ރަޝިޔާ އާއި އެކު ބީއެމްއެލްއިން ފައިސާގެ މުއާމަލާތް ކުރުން ހުއްޓާލިކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
ލިޔުންތެރިޔާ
ބޭންކް އޮފް މޯލްޑިވްސް ---
ރަޝިޔާ އާއި އެކު ބީއެމްއެލްއިން ފައިސާގެ މުއާމަލާތް ކުރުން ހުއްޓާލިކަމަށް ބުނާ ވާހަކަ އެބޭންކުން ދޮގުކޮށްފިއެވެ.
ރަޝިއާއިން ފައިސާ ބަލައިގަތުމާއި ފައިސާ ފޮނުވުން ބީއެމްއެލްއިން ހުއްޓާލާފައިވާ ކަމަށް ބުނެ، ރާއްޖޭގެ ބައެއް މީޑިއާތަކުން އިއްޔެ ޚަބަރުތައް ފެތުރިއެވެ. އެހެން ނަމަވެސް އެކަން ދޮގު ކުރައްވައި، ބީއެމްއެލްގެ ސްޕޯކްސް ޕަރސަން މުޙައްމަދު ސަޢީދު ވިދާޅުވީ، ރަޝިއާއަށް ފައިސާ ފޮނުވުމަށާއި އެ ގައުމުން ފައިސާ ބަލައިގަތުމަށް ބޭންކް އޮފް މޯލްޑިވްސް އިން އެއްވެސް ބަދަލެއް ގެނެސްފައި ނުވާއިރު، އެފަދަ މުއާމަލާތްތައް ހުއްޓާލައިފި ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ބޭންކުގެ ފަރާތުން މީޑިއާއަކަށް އެއްވެސް ބަޔާނެއް ނުވަތަ މައުލޫމާތެއް ވެސް ހިއްސާކޮށްފައެއް ނުވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް އިން ރަޝިޔާއިން ފޮނުވާ ނުވަތަ އެ ގައުމާ ގުޅުންހުރި ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް ވަކި ހާއްސަ ސިޔާސަތެއް ކަނޑައަޅާފައި ނުވާކަމަށެވެ.
"އެހެން ބޭންކުތަކެކޭ އެއްފަދައިން، ބޭރު ފައިސާގެ މުއާމަލާތްތައް، ހާއްސަކޮށް އެމެރިކާ ޑޮލަރުގެ މުއާމަލާތްތައް ނިންމުމުގައި ބީއެމްއެލްއިން ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށެވެ. މި ބޭންކުތަކުން އަމަލުކުރަނީ އެ ފަރާތްތަކުގެ އަމިއްލަ ފިޔަވަޅުތަކާއި ކޮމްޕްލަޔަންސް ސިޔާސަތުތަކަށެވެ. މީގެ ތެރޭގައި މުއާމަލާތްތަކުގައި ބައިވެރިވާ ފަރާތްތަކާއި، އެ މުއާމަލާތްތަކުން ހަގީގީ މަންފާ ލިބޭ ފަރާތްތައް ބަލައި ސްކްރީންކުރުން ހިމެނެއެވެ."
ސަޢީދު އިތުރަށް ވިދާޅުވީ، މިފަދަ ހަގީގަތާ ޚިލާފު ޚަބަރުތަކުން ރާއްޖޭގެ ޓޫރިޒަމަށާއި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރުން އެކަށީގެންވާކަމަށް ބޭންކުން ދެކޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް