މާލޭގެ ގެއަކަށް ވަދެ ބަޔަކު ރަހީނުކޮށް ފައިސާ ފޭރުނު މީހުންގެ ވަނަވަރު ހާމަކޮށްފި
ލިޔުންތެރިޔާ
ފޭރުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން -- ފޮޓޯ: ޕޮލިސް
މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓަކަށް ހުއްދަނޫން ގޮތުގައި ވަދެ، އެތަނުގައި ތިބި މީހުން ހިފަހައްޓައި ތޫނު ހަތިޔާރުން ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައިގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ގ. ޤަޞްރު / ކ. މާލެ، ޠަލާލް މުޙައްމަދު (41އ) އަދި ނައިޓްރޯސް / މ. މުލި، އަޙްމަދު ޢުބައިދު (46އ) ކަމަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ، ކޯޓު އަމުރެއްގެ ދަށުން އިއްޔެ ކަމަށެވެ. އަދި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމުގައިވެސް ފުލުުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި ދެ މީހުންގެ މައްޗަށް ތުހުމަގު ކުރެވެނީ، 2026 އޮކްޓޫބަރު 8 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ 4 ވަނަ ފަންގިފިލާގެ އެޕާޓްމަންޓަކަށް ހުއްދަނޫން ގޮތުގައި ވަދެގަނެ، އެތަނުގައި ތިބި މީހުން ހުއްދަނޫން ގޮތުގައި ހިފަހައްޓައި، ތޫނު ހަތިޔާރުން ބިރުދައްކައި ގިނަ އަދަދެއްގެ ފައިސާ ފޭރިގަނެފައިވާ މައްސަލަ ކަމަށެވެ.
އެދެމީހުން ވަނީ އެގޭގައި ތިބި މީހުން ރަހީނުކޮށް 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް