ބިންހިއްކަން ވެލި ނަގާތީ އެންވެރިކަން ހަލާކުވެއްޖެކަމުގައި ބީކޭއެމްޔޫއިން ބުނެފި
ލިޔުންތެރިޔާ
ރަސްމާލޭގެ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް --- ފޮޓޯ: ރައީސް އޮފީސް
ބިންހިއްކުމަށް މާލެ އަތޮޅުތެރެއިން ވެލިނަގަމުންދާތީ، ބައެއް ސަރަހައްދުތަކުގެ އެންވެރިކަން މުޅިން ހަލާކުވެގެން ހިނގައްޖެކަމުގައި، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން، ބީކޭއެމްޔޫއިން ބުނެފިއެވެ.
ބީކޭއެމްޔޫއިން ވަނީ، މަސްވެރިން އެންމެ ރަނގަޅަށް އެންވެރިކަން ކުރާ ސަރަހައްދު ތަކުން ވެލިނަގާ މުޅި ސަރަހައްދުގެ އެންވެރިކަން ހަލާކުކޮށްލުން ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށާއި، އެކަން ވަގުތުން ވަގުތަށް ހުއްޓުވުމަށް ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
އެޖަމިއްޔާއިން ބުނީ، މާލެ އަތޮޅު ތުޅާގިރި ކައިރި އަކީ މިހާރު މަސްވެރިން އެންމެ ރަނގަޅަށް އެންވެރިކަން ކުރަމުންދާ ސަރަހަދު ކަމަށާއި، އެހެން ނަމަވެސް މިއަދުވެސް ދަނީ، ޑްރެޖަރު ބޭނުންކޮށްގެން އެސަރަހައްދުން ވެލި ނަގަމުން ކަމަށެވެ. އަދި މީގެ ކުރިން މަސްވެރިން އެންވެރިކަން އެންމެ ރަނގަޅަށް ކުރަމުންއައި އިހުރު، ވައްބިންފަރު ކައިރިން ވެލިނަގައި އެސަރަހައްދުގެ އެންވެރިކަން މިހާރުވަނީ ހަލާކު ކޮށްލާފައި ކަމުގައި ބުނެ ބީކޭއެމްޔޫއިން ވަނީ ނުރުހުންފާޅުކޮށްފައެވެ.
ރަސްމާލޭގެ ބިންހިއްކުމަށާއި، މާލެ އަތޮޅުގެ ފަޅުތަކުގައި ރިސޯޓްތައް ތަރައްޤީކުރުމަށް ބިންހިއްކުމުގެ މަޝްރޫޢުތައް ކުރިޔަށް ގެންދާތާ ގިނަ ދުވަސްތަކެއް ވެފައި ވާއިރު، މާލެ އަތޮޅުގެ މައިފަރުތަކަށާއި، އެތެރެވަރީގައިވާ، ވަނިތަކާއި، ގިރި އަދި ހާހަލަށް ވަނީ އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އެކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް ސީދާ ގޮތުން ވަނީ، ނޭދެވޭ އަސަރުތައްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް