ބީއެމްއެލްގެ އެއްބާރުލުން ނުލިބިގެން އަމިއްލަ ކުންފުންޏަކުން ގެނައި ތަރުކާރީއާ މޭވާ ބަނދަރުން ނުނެރެވި ހަލާކުވަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަމިއްލަ ކުންފުންޏެއް ކަމަށްވާ ކިންކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ރާއްޖެ އެތެރެކުރި، މޭވާ އާއި ތަރުކާރީ، ބީއެމްއެލް މެދުވެރިކޮށް ޓީޓީކުރި ފައިސާ، ސަޕްލަޔަށް ނުލިބޭތީ މުދާ ހިފަހައްޓާފައި ހުރުމުން ހަލާކުވަމުންދިޔުމުގެ ކަންބޮޑުވުން އެކުންފުނިން ފާޅުކޮށްފިއެވެ،
އެކުންފުނީގެ ފަރާތުން މައުލޫމާތު ދިންގޮތުގައި، ދެ ކޮންޓެއިނާގެ ޕެރިޝަބަލް ގުޑްސް، ނުވަތަ އަވަހަށް ހަލާކުވާ ކާބޯތަކެތީގެ ބާވަތްތަކަށް ސަޕްލަޔަރަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވަނީ، ތިން ޓީޓީއަކުންނެެވެ.
"ތިން ޓީޓީއަކަށް ބަހާލައިގެން ދެއްކީ. ސަޕްލަޔަރަށް ދެޓީޓީއަށް ސަޕްލަޔަރަށް ފައިސާ ލިބުނީ. ތިންވަނަ ޓީޓީގެ ފައިސާ އެފަރާތަށް ނުލިބޭތީ ޕޯޓުން މުދާ ނުނެރެވި ހުންނަތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެ. މިހާރުވެސް މިހިރީ ވީގޮތެއް ސާފު ނުވާތީ ބޭންކުގައި." ކިންކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ޢަބްދުއް ސަލާމް ވިދާޅުވިއެވެ.
1 ޖުލައި 2026ގައި ޑޮލަރުން ޓީޓީކުރި ފައިސާ ކިންކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓުން އުނިކޮށްފައި ވާއިރު، ސަޕްލަޔަރަށް އެފައިސާ ނުލިބޭ ސަބަބެއް ބަލައިދިނުމަށް ބީއެމްއެލްގައި އެދޭތާވެސް އެތައް ދުވަހެއް ވެއްޖެ ކަމުގައި ސަލާމް ވިދާޅުވިއެވެ. ދެކޮންޓައިނާގެ މުދަތުގެ ތެރޭގައި ފިޔައާއި ބިހާއި، ރޯމޭވާ އާއި ތަރުކާރީގެ ބާވަތްތައް ހުރި އިރު އެތަކެތި ބަނދަރުގައި ހުރެ ހަލާކުވަމުން ދިޔުމަކީ، ވިޔަފާރިއަށް ލިބޭނެ ބޮޑު ގެއްލުމެއްކަންވެސް އޭނާ ފާހަގަކުރިއެވެ.
ބީއެމްއެލް މެދުވެރިކޮށް ޓީޓީކުރި ފައިސާ ސަޕްލަޔަރަށް ނުލިބި، ބަނދަރުން މުދާ ނުނެރެވި ހުރިމުގެ ސަބަބުން، މުދާތައް ހަލާކުވުމުގެ އިތުރުން ބޮންޑްފީ އާއި ޑެމަރޭޖްވެސް ކޮންމެ ދުވަހަކު އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޤައުމީ ބޭންްކް ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވުމާއި ގުޅިގެން ބީއެމްއެލްއިން ވަނީ ލިމިޓްތަކެއް ކަނޑައަޅައި ކޮންޓްރޯލްވެސް ކުރަންފަށާފައެވެ. ބީއެމްއެލްއަށް ލިބޭ ޑޮލަރަށް ވުރެ ވިއްކަން ޖެހޭ ޑޮލަރުގެ އަދަދު އިތުރުވެ ބޭންކަށްވެސް އޮތީ ދަތިތަކާއި ކުރިމަތިވެފައި ކަމަށް ބީއެމްއެލްއިންވެސް ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް