ކުރެހުން ލިބޭ ވަރަކުން މިސްކިތުގެ މަސައްކަތް މިދަނީ ނިންމަމުން - އެސްޖޭ
ލިޔުންތެރިޔާ
ހުޅުމާލެ ފޭސް 2 ގައި އެސްޖޭ އިން އަޅަމުންދާ މިސްކިތް --- ފޮޓޯ: އެސްޖޭ ގުރޫޕް
ހުޅުމާލެ ފޭސް 2ގައި އެސްޖޭ ގުރޫޕުން އިމާރާތްކުރަން ފެށި މިސްކިތް ނުނިމި ދިގުލައިގެން ގޮސް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، މިސްކިތުގެ ކުރެހުން ލިބޭ ވަރަކުން މަސައްކަތް ނިންމަމުންދާ ކަމުގައި އެކުންފުނިން ބުނެފިއެވެ.
އެސްޖޭ ގުރޫޕުން މިއަދު ވަނީ، އެކުންފުނިން އިމާރާތްކުރަމުންދާ މިސްކިތުގެ ފޮޓޯއާއެކު މަސައްކަތް ކުރިޔަށްދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައެވެ. އެޕޯސްޓުގައި ބުނެފައި ވަނީ، ކުރެހުން ލިބޭ ވަރަކުން އެމިސްކިތުގެ މަސައްކަތް ދަނީ ނިންމަމުން ކަމަށާއި، މުންނާރު އަދި ދޮރުތަކުގެ ތަފްސީލީ ކުރެހުން އަދި ނުލިބޭތީ އެމަސައްކަތް ފެށޭގޮތްވަނީ ނުވެފައި ކަމަށެވެ.
އެސްޖޭއިން އިމާރާތްކުރާ އެމިސްކިތުގެ ކުރެހުމާއި ޑިޒައިން ފައިނަލް ކުރަނީ، އިސްލާމިކް މިނިސްޓްރީންނެވެ. އެމިސްކިތުގެ ކޮންކްރީޓް މަސައްކަތްތައް ނިންނުމަށްފަހު، މިސްކިތުގެ އެހެން މަސައްކަތްތައް ނުނިމި ލަސްވެގެން ދިޔައީ، މިސްކިތުގެ ކުރެހުމަށް ބަދަލުތަކެއް ގެންނަން ޖެހިގެން ކަމަށް އެނގިފައިވެއެވެ. މިގޮތުން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައި އޮރީ، އެމިސްކިތުގެ ގުއްބުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށެވެ. އެންމެ ފުރަތަމަ ކުކުޅުބިސް ބުރަށް ހަދާގޮތަށް ފަރުމާކޮށްފައިވާ ބޮޑުގުއްބުގެ ޑިޒައިން މިހާރު ވަނީ، ބަދަލުކޮށްފައެވެ. އަދި އަލުން މަސައްކަތް ކުރިޔަށްގެންދަން ފަށާފައިވަނީ، ގުއްބު ކުޑަކުރުމަށްފަހު، އަދި ވައްކޮށް ގުއްބު ހަދާގޮތަށް ޑިޒައިނަށް ބަދަލު ގެނައުމަށް ފަހުގައެވެ.

2022 ވަނަ އަހަރު އިމާރާތް ކުރަންފެށި އެމިިސްކިތް ނިމޭނެ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން އެތައް ފަހަރަކު ތާރީޚްތައް ދިނެވެ. މިގޮތުން ނިމިދިޔަ ރަމަޟާން މަހަށް އެމިސްކިތް ނިމޭނެ ކަމުގައި ބުނުމަށްފަހު އެންމެ ފަހުން، ބުނެފައި ވަނީ، މިއަހަރުގެ ޑިސެމްބަރު މަހަށް އެމިސްކިތް ނިމޭނެ ކަމަށެވެ. އެމިސްކިތަކީ، 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އެސްޖޭ ކޮންސްޓްރަކްޝަނުން އެމިސްކިތް އަޅަނީ، އިސްލާމިކް މިނިސްޓްރީން ދީފައިވާ ކުރެހުމާއި އެއްގޮތަށެވެ. އަދި އެމިސްކިތަކީ، މާލޭ ޒިކުރާ މިސްކިތް އަޅަން އެސްޖޭ އާއި ހަވާލުކުރުމަށްފަހު، އެ އެއްބަސްވުން ބާޠިލްކުރުމުން، އޭގެ ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން އެކުންފުނިން ކޯޓަށް ހުށައެޅުމުން، އެމައްސަލައިގެ ސެޓްމެންޓް އެގްރީމެންޓެއްގެ ދަށުން އެޅުމަށް ހަވާލުކުރި މިސްކިތެކެވެ.
އެސްޖޭއިން ހާމަކޮށްފައިވާ ގޮތުގައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދީފައިވާ ޑިޒައިނަށް އިމާރަތް ކުރަމުން އައި އެމިސްކިތުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައި ވަނީ، އެ މިނިސްޓްރީން ނިންމަންޖެހޭ ކަންކަން ނުނިމިގެންނެވެ. މިގޮތުން މިއަދު އެސްޖޭ ގުރޫޕުންކޮށްފައިވާ ޕޯސްޓުގައިވެސް، މުންނާރު އަދި ދޮރުތަކުގެ ތަފްސީލީ ކުރެހުން އަދި ނުލިބޭ ކަމަށްވެސް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް