ހަތަރުމަހުގެ މުސާރަ ނަގާފައި ވަޒީފާއިން ވަކިވާން ފެނަކައިގެ މުވައްޒަފުންނަށް ހުޅުވާލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު އަފީފު ޙުސައިން --- ފޮޓޯ: ފެނަކަ
ބޭނުންވާ އަދަދަށްވުރެ ގިނަ މުވައްޒަފުންނާއި އެކު ހިންގުމަށް ދަތިވެފައިވާ ފެނަކަ ކޯޕަރޭޝަނުން، އެކުންފުނީގެ މުވައްޒަފުންގެ ތެރެއިން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އެފުރުޞަތު ހުޅުވާލައިފިއެވެ.
ފެނަކަ ކުންފުނިން އެކުންފުނީގެ މުވައްޒަފުންނަށް ފޮނުވާފައިވާ އިންޓާނަލް މެމޯއެއް މިހާރު އަންނަނީ ސޯޝަލްމީޑިއާގައި ދައުރުކުރަމުންނެވެ. އެ މެމޯގައިވާ ގޮތުން، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް 4 މަހުގެ މުސާރަ އާއި އެކު ވަޒީފާ ދޫކޮށްލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
އެ މެމޯގައިވާ ގޮތުން އެފުރުޞަތު ހުޅުވާލާފައި ވަނީ، މި ޖޫންމަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 15:00ގެ ނިޔަލަށެވެ. އޭގެ އިތުރުން ވަޒީފާއިން ރިޓަޔާކުރަން ބޭނުންވާ މުވައްޒަފުންނަށްވެސް އާރލީ ރިޓަޔަރމަންޓް ޕްރޮގްރާމްގެ ދަށުން ވަޒީފާއިން ރިޓަޔާވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.
ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި މިއީ އެކުންފުނި ރައިޓް ސައިޒް ކުރުމަށް (ރަނގަޅު މިންވަރަށް ކުޑަކުރުމަށް) ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކުރީ ސަރުކާރާއި މިސަރުކާރުގައިވެސް އިންތިޚާބުތަކާއި ދިމާކޮށް، ފެނަކަ ކުންފުނިން ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާތައް ދިން އިރު، އެކުންފުނިން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހިފައި އޮތީ، މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މާލީ ހާލަތު އެންމެ ގޯސް ކުންފުންޏަކީ، ފެނަކަ ކޯޕަރޭޝަން ކަމަށް ވާއިރު އެކުންފުނިން ހިންގަމުން އައި ރަށްރަށުގެ އިންޖީނުގެތައް ވަނީ ސްޓެލްކޯއާވެސް ހަވާލުކުރަން ފަށާފައެވެ. ނުރަސްމީ ގޮތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، އެބަދަލަކީވެސް ރަށްރަށުގައި ފެނަކަ ބުރާންޗުތަކުގައި ތިބި، ބޭނުންވާ މިންވަރަށް ވުރެ އިތުރު މުވައްޒަފުން ވަޒީފާއިން ވަކިކުރާނޭ ގޮތެއް ހޯދުމަށް ގެންނަމުން އަންނަ ބަދަލެކެވެ. މިގޮތުން ސްޓެލްކޯއިން އިންޖީނުގެތަކާއި ހަވާލުވާއިރު އެތަންތަނުގައި މިހާރުތިބި ބައެއް މުވައްޒަފުން އަންނަނީ ދޫކޮށްލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް