ރ. މީދޫ ބަނދަރު ތެރެއިން މަރުވެފައިވާ 5 ޓަނުގެ މުށިމަސް ނަގައިފި
ލިޔުންތެރިޔާ
ރ. މީދޫ ފަޅުތެރޭގައި މަރުވެފައިވާ މަސްތައް ނެގުމުގެ މަސައްކަތް ކުރަނީ ---
ރ. މީދޫ ބަނދަރުތެރޭގައި އާދަޔާއި ޚިލާފަށް ގިނައިން މުށިމަސްތައް މަރުވާން ފަށައިފިއެވެ.
މީދޫ ކައުންސިލްގެ ރައީސް، އަޙްމަދު ނައީމް ވިދާޅުވީ، ބަނދަރުތެރޭގައި މުށިމަސްތައް މަރުވަމުންދާކަން ފާހަގަކުރެވުނީ، މީގެ ދެތިން ދުވަހެއް ކުރިން ކަމަށާއި، މިއަދު ވަރަށް ބައިވަރު މަސްތައް މަރުވެގެން ފެންމައްޗަށް އަރާފައި އެބައޮތް ކަމަށެވެ. އަދި މަރުވެފައިވާ މަސްތައް ނެގުމުގެ މަސައްކަތް، ރަށުގެ ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރަމުން އަންނައިރު، މިހާތަނަށް ގާތްގަނޑަކަށް 5 ޓަނުގެ މަސް ނެގިފައިވާނޭ ކަމަށް ލަފާކުރެވޭ ކަމުގައި އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މަރުވެފައިވާ މަސްތައް އަދިވެސް ބަނދަރުތެރެއިން ނަގައި ހުސްނުކުރެވޭ ކަމަށާއި، މަސްތައް ނެގުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން ކަމުގައި ނަޢީމް ވިދާޅުވިއެވެ.
ނަޢީމް ވިދާޅުވީ، މީދޫ ބަނދަރަކީ ވަރަށް ގިނައިން މުށިމަސް ވަންނަ ތަނެއް ކަމަށާއި، މިދުވަސް ވަރު ބަނދަރުތެރެއަށް އާދަޔާއި ޚިލާފަށް ގިނައިން މުށިމަސް ވަދެފައިވާ ކަމަށެވެ. އަދި މަސްތައް މަރުވަމުން ދަނީ، ބަނދަރުގެ ތެރޭގައި. ލޮނުގަނޑު ދައުރު ނުވުމާއި އޮކްސިޖަން ދަށްވުމުގެ އިތުރުން، އާދަޔާއި ޚިލާފަށް ހޫނު ގަދަވުމުގެ ސަބަބުން ކަމަށް ލަފާކުރެވޭ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު ހަދާފައިވާ އެބަނދަރު ފަހުން ބޮޑުކޮށް އަލުން ހަދާފައި ވީނަމަވެސް، ބަނދަރަށް ވަދެ ނުކުމެ ހަދަން އޮންނަނީ އެންމެ ނެރަކަށް ވުމާއި، ބަނދަރުގެ ތެރޭގައި ލޮނުގަނޑު ދައުރުވާނެ ގޮތެއް ނެތުމުގެ ސަބަބުން އެ ބަނދަރު ތެރޭގައި މަސްތައް މަރުވުމުގެ މައްސަލަ ދޭތެރެ ދޭތެރެއިން ދިމާވެއެވެ. އެހެން ނަމަވެސް މިފަހަރު މިއީ، މިހާ ގިނަ އަދަދެއްގެ މަސް އެއްފަހަރާ މަރުވި ފުރަތަމަ ފަހަރު ކަމަށް ބެލެވިފައިވެއެވެ.
ނަޢީމް ވިދާޅުވީ، މުށިމަސް ފިޔަވައި އެހެން ބާވަތެއްގެ މަސްތަކެއް މަރުވެފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށާއި، އަދި ބަނދަރު ފިޔަވައި، ރަށުގެ އެެހެން ދިމާއަކުން ފަޅުތެރެއިންވެސް މަސް މަރުވެފައިވަނިކޮށް ނުފެންނަ ކަމަށެވެ.
މިހާރު ކުރިމަތިވެފައިވާ އެލްނީނޯގެ ހާލަތުގެ ސަބަބުން ފަޅުތަކާއި ކަނޑުތަކުން އަދި ކުޅިތަކުން މަސްމަރުވުން އެކަށީގެންވާ ކަމުގައި ތިމާވެއްޓާއި ބެހޭ ތަޖުރިބާކާރުން ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް