Post banner
ރިޕޯޓް

ސުކޫލް ޗުއްޓީގައި ދަރިވަރުންނަށް ކޮށްލެވިދާނެ 7 ކަމެއް!

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސުކޫލް ޗުއްޓީގައި ދަރިވަރުންނަށް ކޮށްލެވިދާނެ 7 ކަމެއް!

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި ޝަހީދު އަލީ ސްކޫލް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ހާއްސަ އެސެމްބްލީ --- ފޮޓޯ: މިހާރު

މިފެށުނީ ދަރިވަރުންނަށް ފުރަތަމަ ޓާރމުގެ ޗުއްޓީ ދުވަސްވަރެވެ. ޗުއްޓީގެ ދުވަސްތައް ބޭކާރު ވިޔަ ނުދީ، އެންމެ ހެޔޮ ގޮތުގައި ހޭދަކުރުމަކީ ކޮންމެ ދަރިވަރަކު ވެސް ކުރަންވާނެ ކެމެކެވެ. ޗުއްޓީގެ ޕްލޭނެއް ހަދައިލުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. އެހެން ނޫންނަމަ، ޗުއްޓީގައި ފޫހިކަން އިޙްސާކުރެވި ބޭކާރު ޗުއްޓީއަކަށް ވެދާނެއެވެ. އެހެންކަމުން، ހެޔޮގޮތުގައި ޗުއްޓީ ހޭދަކޮށްލުމަށް ކުރެވިދާނެ ބައެއް ކަންކަން ހިއްސާކޮށްލާނަމަވެ.

1. ފާއިތުވި ޓާރމުގައި ނަގައިދީފައިވާ ފިލާވަޅުތަކަށް ނަޒަރު ހިންގައިލުމާއި މުޠާލިޢާކުރުން

ޗުއްޓީގެ ދުވަސްތައް ކުޅުމާއި މަޖަލުގައި ދުއްވަލިލުމަކީ ކިޔަވާކުއްޖަކު ޢަމަލުކޮށްގެންވާނެ ގޮތެއް ނޫނެވެ. ކިޔެވުމާ ގުޅުން ހުރި ކަންކަމަށް ވެސް ޗުއްޓީގެ ކޮންމެ ދުވަހެއްގައި ވެސް ވަގުތުކޮޅެއް ހޭދަކުރުމަކީ ބުއްދިވެރި ކުއްޖަކު ޢަމަލުކުރާނެ ގޮތެކެވެ. މާ ގިނަ ވަގުތު ނޫނަސް ދުވާލަކު ގަޑިއެއްހާ އިރު، ކުރީގެ ފިލާވަޅުތައް މުޠާލިއާކުރުމާއި ފިލާވަޅުތައް ދަސްކުރުމަށް ހުސްކުރަން ވާނެއެވެ. އެހެން ނޫންނަމަ، ދެވަނަ ޓާރމުގެ ކިޔެވުން ފެށޭއިރު ކިޔެވުމުގެ ޝައުޤުވެރިކަން ނެތް، ކިޔަވާ ހިތްނުވާ ކުއްޖަކަށް ވެދާނެއެވެ. އެހެންވިޔަ ނުދާށެވެ! 

2. އާ ހޮބީއެއް ދަސްކުރުން

އެކި ކުދިން ޝައުޤުވެރިވާނީ އެކި ކަންކަން ކުރުމަށެވެ. ގިނަ ކުދިންނަކީ އެކުދިންނަށް ލިބޭ ހުސްވަގުތު، ހިތްހަމަޖައްސައިލުމަށް ހޮބީގެ ގޮތުގައި ކޮންމެވެސް ކަމެއް ކުރާނެ ކުއްޖެކެވެ. އާންމުކޮށް ކުރާ އެއްކަމެއްގައި ދެމިހުރުމުގެ ބަދަލުގައި، ކުރިއަށް އޮތް ޗުއްޓީގައި އާ ހޮބީއެއް ދަސްކުރަމާ ހިނގާށެވެ. އޭރުން އާ ކަންކަމަށް ޝައުޤުވެރިކަން އުފެދި، ސިކުނޑި ތަރައްޤީވުމަށް ފަހިކޮށްދެވޭ އިތުރު މަގަކަށް އެކަން ވާނެއެވެ. މިސާލަކަށް، އާ އިންސްޓްރޫމަންޓެއް ބޭނުންކުރަން ދަސްކުރުން، އާ ކުޅިވަރެއް ދަސްކުރުން ނުވަތަ އާރޓުގެ އާ ހުނަރެއް ދަސްކުރުން ފަދަ ކަމެއް ކޮށްލެވިދާނެއެވެ. އާ ކަމެއް ދަސްކުރުމަށް ފަންނީ މީހެއްގެ އެހީތެރިކަން ނުވަތަ އެކަމަކާ ގުޅޭ އެއްޗެއް ސާރޗްކޮށް ޔޫޓިއުބުގެ އެހީތެރިކަން ހޯދިދާނެއެވެ.

3. ގެއިން ބޭރުގައި ޙަރަކާތްތެރިވުން

ބައެއް ކުދިންނަކީ ޢާންމު ދިރުއުޅުމުގައި އަބަދު ގޭގައި އުޅެން ބޭނުންވާ، "ސްކްރީން ޓައިމް" ގިނަ ކުދިންނެވެ. ނަމަވެސް އެއީ، އެތައް ގޮތަކުން ގެއްލުންހުރި ކަމަކެވެ. ސްކްރީން ޓައިމް ގިނަ ނޫނަސް، އަބަދު ގޭގައި އިނުމަކީ ވެސް ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާކަމެކެވެ. އެހެންކަމުން، ކުރިއަށް އޮތް ޗުއްޓީއަކީ، ގެއިން ބޭރަށް ނިކުމެ، ރައްޓެހި ރަޙްމަތްތެރިންނާ އެކު ކުޅެ މަޖާކޮށްހަދާލަން އެންމެ ރަނގަޅު އެއް ދުވަސްވަރެވެ. ޢާއިލާއާއެކު ރަށުގެ ޚާއްޞަ ތަންތަން ބަލައިލަން ދިއުމަކީ ވެސް ކޮށްލެވިދާނެ ކަމެކެވެ.

4. އިޖްތިމާޢީ ކަމެއް ކޮށްލުން

ކުދިންގެ ފެންވަރުން ކުރެވޭނެ ތަފާތު އެކިއެކި އިޖްތިމާޢީ ކަންކަން ކުރުމަށް ވެސް ޗުއްޓީގެ ދުވަހެއް ހޭދަކޮށްލަން ރަނގަޅެވެ. ބޭނުން ޖެހިފައިވާ މީހަކަށް އެހީތެރިކަމެއް ދިނުމުގެ ގޮތުން ކަމެއް ކޮށްލުން، ކުރިން ކިޔާފައިވާ ފޮތެއް ކުއްޖަކަށް ހަދިޔާކޮށްލުން ނުވަތަ އެކުވެރިންނާއެކު އަތިރިމަތި ސާފުކޮށްލުން ފަދަ ކަންކަމަކީ ޗުއްޓީގައި ކޮށްލެވިދާނެ ކަންކަމެވެ. އަދި އޭގެ ސަބަބުން ތިޔަ ކުދިންނަށާއި އިތުރު އެހެން ބަޔަކަށް ހިތްހަމަޖެހުން ގެނުވާނެ ކަމަކަށް ވެސް މިކަންކަން ވާނެއެވެ.

5. ޢާއިލާއާއެކު ވަގުތު ހޭދަކުރުން

އާޢިލީ ގުޅުން ދެމެހެއްޓުމަކީ އެކަމަކަށް އިސްލާމް ދީން  ވެސް ނުހަނު ބާރުއަޅާ ކަމެކެވެ. އެހެންކަމުން، އާޢިލީ ގުޅުން ވަރުގަދަކުރުމަށް މި ޗުއްޓީގެ ބޭނުންހިފިދާނެއެވެ. އާޢިލާގެ މެންބަރުންގެ ގޭގެއަށް ޒިޔާރަތްކުރުން، އާޢިލާގެ އެންމެން އެއްތާކަށް އެއްވެ "ގެޓް ޓުގެދަރ" އެއް ބޭއްވުން، ބާބަކިޔުއެއް ހަދާލުން، ޕިކްނިކް އެއް ދިޔުން ފަދަ ކަމެއް ކޮށްލުމަކީ އާޢިލީ ގުޅުން ވަރުގަދަކުރުމަށް ކުރެވިދާނެ ކަންކަމެވެ. އެހެންކަމުން، ޗުއްޓީ ޕްލޭން ހަދާއިރު، މިއިން ކަމެއް ލިސްޓަށް އިތުރުކޮށްލަން ހަނދާންކުރައްޗެވެ.

6. ލައިފް ސްކިލްގެ ކޮންމެވެސް ހުނަރެއް ދަސްކުރުން

ސުކޫލުތަކުގައި އާންމުކޮށް ލައިފްސްކިލްގެ ހުނަރުތައް ދަސްކޮށެއް ނުދޭނެއެވެ. އެހެންކަމުން، މި ލިބޭ ޗުއްޓީގައި އަމިއްލައަށް މަސައްކަތެއް  ކުރަން ދަސްކުރުމަކީ ކޮންމެހެން ވެސް ކުރަންވާނެ ކަމެކެވެ. ރެސިޕީއެއް ބަލައިގެން އެއްޗެއް ކައްކަން ދަސްކޮށްލުން، ކުރިން ކުރަން ނޭނގޭ އާ މަސައްކަތެއް ދަސްކޮށްލުން ފަދަ ކަމެއް ޗުއްޓީގައި ކުރަން ވާނެއެވެ. މިފަދަ އާ ކަމެއް ދަސްކޮށްލަން މަންމަ ނުވަތަ ބައްޕަގެ އެހީތެރިކަން ވެސް ހޯދިދާނެއެވެ.

7. ކުރިއަށް އޮތް ޓާރމުގެ ކިޔެވުމަށް ތައްޔާރުވުން

ޗުއްޓީގެ ފަހުކޮޅު ކުރަން އެންމެ މުހިއްމު އަދި ކޮންމެހެން ވެސް ކުރަންޖެހޭނެ އެއް ކަމަކީ ކުރިއަށް އޮތް ޓާރމުގެ ކިޔެވުން ފަށަން ތައްޔާރުވުމެވެ. ފޮތްތަކާއި ސްޓޭޝަނަރީސް ހަމަކުރުމާއި، ޗުއްޓީގައި ނިންމަން ދިފައިވާ ޓާސްކެއް އޮތް ނަމަ ނިންމުމާއި، ޔުނިފޯރމް ރެޑީކުރުމާއި، ފިލާވަޅުތައް މުޠާލިޢާކުރުމަކީ ކޮންމެހެން ވެސް ކުރަންވާނެ ކަމެކެވެ.

މި ކިޔައިލަދެވުނު ކަންކަމަކީ، ތިޔަ ކުދިންގެ ޗުއްޓީ ޕްލޭން ހެދުމަށް އެހީއަކަށް ވާނެ ކަންކަން ކަމަށް އުންމީދު ކުރަމެވެ. ހުރިހައި ކުދިންނަށް ވެސް ބާއްޖަވެރި، މަޖާ ޗުއްޓީއަކަށް އެދެމެވެ.

ރިޕޯޓު ލިޔުނީ: ރަށު ރިޕޯޓަރ - އަޙްމަދު ރަޝީދު / ރ. މީދޫ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް