ރާއްޖެ

ހައިވޭގައި ދުއްވޭނެ އެންމެ ލަސް ދުވެލި ކަނޑައަޅަން ޖެހޭ: ޑްރައިވަރުން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހައިވޭގައި ދުއްވޭނެ އެންމެ ލަސް ދުވެލި ކަނޑައަޅަން ޖެހޭ: ޑްރައިވަރުން

ހައިވޭ --- ފޮޓޯ: ރައްޔިތުންގެ ނޫސް

ހުޅުލެ އާއި ހުޅުމާލެ އަދި މާލެ ގުޅުވައިދޭ ހައިވޭގައި ދުއްވަން ކަނޑައަޅާފައިވާ އެންމެ ބާރުމިން އޮންނަ ގޮތަށް އެންމެ މަޑުން ދުއްވޭނެ މިންވަރެއްވެސް ކަނޑައަޅާފައި އޮންނަން ޖެހޭ ކަމުގައި ބައެއް ޑްރައިވަރުން ބުނެފިއެވެ.

އެކަމުގެ ކަންބޮޑުވުން ހިއްސާކުރި ބައެއް ޑްރައިވަރުން ބުނީ، ހައިވޭގައި އެކްސިޑެންޓްތައް ހިނގަނީ، ހަމައެކަނި ބާރަށް ދުއްވައިގެން ކަމުގައި ބައެއް މީހުންނަށް ހީވެފައި އޮންނަ ކަމަށާއި، އެހެން ނަމަވެސް، މާމަޑުން ދުއްވުމުގެ ސަބަބުންނާއި، ހައިވޭގައި މަޑުކޮށްގެން އޮތުމުގެ ސަބަބުންވެސް ގިނަ އެކްސިޑެންޓްތައް ހިނގާކަމުގައި ޑްރައިވަރުން ބުންޏެވެ.

މިގޮތުން މިހާރު ހައިވޭގައި ދުއްވޭނެ އެންމެ ބާރު މިނެއްކަމުގައި ކަނޑައަޅާފައި އޮންނަނީ، 50 ކިލޯމީޓަރެވެ. އެހެން ނަމަވެސް ހައިވޭގައި އެންމެ މަޑުން ދުއްވޭނެ ބާރުމިނެއް ކަނޑައަޅާފައެއް ނޯވެއެވެ.

"ހެނދުނު މީހުން އޮފީހަށްދާ ވަގުތުފަދަ، ހައިވޭ އެންމެ ބާރުބޮޑުވާ ގަޑީގައި، ހައިވޭއަށް އެބައަރާ، ފޯކްލިފްޓް ކަހަލަ ގަޑިއަކު 10 ކިލޯމީޓަރަށްވުރެވެސް މަޑުން ދުއްވާ އުޅަނދު. ނޫނީ މާ މަޑުން ދުއްވާ އެހެން ވެހިކަލެއްގެ ސަބަބުން، އެހެން ވެހިކަލްތައް އެބަ ކުރިޔަށް އަރަންޖެހޭ." ޓެކްސީ ޑްރައިވަރަކު ބުންޏެވެ.

ކަންބޮޑުވުން ފާޅުކުރި ޑްރައިވަރުން ފާހަގަކޮށްފައިވާ ގޮތުގައި، މަޑުން ދުއްވޭނެ ލިމިޓެއް ނެތުމުގެ ސަބަބުން، އޮފީސްގަޑި ފަދަ ގަޑިތަކުގައި އޯވަޓޭކް ކުރަން މަޖުބޫރުވާ ހާލަތްތައް އާދެއެވެ. އަދި މަޑުން ދުއްވާ އުޅަނދުތަކުގެ ސަބަބުން، ހައިވޭ ތޮއްޖެހި ގަޑިއަށްދާންޖެހޭ މީހުންނަށް ގަޑިއަށް ނުދެވި އަދި އޯވަޓޭކްކުރަން ޖެހުމުގެ ސަބަބުން އެކްސިޑެންޓްތައްވެސް އަންނަނީ ހިނގަމުންނެވެ. އެހެން ނަމަވެސް އާދަޔާއި ޚިލާފަށް ހައިވޭގައި މަޑުން ދުއްވާ މީހުންނަށް ފިޔަވަޅުނާޅާކަން ޑްރައިވަރުން ފާހަގަކުރިއެވެ.

ހައިވޭގައި އުޅަނދު ފަހަރު ދުއްވާއިރު، ހައިވޭގެ ހަތަރުލޭން ސަރަހައްދުގެ ތެރެއިން ނޫން ތަނަކުން އޯވަޓޭކްކޮށްފި ނަމަ ފުލުހުން ޖޫރިމަނާކުރާއިރު، އޯވަޓޭކް ކުރަން ޖެހޭ ސަބަބަށް އެކަމަށްވެސް ޙައްލެއް ހޯދަންޖެހޭ ކަމުގައި ޑްރައިވަރުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް