Post banner
ރާއްޖެ

މިސަރުކާރުން އެއްވެސް މީހަކު ނުޙައްޤުން ވަޒީފާއިން ކަނޑާފައި ނުވާކަމަށް މެމްބަރު ފަލާޙް ވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މިސަރުކާރުން އެއްވެސް މީހަކު ނުޙައްޤުން ވަޒީފާއިން ކަނޑާފައި ނުވާކަމަށް މެމްބަރު ފަލާޙް ވިދާޅުވެއްޖެ

ސަރުކާރު ހިންގާޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް --- ފޮޓޯ: މަޖިލިސް

މިސަރުކާރުގައި އެއްވެސް މުވައްޒަފަކު ނުހައްޤުން ވަޒީފާއިން ކަނޑާފައި ނުވާނެ ކަމުގައި ސަރުކާރު ހިންގާޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

މެމްބަރު ފަލާޙް މިހެން ވިދާޅުވީ، މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަލާޙް މިގޮތަށް ވިދާޅުވީ، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށަހަޅުއްވާފައިވާ، ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ ނަމުގައި، ސިޔާސީގޮތުން އެތައް ބަޔަކު ވަޒީފާއިން ވަކިކުރަމުންދާކަން ފާހަގަކޮށް، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރުގެ ބަހުސްގައެވެ.

މެމްބަރު ފަލާޙް ވިދާޅުވީ، މީހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 3 އަހަރުވާން ކައިރިވިއިރު، ނުހައްޤުން ވަޒީފާއިން ވަކިކުރި އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ.

ފަލާޙްގެ ވާހަކަފުޅުގައި އޭނާ "ނުޙައްޤު" މާނަކުރަނީ ކޮންގޮތަކަށް ކަމެއް ވިދާޅެއް ނުވެއެވެ.

މިސަރުކާރު އައި ފަހުން، މަޤާމުތައް އުވާލައިގެން މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވާއިރު، ވަޒީފާ އަދާކުރާ ބްރާންޗު ބަދަލުކޮށް މުވައްޒަފުންނަށް އެތަންތަނަށް ދެވެން ނެތުމުން އަމިއްލައަށް ވަޒީފާއިން ވަކިވާން ޖެހޭ ހާލަތު ކުރިމަތި ކުރުވުމުގެ ސަބަބުން އެތައް ބަޔަކު ވަޒީފާއިން ވަކިވެފައި ވެއެވެ.

މީގެ އިތުރުން ސަރުކާރުގެ ކުންފުނިތައް ރައިޓްސައިޒް ކުރުމަށް ކަމަށް ބުނެވެސް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ވަޒީފާއިން ވަކިކުރަމުންނެވެ. މިގޮތުން ފެނަކައިން އަތޮޅުތަކުގައި ހިންގާ ބްރާންޗްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް، ސްޓެލްކޯއަށް ބޭނުން ނުވާކަމަށް ބުނެ އެ ބްރާންޗުތަކުގައި ތިބި ފެނަކައިގެ ގިނަ އަދަދެއްގެ މުވައްޒަފުންވެސް ދަނީ ވަޒީފާއިން ވަކިކުރަމުންނެވެ.

އަތޮޅުތަކުގައި ހުރި ފެނަކަ ބްރާންޗްތައް ސްޓެލްކޯއާއި ހަވާލު ކުރުމުގެ މަޤުޞަދަކީވެސް އެތަންތަނުގައި ތިބި މުވައްޒަފުންގެ ތެރެއިން ސަރުކާރުން ބޭނުން ނުވާ ބަޔަކު ވަޒީފާއިން ވަކިކުރުން ކަމުގައި އާއްމު ރައްޔިތުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުންވެސް ތުހުމަތުކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް