މި ޒަމާނުގައި މިނިވަންކަން ދިފާޢުކުރަންޖެހޭ ގޮތާމެދު ފުންކޮށް ވިސްނަން ޖެހޭ: ރައީސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --- ފޮޓޯ ރައީސް އޮފީސް
މިއަދު ދުނިޔޭގެ ކަންކަން ހިނގާގޮތާއި، މި ޒަމާނުގައި މިނިވަންކަން ދިފާޢުކުރަންޖެހޭ ގޮތާމެދު ފުންކޮށް ވިސްނާލަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ،
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ހުރަވީ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަދި އިސްލާމްދީނުގެ ޙައްޤުގައި މަލާބާރީންނާ ދެކޮޅަށް ހިތްވަރުގަދަ ޖިހާދެއްކުރެއްވި ޤައުމީ ބަޠަލު، އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (1ވަނަ) ނުވަތަ ދޮންބަންޑާރައިންގެ މަތިވެރި ޤުރުބާނީގެ މަތިން މިއަދު ހަނދާން އައުކުރަން ޖެހޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިޔާސީ ޖަޒުބާތަކުގެ ކުރިޔަށް ޤައުމީ އިޚްލާޞްތެރިކަން ނެރެން އެބަ ޖެހޭ ކަމަށާއި، ޒާތީ އަރާރުންތަކުގެ ކުރިޔަށް ޖަމާޢަތުގެ ބާއްޖަވެރިކަން އިސްކުރަން ޖެހޭ ކަމަސެވެ. އަދި ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިޔަށް ޤައުމީ ސަލާމަތާއި، ފުދުންތެރިކަމާއި، ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަންދޭންވެސް ޖެހޭ ކަމަށެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުޙަބާ ކިޔާން އެބަ ޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ،
ރައީސުލްޖުމްހޫރިއްޔާ ހުރަވީ ދުވަހުގެ މުނާޞަބަތުގައި މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވާއިރު، ރާއްޖޭގައި ބިދޭސީންނަށް ވަޒަންވެރިވެ ދިރިއުޅެވޭ ގޮތަށް، ހިންގަންއުޅޭ ރަސްމާަލެ މަޝްރޫއާ ދެކޮޅަށް ރައްޔިތުން އަންނަނީ އަޑު އުފުލަމުންނެވެ. އެގޮތުން އެމަޝްރޫޢަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ނުރައްކާވާނެ މަޝްރޫޢެއް ކަމުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް