނަށް ސާފެއް ނުވެއެވެ.
މިމަޝްރޫޢުގެ ބިންގާ އެޅީ، ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް-މުރްޝިދާއި، އޭރުގެ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރެވެ. އެދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭރުގެ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ޕްރޮޖެކްޓްވެގެންދާނީ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން، އަގުހެޔޮކޮށް ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދެވޭނެ މަޝްރޫޢުއަކަށްކަމަށެވެ.

އޭރު ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ، އެމަޝްރޫޢުގެ ދަށުން އޭރު ކުރިޔަށް ދަނީ، ކޮންސަލްޓަންސީ ފަރމެއް ހޮވުމުގެ މަސައްކަތް ކަމަށެވެ. އަދި 2025 ވަނަ އަހަރުގެ ފަހުކޮޅު އެ ފްލެޓްތަކުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމުގައިވެސް އޭރު ސަރުކާރުން ބުނެފައި ވެއެވެ. 2025 ވަނަ އަހަރަުގެ ބަޖެޓަކީ ބޯހިޔާވަހިކަމަށް ޙާއްޞަ ބަޖެޓެއް ކަމުގައިވެސް އޭރު ސަރުކާރުން ބުނެފައި ވެއެވެ.
ސަޢުދީ ފަންޑުން 25 މިލިޔަން ޑޮލަރުގެ ލޯނު އެހީގައި ކުރިޔަށް ގެންދަން ނިންމި އެ މަޝްރޫޢުއަކީ، 2023 ވަނަ އަހަރު އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު އެންމެ ފުރަތަމަ އިޢުލާނު ކުރި މަޝްރޫއެކެވެ. އެހެން ނަމަވެސް އެމަޝްރޫޢުގެ ބިންގާ އެޅީ، މިސަރުކާރަށް ދޮޅުއަހަރު ފުރުނު ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް