ކަނޑު ހޯދަން އައި ސަރުކާރުން ބޭރުބަޔަކަށް މިދެނީ ރާއްޖޭގެ ބިންކަމުގައި ރައީސް ޔާމިން ވިދާޅުވެއްޖެ
ލިޔުންތެރިޔާ
އެއްވުމުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: އަދަދު
ޗާގޯސްކަނޑު ދިވެހިރާއްޖެއަށް ހޯދައިދޭނެކަމަށް ބުނެ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޭރުގެ ބަޔަކަށް މިދޫކޮށްލަނީ ރާއްޖޭގެ ބިންކަމުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، "ދިވެހިންގެ ބިން ދިވެހިންނަށް" ޤައުމީ ޙަރަކާތުން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، މިސަރުކާރު ވެރިކަމަށް އައީ ދިވެހީންގެ ދިވެހިރާއްޖެ ސްލޯގަންގައި ކަމަށާއި އެހެން ނަމަވެސް މިފެންނަނީ ދިވެހިންގެބިން އަލްއައްބާރަށް ދޭތަން ކަމުގައެވެ. ރައީސް ޔާމީން ވިދާޅުވީ، މިއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ސިފައިންނާއި ފުލުހުންވެސް ބަސްބުނަން ޖެހޭ ވަގުތު ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ މަސްލަޙަތު ހިމެނޭ މިފަދަ ބޮޑެތި ކަންކަމަކީ، ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް އެކަނި ގޮތް ނިންމޭނެ ކަމެއް ނޫންކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، މިސަރުކާރު އައީ ގެއްލުނު ކަނޑު ހޯދާނެ ކަމަށް ބުނަމުން ކަމަށެވެ. އެހެން ނަމަވެސް މިއަދު މިފެންނަނީ ބިން ބޭރުބަޔަކަށް ދޫކޮށްލާތަން ކަމަށާއި، ދައުވާކުރަންވީ، ކަނޑުހޯދަން ނޫންކަމަށާއި، ފޯޅަވަހީގެ މިލްކުވެރިކަމަށްވެސް ދިވެހި ސަރުކާރުން ދައުވާކުރަން ޖެހޭ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.
މިރޭގެ އެއްވުމުގައި ރައީސް ޔާމީން ވަނީ، އަލްއައްބާރު ރާއްޖެއިން ބޭރު ކުރުމަށާއި، އީގަލްހިލްސްއަށް ދީގެން ހިންގަންއުޅޭ މަޝްރޫޢު ހުއްޓާލުމަށް ގޮވާލައްވާ ގޮވާލެއްވުން ތަކުރާރު ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް