ކުރު ވާހަކަ: އިޚްތިޔާރެއް ނެތި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ލޯކަލް ފެރީ ޓާމިނަލް ތެރޭގައި މީހުންތައް ހަލަބޮލިވެގެން އުޅުނު ނަމަވެސް، ފާރިސްއަށް ހީވީ މުޅި ދުނިޔެ ހުއްޓުނު ހެންނެވެ. ފެރީއަށް އަރަން ދިޔަ ދިގު ކިއޫގެ ތެރެއިން އޭނާއަށް ފެނުނު ސޫރައަކުން، ފައިދަށުން ބިންގަނޑު ކަނޑައިގެން ދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ.
އެއީ ރިފާޒާއެވެ. މީގެ އަހަރުތަކެއް ކުރިން އޭނާގެ ހިތް ހަލާކުކޮށްލާފައި ފިލި، އޭނާގެ ފުރަތަމަ ލޯތްބެވެ. މިއަދު ރިފާޒާގެ އަތުގައި ހިފައިގެން ހުރީ އެހެން ފިރިހެނެކެވެ. އެމީހުންގެ ކައިރީގައި ތިބި ތިން ކުދިން ހީ ސަމާސާ ކުރަމުން ދިޔައެވެ. އެ މަންޒަރާއެކު ފާރިސްގެ ސިކުނޑި މާޒީގެ މަންޒަރުތައް ސިފަވާން ފެށިއެވެ.
ސްކޫލް ދައުރުގެ އެ ފޮނި ދުވަސްތަކެވެ. ރިފާޒާއެކު ހޭދަކުރި ކޮންމެ ސިކުންތެކެވެ. ދެމީހުން އެކީގައި އާދެވުނު ހުވަފެންތަކެވެ. ކައިވެނި ކުރުމުގެ އުއްމީދުގައި ފާރިސް އޭނާގެ ބައްޕަ، އިބްރާހިމްއާ ވާހަކަދެއްކި ދުވަސް މިއަދުވެސް ހަނދާން އެބަހުއްޓެވެ. ނަމަވެސް، އޭގެ ފަހުން ކަންތައްވީ އެއްވެސް މީހަކު ހީނުކުރާ ފަދަ ދެރަ ގޮތަކަށެވެ.
ކުއްލިއަކަށް ރިފާޒާ ކައިވެންޏަށް އިންކާރު ކުރީއެވެ. އޭނާ ޑޮކްޓަރަށް ދެއްކުމުން ކެންސަރު ބަލީގެ ފަހު ސްޓޭޖްގައި ހުރިކަން އެނގުނު ކަމަށް ބުނެ، ފާރިސްގެ ދިރިއުޅުމުން ދުރަށް ދިޔައީއެވެ. ލޯބިވާ މީހާ މަރުގެ ތުންފަތްމަތީގައި ވަނިކޮށް ދޫކޮށްލަން ޖެހުމުން ފާރިސްއަށް ލިބުނު ހިތްދަތިކަން ބަޔާން ކުރަންވެސް ދައްޗެވެ.
އެ ހަނދާންތަކާ ދުރަށް ދިއުމަށްޓަކައި، އިބްރާހިމްގެ އެދުމުގެ މަތިން އޭނާގެ ބިޒްނަސް ޕާޓްނަރުގެ ލަންކާ އަންހެން ކުއްޖަކާ ފާރިސް ކައިވެނި ކުރިއެވެ. އަދި މުޅި ދިރިއުޅުން ލަންކާއަށް ބަދަލުކުރިއެވެ.
"ދަރިފުޅާ..." ހިޔާލީ ފުން ކަނޑަކަށް ގެއްލިފައި ހުއްޓާ، ކޮނޑުގައި މީހަކު މަޑުމަޑުން ހިފާލުމުން ފާރިސް ސިހިފައި އެނބުރި ބަލައިލިއެވެ. ކުރިމަތީގައި ހުރީ އިބްރާހިމްއެވެ. އޭނާގެ ލޮލުން ފެންނަމުންދިޔައީ މިއިން ދުވަހަކުވެސް ނުފެންނަ ފަދަ ކުށްވެރިކަމުގެ އަސަރެކެވެ.
އިބްރާހިމްގެ އަޑު ތުރުތުރުލަމުން ދިޔައެވެ. "ދަރިފުޅާ... ބައްޕައަށް މާފުކުރާށެވެ،" އިބްރާހިމްގެ ލޮލުން ކަރުނަ ހިލުނެވެ.
"ރިފާޒާ އެދުވަހަކު ބައްޔެއް ނުވޭ. އޭނާއަކަށް ކެންސަރެއް ނުޖެހޭ." ފާރިސްގެ ނޭވާ ހުއްޓުނުހެން ހީވިއެވެ.
"ކީކޭ ބައްޕާ؟"
"އެއީ ބައްޕަ ރޭވި ރޭވުމެއް،" އިބްރާހިމް އިސްދަށަށް ޖަހާލިއެވެ.
"ރިފާޒާގެ ބައްޕަ ބައްޕަ އަތުން ނަގާފައިވާ ބޮޑު ލޯނު ފައިސާ ނުދައްކައިފިނަމަ، އޭނާ ކޯޓަށް ފޮނުވާލާނެ ކަމުގެ ބިރު ބައްޕަ ދެއްކީ. ރިފާޒާއަށް މަޖުބޫރުކުރީ ދަރިފުޅާ ދުރަށްދާން ބަލި މީހަކަށް ވާން. ބައްޕަގެ ބޭނުމަކީ ލަންކާގެ ބޮޑު ވިޔަފާރިވެރިޔާގެ ދަރިއާ ދަރިފުޅު ކައިވެނިކޮށް، ބައްޕަގެ ވިޔަފާރި ދުނިޔެއަށް ފުޅާކުރުން." އިބްރާހިމްގެ ޒަހަރުގަދަ ބަސްތައް ފާރިސްގެ ކަންފަތް ބައްދާލީއެވެ.
ބައްޕަގެ ދުލުން ބޭރުވި ކޮންމެ ބަހަކީ އޭނާގެ ހިތް ކޮށަމުންދިޔަ ތޫނު ވަޅިއެކެވެ. މީގެ އަހަރުތަކެއް ކުރިން، ކަރުނުން ފުރިގެންވި ލޮލަކާއެކު ރިފާޒާ އޭނާގެ ދިރިއުޅުމުން ވަކިވެގެންދިޔަ މަންޒަރު ސިކުނޑީގައި ސިފަވިއެވެ.
ރިފާޒާ އެދުވަހު ބުނި ޖުމްލަ މިއަދުވެސް އޭނާގެ ހަނދާނުގައި އެބަހުއްޓެވެ: "ފާރިސް، އަހަރެންގެ ފަހު ނޭވާއާ ހަމައަށްވެސް އުފަލުގައި އުޅޭތަން ފެނުމަކީ އަހަރެންގެ އެދުމެވެ." އެއީ ބައްޔެއްގެ ވޭނެއް ނޫނެވެ. އެއީ އޭނާގެ އާއިލާ ސަލާމަތްކުރުމަށްޓަކައި ހިތް ހަލާކުވެފައި ހުރެ، މަޖުބޫރުން ބުނި ބަސްތަކެކެވެ.
"އެކަމަކު ބަލާބަލަ މިއަދު..." އިބްރާހިމް ރޮއެގަތެވެ.
"ބައްޕަގެ ވިޔަފާރި ބަނގުރޫޓުވެއްޖެ. ދަރިފުޅުގެ ކައިވެނި ރޫޅި، ބިކަވެގެން ރާއްޖެ މިއައީ ހުރިހާ އެއްޗެއް ގެއްލިގެން. ބައްޕައަށް މާފުކުރޭ ދަރިފުޅާ. ރިފާޒާއަކީ މިއަދު މީހެއްގެ ހަލާލު އަނތްބެއް. އެއީ 3 ކުދިންގެ މަންމައެއް. ބައްޕަގެ ދަހިވެތިކަމުގެ ސަބަބުން ދަރިފުޅުގެ ހަގީގީ އުފާވެރިކަން ފޭރިގަނެވިއްޖެ." ފާރިސް މަޑުމަޑުން ފަހަތަށް ޖެހިލިއެވެ.
"ބައްޕާ..." ފާރިސްގެ އަޑު ނިކުތީ ކުރެކިފައެވެ.
"ބައްޕަ ތިޔަ ފޭރިގަތީ ހަމައެކަނި އަހަރެންގެ ލޯތްބެއް ނޫން. އަހަރެންގެ މުޅި ޒުވާންކަމާއި ދިރިއުޅުން. މިއަދު މަގުމަތިވީމާ ތިޔަ ހަނދާންވީ ކޮން މާފެއްގެ ވާހަކައެއް؟"
ފާރިސް ޓާމިނަލްގެ ބޭރަށް ނިކުމެ، އަތިރިމަތީ ފާރުބުރިމަތީގައި އިށީނދެލިއެވެ. އޭނާގެ ކުރިމަތިން ފެންނަމުންދިޔަ ފުން ކަނޑުގެ ރާޅުތަކެކޭ އެއްފަދައިން، އޭނާގެ ހަނދާންތައްވެސް ބާރު މިނެއްގައި މާޒީގެ ސަފުހާތަކަށް ދަތުރުކުރިއެވެ.
އިބްރާހިމް އެދެމީހުން ދުރުކުރުމަށްޓަކައި ހިންގި ޖަރީމާގެ ނުރައްކާތެރިކަން މިއަދު އޭނާއަށް އިހުސާސުކުރެވެން ފެށިއެވެ. އެއީ މީގެ ހަތް އަހަރު ކުރިއެވެ. ފާރިސް ރިފާޒާއާ ކައިވެނިކުރަން އުޅޭ ޚަބަރު ލިބުމާއެކު، އިބްރާހިމް ވަގުތުން ރޭވުމެއް ރޭވިއެވެ.
އޭނާގެ ކުންފުނީގެ ބޮޑެތި ޚިޔާނާތްތަކެއްގެ ހުރިހާ ލިޔެކިޔުންތަކެއް ބަދަލުކޮށް، އެ ހުރިހާ ކަމެއް ރިފާޒާގެ ބައްޕަގެ ބޮލުގައި އެޅުވިއެވެ. ރިފާޒާ އޮފީހަށް ހާޒިރުކުރި ރޭ، އިބްރާހިމް އޭނާއަށް ދެއްކީ ހަމައެކަނި ލޯނުގެ ލިޔުމެއް ނޫނެވެ. އެއީ ރިފާޒާގެ ބައްޕަ އުމުރަށް ޖަލަށްލެވޭނެ ފަދަ ސައްހަ ނޫން ހެކިތަކެކެވެ.
ރިފާޒާ އެކަމަށް އިންކާރުކޮށް، ފާރިސްގެ ގާތުގައި ހުރިހާ ވާހަކައެއް ބުނަން އުޅުނު ވަގުތު، އިބްރާހިމް އޭނާއަށް ދެއްކީ ބިރުވެރި ވީޑިއޯއެކެވެ. އެއީ އެވަގުތު މަގުމަތިން ހިނގާފައި ދިޔަ ފާރިސްގެ ފަހަތުން ބާރު މިނުގައި ދިޔަ ކާރެކެވެ.
"ކަލޭ އެންމެ ފިޔަވަޅެއް ކުރިއަށް އެޅިޔަސް، ނުވަތަ ފާރިސްއަށް ސިއްރެއް އެންގިޔަސް... މާދަމާގެ އިރު އަރާއިރު ފާރިސް ދިރިއެއް ނުހުންނާނެ،" އިބްރާހިމްގެ އަޑުގައި ހުރީ ރަހުމެއް ނެތް ގޮތެކެވެ.
"އަމިއްލަ ދަރިފުޅު ނަމަވެސް، އަހަރެންގެ ވިޔަފާރީގެ ކުރިމަތީގައި ހުރަހަކަށްވާނަމަ، އަހަރެން އޭނާ ނައްތާލަންވެސް ފަހެއް ނުޖެހޭނަން." އަމިއްލަ ބައްޕަ އަމިއްލަ ދަރިފުޅުގެ ފުރާނައަށް ނުރައްކާ ކުރަން ތައްޔާރަށް ހުރިކަން އެނގުމުން ރިފާޒާ ބިރުން ސިހުނެވެ. އޭނާ ފާރިސް ސަލާމަތްކުރުމަށްޓަކައި، ހިތް ކޮށައި ކުދިކުދި ކުރަމުންވެސް އެ ނުބައި ދޮގު ހަދަން އެއްބަސްވީއެވެ.
އެ ހުރިހާ ކަމެއް ނިމުމުން، އިބްރާހިމް ފާރިސް ގޮވައިގެން ލަންކާއަށް ގޮސް، ބިޒްނަސް ޕާޓްނަރުގެ ދަރިފުޅާ ކައިވެނިކުރުވީ މަޖުބޫރުންނެވެ. ނަމަވެސް ފާރިސްއަށް ދުވަހަކުވެސް ނޭނގޭ ބޮޑު ސިއްރަކީ، އެ ކައިވެނީގެ ރޭ، އިބްރާހިމް ފާރިސްގެ ކޮޓަރީގައި "ވޮއިސް ރެކޯޑަރެއް" ހަރުކޮށް، ފާރިސް ދައްކާ ހުރިހާ ވާހަކައެއް ބަލަމުން ދިޔަކަމެވެ. އޭނާ ހުރީ ފާރިސްގެ ކޮންމެ ފިޔަވަޅެއް ކޮންޓްރޯލްކޮށްގެންނެވެ. ފާރިސް ފުން ނޭވާއެއްލާފައި ފަސްއެނބުރި ބަލައިލިއިރު، އޭނާގެ ފަހަތުން ކަރުނުން ފުރިގެންވީ ލޮލަކާއެކު އާދޭސްކުރަން ހުރި އިބްރާހިމް ފެންނާކަށް ނެތެވެ. ޓާމިނަލް ތެރޭގައި މީހުންތައް ހަލަބޮލިވެގެން ދުވަނީއެވެ.
"ފާރިސް! އަވަހަށް އާދޭ!" ކުއްލިއަކަށް އޭނާގެ ކައިރިއަށް ދުވެފައި އައިސް ހުއްޓުނީ ލަންކާގައި އޭނާގެ ބިޒްނަސް މެނޭޖަރަކަށް އުޅުނު ސަމީރެވެ. ސަމީރުގެ މޫނުމަތިން ފެންނަމުންދިޔައީ ބިރުވެރިކަމެވެ.
"ކިހިނެއްވީ ސަމީރު؟ ބައްޕަ ކޮބާ؟" ފާރިސް ހައިރާންވެފައި އެހިއެވެ.
"އިބްރާހިމް... އޭނާ ދެންމެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި!" ސަމީރުގެ އަޑު ތުރުތުރުއެޅިއެވެ.
"ފާރިސްއަށް ހީވަނީ އިބްރާހިމްގެ ވިޔަފާރި ބަނގުރޫޓުވީ ހަމައެކަނި ނަސީބު ދެރަކަމުން ކަމަށްތޯ؟ ނޫން! ލަންކާގެ މަހުޖަނު އޭނާއަށް އޮޅުވާލީ. އިބްރާހިމް ރާއްޖެ މިއައީ ހުރިހާ ފައިސާއެއް ހިފައިގެން ފިލައިގެން. ލަންކާގެ ފުލުހުން ތިބީ ރާއްޖޭގެ ފުލުހުންނާ ގުޅިގެން އޭނާގެ އިންތިޒާރުގައި." ފާރިސްގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ފަދަ އިހުސާސެއް ދެވަނަ ފަހަރަށް ކުރެވުނެވެ.
އިބްރާހިމް އޭނާ ގާތުގައި މާފަށް އެދެމުން އެ ދެއްކީ ހަމައެކަނި ދެރަވެގެން ދެއްކި ވާހަކަތަކެއް ނޫނެވެ. އެއީ އޭނާ ހައްޔަރުކުރަން އުޅޭކަން އެނގުމުން، ފާރިސްގެ އެހީތެރިކަން ހޯދަންވެގެން ދެއްކި ވާހަކަތަކެކެވެ. އޭނާގެ މަކަރުވެރިކަން އަދިވެސް ނިމުމަކަށް ނާދެއެވެ!
"އަދި އެންމެ ބޮޑު ހަގީގަތް އެނގޭތޯ ފާރިސް؟" ސަމީރުގެ ދެލޯ ބޮޑުވިއެވެ. "އިބްރާހިމް އެއީ ކަލޭގެ ހަގީގީ ބައްޕައެއް ނޫން! އެއީ ކަލޭގެ ދޮންބައްޕަ! ކަލޭގެ މަންމަގެ ކައިރީގައި ހުރި ބޮޑު މުއްސަނދިކަމާއި ފައިސާގެ ދަހިވެތިކަމުގައި އޭނާ ކަލޭގެ މަންމައާ އިނީ. ކަލޭގެ މަންމަ ކުއްލިއަކަށް މަރުވީކީނޫން މަރާލީ ޒަހަރެއް ދީފަ، އެއީ އެ ހުރިހާ މުދަލެއްގެ ބާރު އޭނާގެ އަތަށް ނަގަން ކަލޭ ކުޑަކުއްޖެއްގެ ގޮތުގަ ހުއްޓާ. އޭނާ ރިފާޒާ އާއި ކަލޭ ދުރުކުރީވެސް ކަލޭގެ މަންމަގެ ފަރާތުން ކަލެއަށް ލިބެން އޮތް މުދާ އެއްކޮށް އޭނާގެ މިލްކަކަށް ހަދައި، ލަންކާގެ ވިޔަފާރިވެރިޔާއާ ގުޅިގެން އިތުރަށް މުއްސަނދިވާން!" އެއަޑުތައް އަހާފައި ފާރިސްގެ ބޮލަށް އެނބުރުން އެރިއެވެ.
އޭނާ މިއަދާ ހަމައަށް ބައްޕަގެ މަގާމުގައި ބަހައްޓައިގެން، އޭނާގެ ބަހަށް ކިޔަމަންވެގެން އުޅުނު މީހަކީ އޭނާގެ ލޭގެ އެއްވެސް ގުޅުމެއް ނެތް، ހަމައެކަނި ފައިސާގެ ދަހިވެތިކަމުގައި އޭނާގެ މަންމަގެ ދިރިއުޅުމަށް ވަތް މަކަރުވެރި ހަރުފައެކެވެ! "އަދި އެއްވާހަކަ..." ސަމީރު ވަށައިގެން ބަލައިލަމުން ސިއްރުން ބުންޏެވެ.
"ރިފާޒާ... އޭނާ މިއަދު އެހެން މީހެއްގެ އަންބަކަށް ވެގެން، 3 ކުދިން ގޮވައިގެން އެދިޔައީ ކީއްވެގެންކަން އެނގޭތޯ؟"
"ރިފާޒާގެ ފިރިމީހާއަކީ... އިބްރާހިމް ލަންކާގައި ކުރި ހުރިހާ މަނީ ލޯންޑްރިންގް މުއާމަލާތްތަކެއް ބަލަހައްޓަން ހުރި މީހާ. އިބްރާހިމްގެ ހުރިހާ ސިއްރެއް އެނގެނީ އޭނާއަށް. ރިފާޒާ އޭނާއާ ކައިވެނިކުރީ އަމިއްލަ އެދުމަކަށް ނޫން. އޭނާ އެއުޅެނީ އިބްރާހިމްގެ ކިބައިން ބަދަލުހިފަން! އިބްރާހިމް ބަނގުރޫޓުކޮށްލި ރޭވުމުގެ އަޑީގައި ހުރީ ރިފާޒާ އާއި އޭނާގެ ފިރިމީހާ!"
ފާރިސްގެ ސިކުނޑި ސުމަކަށް ދިޔައެވެ. ދެންމެ ޓާމިނަލް ތެރޭގައި ރިފާޒާ އޭނާއަށް ބަލައިލި ބަލައިލުމުގެ މާނަ މުޅިން ބަދަލުވެގެން ދިޔައެވެ.
އެއީ "ކަލޭގެ ދޮންބައްޕަ އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލި ގޮތަށް، އަހަރެން ކަލޭމެންގެ ދިރިއުޅުން ސުންނާފަތިކޮށްލައިފީމޭ" ބުނާ ފަދަ ނުރައްކާތެރި ހިނިތުންވުމެކެވެ.
އެވަގުތު، ފާރިސްގެ ފޯނަށް މެސެޖެއް އައެވެ. ނޭނގޭ ނަންބަރަކުން އައި އެ މެސެޖު ހުޅުވައިލިއިރު ލިޔެފައި އޮތެވެ:
"ފާރިސް، މާޒީގެ ބަދަލު ހިފާ ނިމިއްޖެ. ކަލޭގެ ދޮންބައްޕަ އޮތީ ހަލާކުގެ ތެރޭގައި. އޭނާ ކަލޭގެ މަންމަގެ ފައިސާއަށް ކުރި ދަހިވެތިކަމުގެ އަގު މިއަދު އެދައްކަނީ. އެކަމަކު ސުވާލަކީ... ކަލޭ ހުންނާނީ އެ މަކަރުވެރިޔާގެ ފަރާތުގައިތޯ؟ ނުވަތަ އަހަރެންގެ ފަރާތުގައިތޯ؟" ފާރިސް ފުން ނޭވާއެއްލަމުން ފޯނު ޖީބަށްލިއެވެ.
އޭނާގެ މުޅި ދިރިއުޅުން ދޮގާއި އޮޅުވާލުމުގެ މަތީގައި ބިނާކުރި ދޮންބައްޕައަށް އޮތް ކިޔަމަންތެރިކަން މުޅިން ފޮހެވިއްޖެއެވެ. ނަމަވެސް، ރިފާޒާ މިހާރު އެވަނީ ބަދަލު ހިފުމުގެ ކަނޑެއްގެ ތެރެއަށް ގެނބިގެން ގޮސްފައެވެ. ފާރިސް ފުން ނޭވާއެއްލަމުން، ފެރީ ޓާމިނަލާ ދިމާލަށް ހިނގައިގަތެވެ.
އޭނާ ދަނީ ދޮންބައްޕަ ސަލާމަތްކުރާކަށް ނޫނެވެ؛ ރިފާޒާގެ ފަހަތުން ގޮސް، އޭނާގެ މަންމަގެ ހަގީގީ މުދާތައް ހޯދައި، މި ބިރުވެރި ކުޅިގަނޑު ނިންމާލުމަށެވެ.
ލިޔުނީ: ޢަލީ ރިޔާޟު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް