ތިލަމާލެ ބްރިޖު: މާލެ އާއި ވިލިމާލެ އެއްގަމު މަގުން ގުޅާލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ތިލަމާލެ ބްރިޖްގެ މަސައްކަތަށް ގާތްގަނޑަކަށް 7 ބިލިއަނަށް ވުރެއް ގިނަ ރުފިޔާ ހޭދަވާނެ -- ފޮޓޯ: ރައްޔިތުންގެ ނޫސް
މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ގާއިމްކުރަމުންދާ ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ އެއްގަމު މަގުން ގުޅުވާލައިފިއެވެ.
އެގޮތުން ވިލިމާލެ އާއި މާލެއާ ދެމެދުގެ މައި އޮނިގަނޑު ގާއިމްކޮށް މިއަދު ވަނީ ނިންމާފައެވެ. އަދި މި މުނާސަބަތުގައި މިއަދު ހެނދުނު އިންޑިއާގެ އެފްކޮންސް ކުންފުނިން ވަނީ ރަސްމިއްޔާތެއް ބާއްވާ މައުލޫމާތު ހިއްސާކޮށްފައެވެ.
އެފްކޮންސް އިން ނޫސްވެރިންނަށް މައުލޫމާތުދިން ގޮތުގައި ދެން ކުރިއަށް ދާނީ ބުރިޖްގެ ރެއިލިންގ ހަރުކުރުމާއި، ތާރު އެޅުމާއި، ފިނިޝިންގ މަސައްކަތްތަކެވެ.
ޖުމްލަ 6.7 ކިލޯމީޓަރުގެ ދިގުމިން ހުންނަ ތިލަމާލެ ބްރިޖްގެ މަސައްކަތަށް ގާތްގަނޑަކަށް 7 ބިލިއަނަށް ވުރެއް ގިނަ ރުފިޔާ ހޭދަވާނެއެވެ. އެއީ 500 މިލިއަން ޑޮލަރެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އިތުރުން އިންޑިއާ ސަރުކާރުން ދިން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެވެ.
ތިލަމާލޭ ބްރިޖުގެ މަޝްރޫއޫގެ އެއްބަސްވުމުގައި އިންޑިއާގެ އެފްކޮންސް ކުންފުންޏާއެކު ސޮއިކުރީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އަދި 2024 ވަނަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު މަޝްރޫއު ނިންމަން އެއްބަސްވި ނަމަވެސް ފަހުން އެ ތާރީހު ބަދަލުވީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް