Post banner
ރާއްޖެ

ޒިޔާދުގެ ރައްދެއް ގާސިމްއަށް: 18 މިލިއަން ޑޮލަރަކީ ދެތިން ހަތަރު މިސްކިތް އެޅޭނެ ފައިސާ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޒިޔާދުގެ ރައްދެއް ގާސިމްއަށް: 18 މިލިއަން ޑޮލަރަކީ ދެތިން ހަތަރު މިސްކިތް އެޅޭނެ ފައިސާ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

18 މިލިއަން ޑޮލަރުން ދެތިން ހަތަރު މިސްކިތް އެޅޭނެ ކަމަށް ވިދާޅުވެ، ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޒިޔާދު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް ފާޑުވިދާޅުވެއްޖެއެވެ.

ޒިޔާދު މިހެން ވިދާޅުވީ، މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.

ޒިޔާދު މިހެން ވިދާޅުވީ، ދައުލަތުގެ ބަޖެޓުގައި މިސްކިތްތައް ބިނާކުރުމަށް ފައިސާގެ ތަނަވަސްކަން ނެތްކަމަށް މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވުމުންނެވެ. މެންބަރު ފާހަގަކުރެއްވީ ދައުލަތް ބޮޑުތަނުން ދަރާފައި އޮތްއިރު، ވިލާ އެއާއިން އެއްވެސް ކަމެއް ނުކުރާ އެއާޕޯޓެއް ދައުލަތަށް ނެގުމުގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން ޑޮލަރު ވިލާ ކުންފުންޏަށް ދިނުމެވެ.

ގާސިމް ވިދާޅުވީ މިސްކިތްތައް ނޭޅި ލަސްވާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނަމަވެސް، މިސްކިތްތައް އަޅާ، އިމާރާތްކޮށް މަރާމާތުކުރެވޭނީވެސް ދައުލަތުގެ ބަޖެޓު އޮތްވަރަކުން ކަމަށެވެ. ވޭތުވެ ދިޔަ ސަރުކާރުތަކުންވެސް މުޅި ދައުލަތް ދަރުވާލާފައިވާ މިންވަރު މިއަދު އިހުސާސްކުރެވޭކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެ ހުރިހާ ބުރައެއް އުފުލަމުންވެސް، ޓެކްސް ބޮޑުކޮށްގެން، އެގޮތް މިގޮތުން ފައިދާ ހޯއްދަވައިގެން، އެ ބޮޑު ދަރަނިން ސަލާމަތްވޭތޯ ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ބަޖެޓުގައި ފައިސާގެ ތަނަވަސްކަން ހުރި މިންވަރަކުން ކަންކަން ކުރުމަކީ މިސްކިތްތަކަށް ހުރުމަތްތެރިކޮށް ނުހިތުމެއް ނޫން ކަމަށް، އަދި ވަކި ކަމެއް ނުކުރަން ހައްދަވާ އިތުރުފުޅެއް ނޫން ކަމަށް މެންބަރު ވިދާޅުވިއެވެ. ގާސިމް އިތުރަށް ވިދާޅުވީ ހުރަހަކަށް ވަނީ ދައުލަތަށް އާމްދަނީ ލިބެން ނެތް މިންވަރާއި ދައުލަތުން ދަރަނި ދައްކަންޖެހިފައި އޮތް މިންވަރުކަމަށެވެ.

މި ސަރުކާރުން ވަނީ މީގެ 6 މަސް ދުވަސްކުރިން ކާޑެއްދޫ އެއާޕޯޓު ސަރުކާރާއި ހަވާލުކުރުމުގެ ބަދަލެއްގެ ގޮތުން ވިލާއެއާއަށް 18 މިލިއަން ޑޮލަރު ނުވަތަ އެއަދަދަށް ޓެކްސް މަޢާފްކޮށްދިނުމަށް ނިންމާފައެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަކީ ވިލާ ގުރޫޕްގެ ޗެއާމަނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް