ވާހަކަ

ކުރުވާހަކަ: މަންމަ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކުރުވާހަކަ: މަންމަ

މިއަދު އަހަރަންގެ މަސައްކަތް ކާމިޔާބުވެއްޖެއެވެ. ބޭނުންވާ މައުލޫމާތު ލިބިއްޖެއެވެ. އެކަމަކު އަހަރެންގެ ތަޤުދީރު އަހަރެން ގެންގޮސްވައްޓާލާނީ ކޮންފަދަ އަނދަވަޅަކަށް ބާވައެވެ. އަހަރެންގެ ނަސީބުގައިވާ ހިތާމައިގެ ރޭތަކަށް ނިމުމެއް އަތުވެދާނެބާވައެވެ؟ އަހަރެންގެ ހަޔާތަށް ބަހާރު މޫސުމް އަތުވެދާނެ ބާވައެވެ؟ ހިތްތެޅެނީއެވެ. އަތްފައި ފިނިވަނީ އެވެ. ހޮސްޕިޓަލުގައި އިންނަން އަހަރެންނަށް އުނދަގޫވެއްޖެއެވެ. ވީހާވެސް އަވަހަކަށް ބޭނުންވަނީ އެގެ ހޯދަންދާށެވެ. އެއަންހެންމީހާ ހޯދަންދާށެވެ. އޭނާ ހުންނަގޮތެއް ދެކިލާށެވެ. ގޮސް ބައްދައިގަންނާށެވެ. ލޯބިން އެންމެ ފަހަރަކު ދޮނެއްދޭށޭ ބުނާށެވެ. 27 އަހަރުގެ ތެރޭގައި އެންމެ ފަހަރަކު ލޯބިން ފިރުމާލަދިނިއްޔާވާނީ ކީއްހެއްޔެވެ؟ އަހަރެންނަކީ ފައިސާ އަތުގައި ހުއްޓަސް އެކަނިވެރިޔަކީމެވެ. މިބޮޑުދުނިޔޭގައި އަހަރެންގެ ހަމައެކަކުވެސް ނެތެވެ. ބަލަދުވެރިއަކު ވާރިޘަކު ނެތެވެ.

އަހަރެންނަކަށް ޑިއުޓީ ނިމެންދެންވެސް ކެތެއް ނުކުރެވުނެވެ. ހޮސްޕިޓަލުގެ ލެބޯޓެރީގައި މަސައްކަތްކުރާ މީހަކަށްވާތީ، ޑިއުޓި ނުނިމެނީސް ނުކުންނަށްވެސް އުނދަގޫވިއެވެ. އެތައް ސުވާލެއް ކުރިމަތިވިއެވެ. އެކަމަކު މިއަދަށްޓަކައި އަހަރެން ކިހާ އިންތިޒާރެއް ކުރިން ހެއްޔެވެ؟ ދެކޭމީހުންނެއް އެކަމެއް ނުދައްނާނެއެވެ. އެމީހުންނަށް ފެންނާނީ ބޭރުފުށުން ފެންނަ އެއްޗެކެވެ. ހިތެއް ނޫނެވެ. ހިތުގައިވާ އުދާހާއި ވޭނާއި ކެކުޅުމެއްވެސް ނޫނެވެ.

ސައިކަލުގައި އަހަރެން ދިރިއުޅޭ އެޕާޓްމެންޓަށް އައިސް ފެންވަރާ ރީތިވެ ތާޒާވެލީމެވެ. އެގެއަށްދާށެވެ. ސައިކަލުގައި ނުގޮސް ޓެކްސީއެއްގައި ދިޔުމަށް ނިންމީ އަހަރެންނަށް އެގެ ނޭނގޭތީއެވެ. މިބޮޑު މާލޭގައި ހުރި ހުރިހާގެއެއް އަހަރެންކަހަލަ އެކަނިވެރި ދުނިޔެއާއި ބީރައްޓެހި މީހަކަށް އެނގޭނީ ކިހިނެއްހެއްޔެވެ؟

ޓެކްސީއަށް އަރައި ދާންވީ އެޑްރެސް ބުނީމެވެ. އެވަގުތު ޑްރައިވަރު އަހަރެންނަށް ބަލާލީ މާނަވީ ގޮތަކަށެވެ. އެއްޗެއް ނުބުންޏެވެ. ކާރު މަޑުކޮށްލީ އަހަރެން ދިރިއުޅޭ އެޕާޓްމަންޓް ހުރި ބިލްޑިންގ ގެ ފުރަގަހުން އޮތް ގޯޅި އަށެވެ. އާދައިގެ ގޮތަކަށް ހަދާފައި ހުރި ގެއެއްގެ ކުރިމައްޗަށެވެ. މިއީ އެގެ ކަމުގައި ބުނުމުން އަހަރެން ގަތީ ލަދެވެ. ޑްރައިވަރަށް ފައިސާދީފައި ކާރުން ފޭބީމެވެ. އަހަރެން ދިރިއުޅޭ އެޕާޓްމަންޓް ހުރި ބިލްޑިންގ އާއި ހަމައިން ހިނގާފައި މިގެއަށް އަންނާކަށް މިނިޓެއްގެ އިރުވެސް ހޭދަ ނުވާނެއެވެ. އަހަރެން ގާތަށް ހިނިއައެވެ. މާލެއާއި މާލޭގެ ތަންތަނާއި މީހުން އަހަރެންނަށް ބީރައްޓެހިކަމުންނެވެ.

ތެޅިތެޅި އޮތް ހިތަކާއި އެކު ގޭގެ ދޮރުގައި ޓަކި ޖަހާލީމެވެ. އެތެރެއިން ހުޅުވީ ޒުވާންފުރައިގެ ކުއްޖެކެވެ. ކީއްކުރަންތޯ އެހުމުން ޒަރީނާއާއި ބައްދަލުވެދާނެހޭ އެހީމެވެ. އޭނާ ދޮރު ބޮޑަށް ހުޅުވާލުމުން އެބުނީ ވަންނާށޭކަން އަހަރެންނަށް އެނގުނެވެ. ވަދެއްޖައީމެވެ. ބާގެއެކެވެ. މީހުންގިނަ ދަތި ތަނެކެވެ. ސިޓިންގ ރޫމުތެރެއަށް ވަތް އިރު ކައްކަން ހަދާފައިވާ ތަންކޮޅުގައި އުނދުންކައިރީގައި ހަރުއުމުރުގެ އަންހެނަކު ހުއްޓެވެ. އޭރު އޭނާ ދިޔައީ ފަތިވަރެއް އަމުނަމުންނެވެ. ހަޑިހުތުރު ބަހުންނެވެ. ޖެހިފައިވާ ބަލާވެރިކަމަކާއި މުސީބާތެކޭ ގޮވަމުންނެވެ. އަހަރެން ފެނުމުން އޭނާ އެކީ އެއްޗެއް ހުއްޓާލައިފިއެވެ. އަހަރެންނާއި އެކު އައި ކުއްޖާ އަތުގެ އިޝާރާތުން އެސިޓިންގ ރޫމު ގަނޑުތެރޭގައި ބަހައްޓާފައި ހުރި ދެބުރި އެނދެއްގެ ތިރީ އެނދުގައި އޮތް ބަލިއަންހެނަކު ދައްކާފައި އެއީ ޒަރީނާއޭ ބުންޏެވެ. އަހަރެން ރަނގަޅަށް ބަލާލީމެވެ. ގައިގެ އެއްފަޅި ވާގިނެތިފައި އޮތްކަން އެނގުނެވެ. އެނދުގެ ބެޑުޝީޓު ހަޑިވެ ކަޅުވެފައި އޮތް އިރު ކާއެއްޗެހި އެޅިފައިވެސް ހުއްޓެވެ. އެނދުމަތީގައި ހިނިއަރައި ދުވެދުވެ އުޅެއެވެ.

އަހަރެންގެ ހިތަކަށް ކެތެއް ނުވިއެވެ. ލަގޮނޑިކަރުބުޑުގައި ތާށިވިހެން ހީވިއެވެ. އެއަންހެންމީހާ އޮތް ނިކަމެތި ހާލުންނެވެ. މިގޭ މީހުން އޭނާއާއި ދޭތެރޭ ވަރަށް އިހާނެތިކޮށް ހިތާކަން އަހަރެންނަށް ފެނުނު މަންޒަރުންނާއި އިވުނު އަޑުތަކުން ދޭހަވުމުންނެވެ.

އަހަރެންމީ ކާކުތޯ އުނދުންކައިރީ ހުރި އަންހެންމީހާއެހިއެވެ. އަހަރެން ހެދީ ދޮގެކެވެ. ޒަރީނާގެ ރައްޓެއްސެއްގެ ދަރިޔަކަށްވާތީ ހާލުބަލާލައި ދެކިލަން އައީ ކަމުގައި ބުނީމެވެ. އެއަންހެންމީހާ އެހިސާބުން ވާހަކަ ފަށައިފިއެވެ. ޒަރީނާ ޒުވާން އުމުރުގައި ޕެރަލައިޒްވެ އެހާލުގައި އޮންނަތާ 27 އަހަރު ވެއްޖެ ކަމުގައި ބުންޏެވެ. ޒަރީނާ ދުވަހަކުވެސް މީހަކާވެސް ނުއިންނަ ކަމަށާއި މިހާރުދެން އަތްމަތި ދަތިކަމުން އޭނާއަށްވެސް ޒަރީނާ ބެލެން ނެތިގެން ގުރައިދޫއަށް ފޮނުވާލެވޭތޯ އުޅޭ ކަމަށެވެ. އަދި އެކަމުގައި އެހީއެއް ވެދެވެން އޮތްނަމަ އެހީތެރިވާން އަހަރެންގެ ކިބައިންވެސް އެދުނެވެ. އަތްދަބަސް ހުޅުވާލުމަށްފަހު އެޕާޓްމެންޓްގެ ކުލިދައްކަން އަހަރެން ނަގާފައިހުރި 10،000 ރުފިޔާ އެއަންހެންމީހާގެ އަތަށް ދިއްކޮށްލީމެވެ. އޭނާ ހައިރާންވެގެން ދެލޯ ބޮޑުކޮށްލިއެވެ. ނުހިފާން އުޅުނެވެ. އަހަރެން އޭނާގެ އަތުގެ ތެރެއަށް އެރުފިޔާ ބޮނޑި ލުމަށްފަހު ޒަރީނާއަށް ރަނގަޅަށް ކަންތައްކޮށްދޭން ބުނީމެވެ. އަދި އަހަރެން އަހަރެންގެ ގެއަށް އޭނާ ގެންގޮސްފާނަމޭ ބުނީމެވެ.

އަހަރެން ގޮސް އެނދުގެ މަގަތުން އިށީނީމެވެ. އަދި އެއަންހެންމީހާގެ އަތުގައި ހިފާލީމެވެ. އެވަގުތު އާދަޔާ ޚިލާފަށް ބާރަށް އަހަރެންގެ ހިތްތެޅެން ފެށިއެވެ. އެއަންހެންމީހާ އަހަރެންގާތު އެއްޗެކޭ ބުނަން އުޅުނެވެ. ބުނާއެއްޗެއް ސާފުނުވެގެން ނޭވާ އެޅޭ ހިސާބަށް މޫނާއި މޫނުގާތްކޮށްލީމެވެ. އެއަންހެންމީހާގެ ބުނިއެއްޗެއް ދޭހަވުމާއި އެކު އަހަރެންގެ ލޮލުންވެއްޓުނު ކަރުނަތިކި ޖެހުނީ އޭނާގެ ކޯތާފަތުގައެވެ. އޭނާ އެދުނީ އެނަރަކައެއް ފަދަ ތަނުން އޭނާ ނެރެދޭށެވެ.

އިރުކޮޅަކު އޭނާގެ ގާތުގައި އިނުމަށްފަހު އަހަރެން ނުކުމެއްޖައީމެވެ. އޭނާ އެދުނު ފަދައިން އަހަރެން އޭނާ ގެންދާނެކަމަށް އެއްބަސްވުމަށް ފަހުގައެވެ. ނުގެންދާންވީ ކީއްވެ ހެއްޔެވެ؟ އެއީ އަހަރެންގެ ހިތުގެ އެއްބައެވެ. އަހަރެންގެ ހަށިގަނޑުގައި ދައުރުވަނީ އެލެއެވެ. އަހަރެން މިއޮތްހާދުވަހު މިމަސައްކަތްކުރީ އަހަރެންގެ މަންމަ ހޯދާށެވެ. ދުނިޔެ ނުދަތަސް އެހެންމީހަކަށް ނޭނގުނަސް އެއީ އަހަރެންގެ މަންމަކަން އަހަރެންނަށް އެނގިއްޖެއެވެ.

އަހަރެން އުޅެ ބޮޑުވީ ކުޑަކުދިންގެ ހިޔާގައެވެ. އެތަނަށް ސަރުކާރުން އަހަރެން ގެންދިޔައީ ގޮނޑުން ހޮވައިގެންނެވެ. އިއުލާނުތައްކޮށް ނޫސްތަކުގައި ޖަހައިގެން ސަރުކާރަކަށް އަހަރެންގެ މައިންބަފައިންނެއް ނުހޯދުނެވެ. އެންމެ ޅަދުވަހުއް ސުރެ އަހަރެންގެ މަސައްކަތަކީ މައިންބަފައިން ހޯދުމެވެ. ގަދައަޅައި ކިޔެވީ އެހެންވެއެވެ. ކެތްކުރީ އެކަމަށެވެ. ރިޒޯޓެއްގައި މަސައްކަތްކޮށް އަތުގައި އެތައްހާސް ޑޮލަރެއް ޖަމާވުމުން ހޮސްޕިޓަލުގެ ލެބޯޓެރީ އެސިސްޓެންޓަކަށްވަނީވެސް އެހެންވެއެވެ. ހޮސްޕިޓަލަށް ލެބޯޓްރީން ޓެސްޓްތައް ހަދަން އަންނަ މީހުންގެ ޑީއެންއޭއާއި އަހަރެންގެ ޑީއެންއޭ ދިމާވޭތޯ ވަގަށް ބަލަމުން އައީވެސް އެހެންވެއެވެ. އެއީ ޤާނޫނީ ކުށެއްކަންވެސް އެނގިހުރެއެވެ. އެކަމަކު އަހަރެންގެ ހައްޤުހޯދައި ދިނުމަށް ނުކުޅެދިފައިވާ ޤާނޫނެއްގެ ބޭރުން އަހަރެންގެ ހައްޤު ހޯދުމަކީ ބޭއިންސާފަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެމަސައްކަތުގައި އަހަރެން އެތައް އަހަރެއް ހޭދަކޮށްފީމެވެ.

އަހަރެން އެގެއިން ނުކުތީ ހަފްތާއެއްގެ ތެރޭގައި ޒަރީނާ ގެންދާނެވާހަކަ އާއި އެކަމަށް އަހަރެން ތައްޔާރުވާން ވަގުތު ބޭނުންވާ ވާހަކަ ބުނެފައެވެ. އެއީ އަހަރެންގެ ކޮޓަރީގައި މަންމަ ބާއްވަން ޚާއްސަ އެނދާއި މެޝިނަރީޒް ހޯދަންޖެހޭނެތީއެވެ. ބޭސްފަރުވާގެ އިންތިޒާމްތައް ކުރަންޖެހޭނެތީއެވެ. މަންމަ ގަދަވާން އަހަރެން ބޭނުމެވެ. އިންތިހާއަށެވެ. ޝަކުވާއެއް ކުރާކަށް ނޫނެވެ. ކޮންމެ ހާލެއްގައިވެސް އަހަރެން މަންމަ ބޭނުންވާތީއެވެ.

އަހަރެންނަށް ޔަޤީނެވެ. ވިހޭ ގޮތަށް މަންމަ އަހަރެން އެއްލާލީ ލޯބި ނުވާތީ އެއް ނޫނެވެ. ކޮންމެވެސް އެހެން މަޖުބޫރެއް އޮތީމައެވެ. އެހެންނޫނަމަ ގޮނޑުގައި މީހުންނަށް ފެންނާނެގޮތަށް ފެންވަރުވައި ރީތިކޮށް ފުއްޖަހައި ރަޖައަށްލާފައި އަހަރެން ނުބޭއްވީހެވެ. މަންމަ ބޭނުންވި ނަމަ އަހަރެން މަރައިވެސް ލެވުނީހެވެ. މުޅިދުނިޔެއަށް އަހަރެން މިވުޖޫދަށް އައިކަންވެސް ސިއްރު ކުރެވޭނެ ގޮތް އޮތީހެވެ. އެކަމަކު ވާރިޘަކު ބަލަދުވެރިއަކުވެސް ނުލިބޭނެ ގޮތުގައި މަންމަ އަހަރެން ދޫކޮށްލިނަމަވެސް އެކަމަކަށް ޝަކުވާއެއް ނެތެވެ. އަހަރެން މަންމަ ދޫކޮށެއް ނުލާނަމެވެ.

އަހަރެން ދެން މިގެއަށް އެނބުރި ނަޔަސް މީހަކަށް އެނގޭނެ އެއްޗެއް ނެތެވެ. އެކަމަކު އެހެން ހަދާހައި ހިއްވަރެއް އަހަރެންގެ ނެތެވެ. މަންމަގެ މިހާލަށް ދޫކޮށްލުމަކީ އަހަރެންގެ ގާތުގައިވާ މަންމަގެ ކުށަށްވުރެ ﷲގެ ހަޟުރަތުގައި އަހަރެންގެ ކުށް ބޮޑުވެދާނެކަމެވެ. ކޮންމެހެން އެއީ އަހަރެންގެ މަންމަކަން ދުނިޔެއަށް އެނގުން ލާޒިމެއް ނޫނެވެ. އެކަން ދެނެވޮޑިގެންވާ ފަރާތުން އެކަން މޮޅަށް ދެނެވޮޑިގެންވެއެވެ. ކަންކަން ތަދުބީރު ކުރައްވަނީ އެކަލާނގެއެވެ.

ޤާނޫނީ ގޮތުން އަހަރެންނަކީ މަޔަކު ބަފަޔަކުވެސް ނެތް މީހެކެވެ. އެކަމުގެ ސަބަބުން އަހަރެންނަށް އުފުލަންޖެހުނު ވޭނާއި ކެކުޅުމަށްވުރެ މިއަދު މަންމަ ފެނުމުން މަންމަގެ ހާލާއި މެދު އަހަރެމްގެ ހިތުގައި އެޅިވޭން ބޮޑެވެ. މަރުދުވަހާއި ހަމައަށް އަހަރެން މަންމަ ބަލާނަމެވެ. އަހަރެންނަށް ނުލިބުނު ހިމާޔަތާއި އޯގާތެރިކަމާއި ލޯބި ދީގެންނެވެ. އެހެނީ އަހަރެންގެ ސުވަރުގެ ވަނީ އެފައިތިލަ ދަށުގައެވެ. އަހަރެންގެ ދިންނެވުން ވަނީ އެއުނގުގައެވެ.

ގެއަށް އައިގޮތަށް ލެޕްޓޮޕް ހުޅުވައި އަހަރެން ފުރަތަމަވެސް ބެލީ މާލެއިން ދެކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ލިބޭނެ ތަނެއް ހުރިތޯއެވެ. ނަސީބުވެސް ގަދައެވެ. ހަމަ ދާދި ގާތުގައި އަލަށް ހަދާ ނިމިފައި ހުރި ގެއެއްގެ ޓެރަހާއި އެކު ދެކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށްދޭން ޖަހާފައި ހުއްޓެވެ. މަހަކު 24،000ރ އަށެވެ. ގުޅާލައިފީމެވެ. ފޯނުނެގީ ގޭގެ ވެރިމީހާއެވެ. އޭނާ ބުނީ އެތަން ލިބެން އެބަހުރި ކަމަށެވެ. ވަރަށް ގިނަ މީހުން ގުޅާ ކަމަށެވެ. އަހަރެން ހަމަ މިވަގުތު ތަން ބަލާލަން ބޭނުން ކަމުގައި ބުނީމެވެ. އޭނާވެސް ވަގުތުން އާނއެކޭ ބުންޏެވެ.

ލަސްނުކޮށް އަހަރެން އެގެޔަށް ހިނގައްޖައީމެވެ. ގޭގައި ލިފްޓް ހުރީމާ ވަރަށް ބޮޑަށް ހިތްހަމަ ޖެހުނެވެ. އެއީ ބަލި މީހަކު ގެންގުޅޭ އިރު އެންމެ މުހިއްމުވާނީ ލިފްޓެއް ހުރުން ކަމަށް ވާތީއެވެ. 10 ވަނަ ފްލޯއަށް އަހަރެން ލިފްޓުން ނުކުތް އިރު، އެފިރިހެން މީހާ ލިފްޓުގެ ކުރިމަތީގައި ހުއްޓެވެ. އޭނާ ފެނިފައި އަހަރެން ދިޔައީ ސިއްސައިގެންނެވެ. މާކުރީގެ ހަނދާނެއް ސިކުނޑީގެ ތެރެއިން ނުކުންނަށް އުޅެނީއޭ ހީވެއެވެ. މީގެ ކުރިން ދުވަހަކު އޭނާ ނުފެނުނު ނަމަވެސް ބީރައްޓެހި ކަމެއް އޭނާގެ މޫނަކުން ނުފެނުނެވެ. އޭނާ އާއި އަހަރެންގެ ސިފަ ވައްތަރޭ މީހަކު ކަންފަތް ދޮށުގައި ބުނިހެން އަހަރެންނަށްވެސް ހީވިއެވެ. އެފިރިހެން މީހާވެސް އަހަރެންނަށް ބަލާލީ ފުން ނަޒަރަކުންނެވެ.

"މިހުރީ އެޕާޓްމަންޓް" ލިފްޓުން ފޭބި އިރު މޫނުޖެހެން ހުރި ދޮރާ ދިމާއަށް އިޝާރާތްކޮށްފައި އޭނާ ބުންޏެވެ. ދޮރު ހުޅުވީ އެފިރިހެން މީހާއެވެ. އަހަރެން ވަނީ އޭނާގެ ފަހަތުންނެވެ. ބޮޑު ސިޓިންގ ރޫމަކާއި ތަނަވަސް ބަދިގެއެއް ހުރި އެޕާޓްމަންޓެކެވެ. ފަރުނީޗަރާއި ހިފާގެންގުޅޭ އެހެން ސާމާނުވެސް ހަމަކޮށްފައި ހުއްޓެވެ. އަހަރެން އެންމެ ހިތްހަމަ ޖެހުނު ކަމަކީ، ސިޓިންގ ރޫމުން ނުކުމެވޭ ގޮތަށް ބޮޑު ޓެރަހެއްވެސް އޮތީމައެވެ. އެޓެރަހުގެ ޖާގަވެސް ވަރަށް ތަނަވަހެވެ. އެތަނުގައި ގަސްތަކާއި އުނދޯލިތައް ބަހައްޓައި ޒީނަތްތެރިކުރާނެ ގޮތް ވަގުތުން އަހަރެންގެ ސިކުނޑީގައި ރާވާލީމެވެ.

"ކިތައް މީހުން އުޅޭނެ ތަނެއް ތިޔަ ހޯދަނީ." އެމީހާ ފުރަތަމަވެސް ބޭނުންވީ ތަނުގައި އުޅޭނެ މީހުންގެ އަދަދު ބަލާށެވެ. ކީއްވެ ކަމެއް ނޭނގެއެވެ.

"މާގިނަ މީހުންނެއް ނޫޅޭނެ. ތިން މީހުން. އަހަރެންނާއި ދެން މުސްކުޅި ބަލި އަންހެނަކާއި، މެއިޑެއް." އަހަރެން ޓެރަހުން ސިޓިންރޫމަށް ވަންނަހުރި ދޮރު ކަހާލަމުން ފަހަތުގައި ހުރި ފިރިހެން މީހާއަށް އަހަރެން ބުނީމެވެ.

"މަންމަތަ އެއީ." ފިރިހެން މީހާގެ ސުވާލުން އަހަރެންގެ ހިތްތެޅިގަތީ ކީއްވެ ކަމެއް އަހަރެންނަކަށް ނޭނގުނެވެ.

"ތަން ބޭނުމިއްޔާ، މިރޭ އެގްރިމެންޓްގައި ސޮއިކޮށްލާފައި ފައިސާ ދެއްކީމާ ވަގުތުން ތަޅުދަނޑި ލިބޭނެ." އެފިރިހެން މީހާ ބުންޏެވެ.

"އަސްލު މިގޭގެ ވެރިމީހާއަކީ ބޭބެތަ؟" އަހަރެން އެހީމެވެ. ޖަވާބުގައި އޭނާ ބޯހޫރާލިއެވެ.

"އަހަރެންނަށްކީ މިގެ ހެދި ކުންފުނީގެ ވެރިމީހާ! ދިގު މުއްދަތަށް ނަގައިގެން މިގެ މިހެދީ." އޭނާ ޖަވާބު ދިނެވެ.

މިރޭވެސް މާލަސްކަމަށާއި، ހަވީރަށް އެގްރިމެންޓްގެ ކަންތައް ނިންމައިދިނުމަށް އަހަރެން އެދުނީމެވެ. މަންމަ ފެނުމަށް ފަހުގައި އަހަރެންގެ ކެތްތެރިކަމެއް ނެތެވެ. އެދަތިހާލުގައި އޮތް މައިމީހާއަށްޓަކައި އަހަރެންގެ ހިތްވަނީ ރަޙުމުން ފުރިފައެވެ. އަހަރެންގެ އަތުގައި ފައިސާ އެބަހުއްޓެވެ. އެހުރިހާ ފައިސާތަކަކަށް އަހަރެން ކުރާނީ ކީއްހެއްޔެވެ؟ އަހަރެންގެ އެއްވެސް މީހަކު ނެތެވެ. އަހަރެން ބޭނުން ވަނީ އެކަނިވެރިކަން ފިލާށެވެ. ލޯބި ލިބޭށެވެ.

ކުއްޔަށް ހިފަން ބެލި އެގެން ނުކުމެގެން އަހަރެން އަވަސް އަވަހަށް ދިޔައީ، އަހަރެން ދިރިއުޅޭ އެޕާޓްމަންޓަށެވެ. އަމިއްލައަށް ކައްކާހިތްވެސް މިއަދު ނެތުމުން ކައިރީގައި ހުރި ބޭކަރީއަކުން މެންދުރު ކެއުމަށް އަހަރެން ގަތީ ސޭންޑްވިޗެކެވެ.

އެޕާޓްމެންޓަށް ވަދެ ފެންވަރާލައިގެން އަހަރެން ކާން މޭޒު ދޮށުގައި އިށީނީމެވެ. އެކަމަކު އެކަތިކޮޅުވެސް އަރުން އެތެރެއަކަށް ނުދިޔައެވެ. އަހަރެން ލޮލާއި ހިތާއި ސިކުނޑިއަށް އުނދަގޫ ކުރަނީ އަހަރެންގެ މަންމަ އޮތް ހާލެއެވެ. އެމަންމައަށް އަހަރެންނަކީ ދަރިފުޅުކަން ނޭނގުނަސް އަހަރެންނަށް އެއީ މަންމަކަން އެނގިއްޖެއެވެ.

މަންމައަށް ރަނގަޅަކަށް ވާހަކައެއް ނުދެއްކެއެވެ. އެހެން ނަމަވެސް މީހުނާއި ތަކެއްޗާއި ކަންކަން ހަނދާން ހުރިކަން އެނގެއެވެ. އެހެންވެ މަންމަ ގާތުގައި އަހަރެން ހާދަ ވާހަކައެއް ދައްކަން ބޭނުމެވެ. ހާދަ ސުވާލެއް ކުރަން ބޭނުންމެވެ. އެންމެ ފުރަތަމަވެސް އަހަން ބޭނުންވީ އަހަރެން މަންމަޔާ ވަކިކޮށްލި ސަބަބެކެވެ.

ކެވޭ ގޮތް ވުމުން، އަހަރެން ތަށިތަކުގެ މަތިޖަހާފައި އައިސް އެރީ ދުވާ މެޝިނަށެވެ. އަހަރެން ބޭނުންވީ ދުވެލާށެވެ. ހާސްކަމާއި ފިކުރުތަކާއި ދުރަށްދާށެވެ. ބައިގަޑިއެއްހާއިރު ދުވެލިއިރު އަހަރެން ވަރުބަލި ވެއްޖެއެވެ. ގުނބުހިލިއްޖެއެވެ. ސޯފާއަށް އައިސް ވެއްޓިގަތީ ލިބުނު ވަރުބަލިކަން މަތީގައެވެ. ލޯމެރެމުން ގޮސް ނިދުނީ ކިހާއިރަކު ކަމެއް އަހަރެންނަކަށް ނޭނގުނެވެ.

ހޭލެވުނީ ބޭރުން އެމްބިއުލާންސްގެ ސައިރެންގެ އަޑު އިވެން ފެށީމައެވެ. ލޯހުޅުވާލައި ގަޑި ބަލާލިއިރު ހަވީރު ފަހެއް ޖަހަނީއެވެ. ސޯފާގައި އޮތްގޮތަށް އޮވެފައި ފުރަތަމަވެސް ގުޅީ އެޕާޓްމަންޓް ކުއްޔަށްދޭން ބުނި މީހާއަށެވެ. އޭނާ ފޯނެއް ނުނަގައެވެ.

ފާޚާނާއަށް ވަދެ އަނެއްކާވެސް ފެންވަރާ ރީތިވެލައިގެން އަހަރެން ނުކުތީ އަހަރެންގެ މަންމަ އޮތް ގެއަށް ދިޔުމަށެވެ. މިރެއަށް މަންމަ އެ އެޕާޓްމަންޓަށް ގެންދަން އަހަރެން ބޭނުންވާތީއެވެ. ހަލުވި ފިޔަވަޅުގައި އަހަރެން ގޮސް އެގޭގެ ދޮރުގައި ހިފާލީމެވެ.

ދޮރުހުޅުވާލި އިރު، ކުރިން އަހަރެން ވާހަކަ ދެއްކި އަންހެން މީހާ ކޮނޑުގައި ދަބަހެއް އަޅުވައިގެން ވަރަށް އަވަސް އަރުވާލާފައި ގެއިން ނުކުންނަށް އަންނަނީއެވެ. އަހަރެން ފެނުމުން އޭނާ ހުއްޓިއްޖެއެވެ.

"މަންޖެއާ ބައްދަލުވާން ވެގެން ކަންނޭނގެ މިހާދުވަހު ޒަރީނާ އެއޮތީ. މަންޖެ ނުކުމެގެން ދިޔަތަނުން ޒަރީނާ ނިޔާވެއްޖެ." އެއަންހެން މީހާގެ ޖުމުލަތައް އަހަރެންނަށް އަޑު އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. ހީވީ ދުނިޔެވެސް އެނބުރިގަތް ހެނެވެ. ފަރުވާލެއް ނުބަހައްޓައި އޭނާ ނުކުމެގެން ގޮސް ކާރަށް އެރިތަން ބަލަން އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

އަހަރެންވެސް ސައިކަލަށް އަރައި ދުއްވާލީ އާސަހަރާއަށް ދާށެވެ. އޭރު އަހަރެންގެ ލޮލުން ކަރުނަ އޮހެއެވެ.

ސަހަރާގެ ތެރޭގައި މާގިނަ މީހުންނެއް ނެތެވެ. ހިނަވާ އަށިމަތީގައި އެއަންހެންމީހާ ބާއްވާފައި އޮތެވެ. އޭނާގެ ބޯލާކޮޅުގައި ދެތިން މީހަކު ތިއްބެވެ. އަހަރެން ގޮސް މަޑުމަޑުން ވަނީމެވެ. މައްޔިތާގެ ބޯލާކޮޅުގައި ހުއްޓުނީމެވެ. ލޮލުން ފޭބި ކަރުނަތައް އެހެން މީހަކަށް ނުފެންނަނީސް ފޮހެލީމެވެ.

ކަށުކަމާއި ކެމީގެ ކަންތައް ނިމި މޫނު އެޅިއިރުވެސް އަހަރެން ހުރީ ކައިރީގައެވެ. މާދުރު މީހެއް ކަމުގައި އެހެން މީހުންނަށް ހީވިޔަސް މޫނު ކަފަގަނޑު އެޅިވަގުތު އަހަރެންވެސް އެކަފަގަނޑު ބޭއްވުމުގައި ބައިވެރިވީ، އެ މަންމަގެ ހަމައެކަނި ދަރިއަކީ އަހަރެންކަމުގައި ވާތީއެވެ. އެހެން މީހުންނަށް އެކަން ނޭނގުނަސް އަހަރެންނަށް އެކަން އެނގޭތީއެވެ.

ކަށުނަމާދަށް ސަންދޯއް މިސްކިތަށް ވައްދަން ގެންދިޔައިރު އެއްފަރާތުގައި ހިފައިގެން ހުރީވެސް އަހަރެންނެވެ. ވަޅުލާން ގެންދިޔައިރުވެސް އަހަރެން ހުރީ އެސަންދޯކުގެ އެއް ފަރާތުގައި ހިފައިގެންނެވެ. އެހަށިގަނޑު ކަށްވަޅަށް ތިރިކޮށް ތިންމުއްވެލީގެ ހަދިޔާ ކުރި އިރު އެހެން މީހަކު އަހަރެންގެ ހަރަކާތްތަކާއި އިޙްސާސްތައް އެބަ ބަލާކަމެއް އަހަރެންނަކަށް ނޭނގެއެވެ.

ވަޅުލައި ނިމުނީމާ، މަހާނައިގެ ކައިރީގައި އިށީނދެ އަހަރެން ގެ ފޯނުން އެމަހާނައިގެ ފޮޓޯއެއް ނެގީމެވެ. އެވަގުތު ލޮލުގައި ހިފަހައްޓައި ފޮރުވި ކަރުނަތައް ކޯތާފަތްމަތިން އޮހިގެންފިއެވެ. މީހަކު އައިސް އަހަރެންގެ ކޮނޑުގައި އަތްބާއްވާލީމާ ކަރުނަތައް ފޮހެލާފައި ބަލާލި އިރު ކައިރީގައި ހުރީ އެޕާޓްމަންޓް ކުއްޔަށްދޭން އެއްބަސްވި މީހާއެވެ.

އެއްޗެކޭ ނުބުނެ އަހަރެން ތެދުވީމާ އޭނާވެސް ފަހަތުން ހިނގައި ގަންނަމުން އެގްރިމެންޓްގައި ސޮއިކުރަން އަންނާށޭ ބުނެފިއެވެ. އަހަރެން ބޯހޫރުވާލާފައި ނޫނެކޭ ބުނުމުން އޭނާ ހައިރާންވެއްޖެއެވެ. އަހަރެން މިހާރު އެޕާޓްމަންޓް ކުއްޔަށް ހިފުމުގެ ބޭނުމެއް ނެތޭ ބުނީމާ އޭނާ އިތުރަށް ހައިރާންވެއްޖެއެވެ. އަދި ތިޔައީ ކޮންކުއްޖެއްހޭ ސުވާލުކޮށްފިއެވެ.

އަހަރެންނަކީ ކާކުކަން އަހަރެންނަކަށްވެސް ނޭނގެއޭ އަހަރެން ބުނީމާ އެ ފިރިހެން މީހާ އަހަރެންގެ އަތުގައި ހިފައިފިއެވެ.

"ބުނެބަލަ! ތިޔައީ ކޮންކުއްޖެއް! ޒަރީނާ އާއި އޮތީ ކޮންގުޅުމެއް!" އެ ފިރިހެން މީހާގެ ސުވާލުން އޭނާއަށް ކޮންމެވެސް އެއްޗެއް އެނގޭކަން އަހަރެންނަށް އެނގިއްޖެއެވެ. ވީމާ، އެވާހަކަ ދެއްކުމުގެ ޝައުޤުވެރިކަން އަހަރެންގެ ހިތުގައި ބޮޑުވުމުން އޭނާއާއެކު އެރީ ސަހަރާކައިރީގައި ހުރި ސައިހޮޓަލަކަށެވެ.

އަހަރެންނަކީ ހިޔާގައި ބޮޑުވި ކުއްޖެއްކަމާއި އާއިލީ އެއްވެސް މީހަކު ނެތް އެކަނިވެރިއެއްކަމާއި އަދި ޒަރީނާއަކީ އަހަރެންގެ މަންމަކަން އެނގުނުގޮތް ކިޔައިދީ ނިމުނުއިރު އޭނާ އިނީ ކުއްވެރިއެއް ފަދައިން އިސްޖަހައިގެންނެވެ. އެ ހުރިހާ ވާހަކައެއް އަޑުއަހާފައި ދަރިފުޅާއޭ އެފިރިހެންމީހާ ބުނުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.

އޭނާ ކިޔައިދިނީ އެހިތި މާޒީއެވެ. ޒަރީނާއަކީ ޅަދުވަހުގެ ލޯބިވެރިން ކަމުގައެވެ. އެލޯބީގެ ދީވާނާކަމުގައި އެމީހުންނަށް ގޯހެން ހެދުނީއެވެ. އޭނާ ކޯހެއްގައި ފުރައިގެން ދާންޖެހުނު އިރު ޒަރީނާ ބަލިވެ އިންކަމެއް ނޭނގެއެވެ. އަހަރު ދުވަސްފަހުން އޭނާ އެނބުރި އައިރު، ހޮސްޕިޓަލަށް ނުގެންގޮސް ގޭގައި ވިއްސުމުން ލިބުނު އަނިޔާގައި ޒަރީނާ އޮތީ ޕެރަލައިޒްވެފައެވެ. ވިހޭކުއްޖާ ޒަރީނާއަށްވެސް ނުދައްކައި ގޮނޑަށް އެއްލާލީ ކުއްޖާގެ މާމައެވެ. ދުނިޔޭގެ ލަދުން ސަލާމަތްވާށެވެ.

އޭނާގެ ވާހަކަ ނިމުމުން އަހަރެން ތެދުވީމެވެ. ބިލް ދައްކާފައި ނުކުތީ އޭނާއާ ދެން ބައްދަލުވާން ނޭދޭ ކަމުގައި ބުނަމުންނެވެ. އެއީ ބައްޕަ ކަމުގައި ވިޔަސް ބައްޕަ ކަމުގައި ބަލައިގަނެވެން ނެތުމުންނެވެ. އޭނާ ހުރިހާކަމެއް ދެނެ ހުރެ މިއަދާހަމައަށް ސިއްރުކޮށްގެން ހުރި ހުރުން ބަލައެއް ނުގަނެވުނެވެ. މަންމަ ހޯދަން އަހަރެން ހާދަ މަސައްކަތެއް ކޮށްފީމެވެ. އެކަން ކާމިޔާބު ވުމަށްފަހުގައި މިކުރިމަތިވީވެސް ނާކާމިޔާބެވެ. ދުޢާއަކީ، މަޙްޝަރުގެ ބިމުން އަލުން ބައްދަލުވުމެވެ. އަހަރެންގެ ހިތުގައި މަންމަޔަށް ޝަކުވާއެއް ނެތެވެ. އޮތީ ލޯތްބެވެ. އެދެވޭ އެދުމެވެ.

(ނިމުނީ)

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް