ކަންކަންމަތީގައި ޕާކުކުރުން ހުއްޓުވުމަށް ރޮނގުދަމަން ފަށައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލޫނިޔާމަގުގައި ރޮނގު ކުރަހާފައި --- ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލޭގެ މަގުތަކާއި ގޯޅިތަކުގެ ކަންކަން މަތީގައި ޕާކުކުރުން ހުއްޓުވުމަށް، ޕާކުކުރުން މަނާތަނެއްކަން އަންގައިދޭ ރީނދޫ ކުލައިގެ ދެ ރޮނގުދަމަން ފަށައިފިއެވެ.
މިފިޔަވަޅު އަޅާފައި ވަނީ މާލޭ ސިޓީ ކައުންސިލުންނެވެ.
މާލޭ ސިޓީ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި އެމަސައްކަތުގެ ދަށުން، އިއްޔެ ސިޓީ ކައުންސިލުން ވަނީ މ. ފުލޫނިޔާ މަގާއި ގުޅިފައިވާ ގޯޅިތަކުގެ ކަންމަތިތަކުގައި ރޮނގުތައް ކުރަހާފައެވެ. މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލޭގެ މަގުތަކުގެ ކަންކަންމަތީގައި ޕާކުކުރުމުގެ ސަބަބުން މަގުތައް ވަރަށް ބޮޑަށް ތޮއްޖެހެމުންދާ ކަމަށެވެ. އަދި މިގޮތަށް ރީނދޫ ރޮނގު ދަމައި ފާހަގަކުރުމުން އެ ތަންތަނުގައި ޕާކު ނުކުރެވޭނެ ކަމަށާއި، އެއީ މަނާކަމެއް ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން މި ފެށި މަސައްކަތަކީ މާލޭގެ މަގުތަކަކީ، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗިއްސަށް ފަސޭހަ، އަމާން ތަނަކަށް ހެދުމަށްޓަކައި ކުރެވެމުންދާ މުހިންމު މަސައްކަތެކެވެ. ކުރިއަށް އޮތް ތަނުގައިވެސް މާލޭގެ އެކި ސަރަޙައްދުތަކުގައި މިގޮތަށް ރޮނގުދެމުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންދާނެ ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް