ރަސްމާލެ މަޝްރޫޢު ކުރިއަށް ނުގެންދިޔުމަށް އަދާލަތު ޕާޓީން ގޮވާލައިފި
ލިޔުންތެރިޔާ
އަދާލަތު ޕާޓީން ބަންޑާރަ ނައިބާއި އެކު ބޭއްވި ބައްދަލު ކުރުމުގެ ތެރެއިން -- ފޮޓޯ އަދާލަތު
މިސަރުކާރުން މިހާރު ރާވާފައިވާ ގޮތަށް، ރަސްމާލެ މަޝްރޫޢު ކުރިޔަށް ނުގެންދަން އަދާލަތުޕާޓީން ސަރުކާރަށް އިލްތިމާސްކޮށްފިއެވެ.
އެޕާޓީން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތައް ދިގުމުއްދަތަކަށް ދިރިއުޅޭ ވަކި ސަރަހައްދުތަކެއް އުފެދޭ ގޮތަށް މަޝްރޫޢުތައް ކުރިޔަށް ގެންދާނަމަ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި، އާއްމު މަސްލަހަތާއި، ދިވެހި ސަޤާފަތާއި، ރާއްޖޭގެ ސަލާމަތާއި، ރައްކާތެރިކަމަށް ގޮންޖެހުންތައް ކުރިމަތިވެގެންދާނެ ކަމެއް ކަމަށް އަދާލަތު ޕާޓީން ދެކޭ ކަމަށެވެ.
އަދި އިންޓަރނޭޝަނަލް ރިއަލްއެސްޓޭޓް މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމުގައި، އެމަޝްރޫޢުތައް އަމާޒު ކުރަންވާނީ، ބޭރުގެ ފަރާތްތަކަށް ދިގުމުއްދަތަކަށް ދިރިއުޅެވޭ ސަރަހައްދުތައް އުފެއްދުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކަށް ޗުއްޓީ ހޭދަކުރުމަށް ހޮލިޑޭ ހޯމްސް ފަދަ ވަޞީލަތްތައް ތަރައްޤީކުރުމަށް ކަމުގައި އެޕާޓީން ދެކޭ ކަމުގައިވެސް އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ރަސްމާލެ މަޝްރޫއާއި ދެކޮޅަށް އަދާލަތު ޕާޓީން ބަޔާނެއް ނެރުނުއިރު، އެމަޝްރޫޢުގައި ސޮއިކުރުމަށް، ޤާނޫނުތަކަށް ބަދަލު ގެނައުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. އަދި އެމަޝްރޫޢު ކުރިޔަށް ގެންދިޔުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިނަމަވެސް އާއްމު ޚިޔާލު ހޯދުމުގެ ވޯޓެއް ނުނަގާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް