ފުރުޤާން މިސްކިތުގައި ނަމާދަށް ހުރި މީހެއްގެ ކުރިމަތީގައި ހުރެ ބަދު އަޚުލާޤީ ޢަމަލު ހިންގި މީހަކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
މީގެ ކުރިންވެސް ފުރުޤާނު މިސްކިތުގެ ހުރުމަތް ކަނޑައި އެމިސްކިތުގެ ވުޟޫކުރާބަޔަށް ބޮޑުކަމުގޮސް ހެދުމާއި ގުޅިގެންވެސް ނައުޝާދު ހައްޔަރު ކުރިއެވެ.
ފުރުޤާން މިސްކިތަށް އަރައި ތަކުރާރުކޮށް އެމިސްކިތުގެ ޙުރުމަތް ކެނޑުމުގެ ޢަމަލުތައް ހިންގަމުންގެންދާ، ނައުޝާދު މޫސާ އަނެއްކާވެސް ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ފުލުހުންނަށް ކޮށްފައިވާ ރިޕޯޓަކާއި ގުޅިގެން، ނައުޝާދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި ފުލުހުން ދަނީ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އޭނާގެ ފަރާތުން އެފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މަސައްކަތް ކުރަމުން ކަމަށެވެ.
ފުލުހުންނަށް އާއްމު ފަރާތަކުން ކުރި ރިޕޯޓުގެ މައުލޫމާތު ފުލުހުން ޙިއްސާކޮށްފައި ނުވި ނަމަވެސް، ބައެއް އެހެން ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ނައުޝާދު ވަނީ، އިއްޔެ ފުރުޤާނު މިސްކިތުގެ އަންހެނުން ނަމާދުކުރާ ބަޔަށް ވަދެ ޟުޙާ ނަމާދު ކުރަން އަންހެނަކު ހުއްޓައި، މިސްކިތުގެ ތެރޭގައި ބަރަހަނާވެ ބަދު އަޚުލާޤި ޢަމަލު ހިންގާފައެވެ.
މީގެ ކުރިންވެސް ފުރުޤާނު މިސްކިތުގެ ހުރުމަތް ކަނޑައި އެމިސްކިތުގެ ވުޟޫކުރާބަޔަށް ބޮޑުކަމުގޮސް ހެދުމާއި ގުޅިގެންވެސް ނައުޝާދު ހައްޔަރު ކުރިއެވެ. ސެޕްޓެމްބަރު 10 ވަނަ ދުވަހު އޭނާ ހައްޔަރުކުރި އިރު އެމައްސަލައިގައި ކޯޓުން އޭނާއަށް އިއްވީ، 1 މަހާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ. ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ކޯޓުން އޭނާގެ މައްޗަށް ޙުކުމް އިއްވި އިރު، ޙުކުމުގެ މުއްދަތަށްވުރެ ގިނަ ދުވަހު އޭނާ ބަންދުގައި ހުރުމުން އޭނާ ބަންދުން ދޫކޮށްލަން ޖެހުނީ ކަމުގައި ފުލުހުންގެ އިދާރާއިން ހާމަކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް