ރާއްޖެ

ސައިކޮލޮޖިސްޓެއްގެ ފަރާތުން ނަފްސާނީ އެހީތެރިކަން ހޯދަން އެވަރެޖްކޮށް 6 މަސްދުވަސް މަޑުކުރަންޖެހޭ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސައިކޮލޮޖިސްޓެއްގެ ފަރާތުން ނަފްސާނީ އެހީތެރިކަން ހޯދަން އެވަރެޖްކޮށް 6 މަސްދުވަސް މަޑުކުރަންޖެހޭ

2026 ވަނަ އަހަރު ހުޅުމާލެ ހޮސްޕިޓަލުން ސައިކޮލޮޖިސްޓެއްގެ އެހީހޯދުމަށް ހޯދުމަށް 6-7 މަސް މަޑުކުރަންޖެހޭ --- ފޮޓޯ: ރައްޔިތުންގެ ނޫސް

މާލެ ސަރަހައްދުގައި ސައިކޮލޮޖިސްޓެއްގެ ފަރާތުން ނަފްސާނީ އެހީތެރިކަން ހޯދަން އެވަރެޖްކޮށް 6 މަސްދުވަސް މަޑުކުރަންޖެހޭކަން ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓުމެންޓުގެ ހިސާބުތަކުން ދައްކައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗް ހޮސްޕިޓަލުން ސައިކޮލޮޖިސްޓެއްގެ އެހީހޯދުމަށް 2025 ވަނަ އަހަރު އެވަރެޖްކޮށް 5 މަސްދުވަސް މަޑުކުރަން ޖެހޭކަން އެ ޑިޕާޓުމެންޓުން މައުލޫމާތުދެއެވެ.

ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ރައްޔިތުންގެ ނޫސް"އިން ނޭޝަނަލް މެންޓަލް ހެލްތް ޑިޕާޓުމެންޓުން ހޯދާފައިވާ ހިސާބުތަކަށް ބަލާއިރު 2026 ވަނަ އަހަރު ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓު ކުރުމަށްފަހު މަޑުކުރަންޖެހޭ މިންވަރު ހުޅުމާލެ ހޮސްޕިޓަލުން ވަނީ އިތުރުވެފައެވެ. އެގޮތުން، 2026 ވަނަ އަހަރު ހުޅުމާލެ ހޮސްޕިޓަލުން ސައިކޮލޮޖިސްޓެއްގެ އެހީހޯދުމަށް ހޯދުމަށް 6-7 މަސް މަޑުކުރަންޖެހޭކަމަށް ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓުމެންޓުގެ ހިސާބުތަކުން ފެނެއެވެ.

އެ ޑިޕާޓުމެންޓުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ފެންނަ ގޮތުން ސައިކޭޓްރީ ހިދުމަތް ހުޅުމާލެ ހޮސްޕިޓަލުން ލިބޭމިންވަރު އައިޖީއެމްއެޗްއާ އަޅާކިޔާއިރު %90 އަވަހެއެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި އެޕޮއިންޓްމެންޓަކަށް ނަން ނޯޓުކުރާތާ 15 ވަރަކަށް ދުވަހުގެ ތެރޭގައި ޑޮކްޓަރަށް ދެއްކެއެވެ. ނަމަވެސް އައީޖީއެމްއެޗުން ޑޮކްޓަރަށް ދައްކަންބޭނުންވާނަމަ 5 ވަރަކަށް މަސްދުވަސް އެޕޮއިންޓްމެންޓެއް ނުލިބި މަޑުކުރަންޖެހެއެވެ.

ވެއިޓްލިސްޓުކުރަން ނުޖެހި ދުވަހުން ދުވަހަށް އެޕޮއިންޓްމެންޓުލިބޭ ބައެއް މަރުކަޒުތައް އެބަހުއްޓެވެ. އެގޮތުން ޏ. އަތޮޅު ހޮސްޕިޓަލާއި އައްޑޫ ހޮސްޕިޓަލާއި، އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިތުރުން ގަން ރީޖަނަލް ހޮސްޕިޓަލާއި އުނގޫފާރު ހޮސްޕިޓަލާއި ކުޅުދުއްފުށި ހޮސްޕިޓަލުން އަވަހަށް ސައިކޭޓްރިސްޓުންނަށް ދެއްކެއެވެ.

އަދި ދަމަނަވެށިންވެސް ނަފްސާނީ ބަލީގެ ހާއްސަ ޑޮކްޓަރުންނަށް ދެއްކޭއިރު ހިދުމަތައް އެދޭތާ 3 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ޑޮކްޓަރަށް ދެއްކޭނެކަމަށް ލަފާކުރާ މުއްދަތު ހިއްސާކުރެވޭކަމަށް ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓުމެންޓުން މައުލޫމާތުދެއެވެ.

އާންމު އުސޫލެއްގެ ގޮތުން ދަމަނަވެށިން އައު ޕޭޝަންޓުން ނަގަނީ އެވަގުތު ކުރިއަށްގެންދާ ކޭސްތައް ނިމުމުންކަމަށް ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓުމެންޓުން ހާމަކުރިއެވެ. އެހެންކަމުން، ފާއިތުވެދިޔަ 3 މަހަށް ބަލާއިރު ވެއިޓްލިސްޓުކުރަން ޖެހިފައިނުވާކަމަށް އެ ޑިޕާޓުމެންޓުން މައުލޫމާތުދިނެވެ.

އެމްއެންޑީއެފް މިލިޓަރީ ހޮސްޕިޓަލު ސެނަހިޔާއިން ހިދުމަތްދޭ ގޮތް ސިއްހީ އެހެން މަރުކަޒުތަކާއި އަޅާކިޔާއިރު ތަފާތެވެ.

ސެނަހިޔާގައި ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓުކުރަނީ އެއްދުވަސް ކުރިންނެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހަވީރު 4:00 ން 6:00 އަށް ނޯޓުކުރަނީ ސިފައިންނާއި ސިފައިންގެ އާއިލާ މީހުންގެ އެޕޮއިންޓްމެންޓްތަކެވެ. އަދި އިތުރަށް ޖާގަ ލިބޭމިންވަރަކުން އިރުއޮއްސި 6:00 ގެ ފަހުން އާންމުންނަށް ޖެހިގެން އަންނަ ދުވަހު ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓު ދޫކުރެެއެވެ.

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓުމެންޓުން އިތުރަށް މައުލޫމާތުދޭ ގޮތުގައި ނަފްސާނީ ހިދުމަތް ގާއިމްކުރެވިފައިނުވާ ސަރަހައްދުތަކަށް އަމާޒުކޮށްގެން 'ޓެލެމެންޓަލް ހެލްތު' ގެ ނިޒާމު ގާއިމްކުރެވުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ.

ނަފްސާނީ ސިއްހަތާއި ގުޅޭ ގޮންޖެހުންތަކާއި މައްސަލަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލާފައެވެ.

އެގޮތުން، މި އަހަރުގެ ޖަނަވަރީ 1 ގެ ފަހުން ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އާސަންދަ ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ބައެއް އެހެން ރަށްރަށުގެ ހޮސްޕިޓަލްތަކުގައި މި އަހަރު ނަފްސާނީ ބަލީގެ ފަރުވާގެ ހިދުމަތް ގާއިމްކޮށް، ހިދުމަތްދޭން ފަށާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް ފާހަގަކޮށްލަންޖެހެނީ ޒަމާނުއްސުރެއް ސިއްހީ ހިދުމަތް އެންމެ އެދެވޭ ގޮތެއްގައި ނުލިބޭކަމީ ރައްޔިތުން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެއް ކަމެވެ.

އަދި ގިނަ ފަހަރު ހިދުމަތްތައް ލިބުން ލަސްވުމުގެ ސަބަބުންނާއި އެޕޮއިންޓުމެންޓު ނުލިބުމުގެ ސަބަބުން ޕްރައިވެޓް ކްލިނިކްތަކުން ބޮޑު އަގުދީފައި ހިދުމަތް ހޯދުމަށް ގިނަ ރައްޔިތުންނަށް ވަނީ މަޖުބޫރުވެފައެވެ.

 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް