ގެއްލުނު މިހާ އޮޔާދިޔަ ޕެލެޓެއް މަތީގައި އޮއްވާ ފެނިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އުދަރެސް ބޯޓު ފަރަށް އަރައި އަޑިޔަށް ދިޔަ ސަރަަހައްދު ---
މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓުން ގެއްލުނު ދިވެހި މީހާ އޮޔާދިޔަ ޕެލެޓެއް މަތީގައި އޮއްވާ ފެނިއްޖެއެވެ. ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި އެމިހާ ފެނިފައިވަނީ އޮޔާދިޔަ ޕެލެޓެއް މަތީގައި އޮއްވާ އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށެވެ.
އެމިހާ ފެނިފައިވަނީ 2026 އޭޕްރީލް 9 ވަނަ ދުވަހުގެ ހެނދުނު 10:15 އެހައިކަންހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި އެމީހާއަށް ފަރުވާދޭން ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިޔަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، 2026 އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ ދަންވަރު 01:25 ހާއިރެވެ.
މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ޖުމުލަ 13 މީހުންގެ ތެރޭގައި ހިމެނޭ ބަންގުލަދޭޝް މީހަކު ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރައި ހާދިސާގެ މައުލޫމާތު ދީފައެވެ.
އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީން ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، ސަލާމަތްކުރެވުނު ޖުމުލަ 12 މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
މި ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން އެކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުންގެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް